Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ޑްރަގް ފަރުވާގެ ނިޒާމު ފެއިލްވެެއްޖެ ކަމަށް އެއްބަސްވާން މަޖުބޫރުވަނީ މިހެންވެ

ކޮންމެ ސަރުކާރެއް ވެރިކަމަށް އަންނަނީ މޫލާފައިވާ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކޮށްދޭނެ ކަމުގެ ފޮނި އުންމީދުތަކާއި ވަރުގަދަ މެނިފެސްޓޯތަކާ އެކުގައެވެ. ވޭތުވެދިޔަ ސަރުކާރުތަކުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އާ ސިޔާސަތުތަކެއްގެ ދަށުން މި މައްސަލައަށް ޖާދުލެއް ފަދަ ހައްލެއް ލިބިގެންދާނެ ކަމަށް ބުނުމަކީ އާންމު ކަމެކެވެ. މި ސަރުކާރުގެ ކުރީކޮޅުގައި ވެސް ފެނިގެންދިޔައީ މި މަންޒަރެވެ. ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ އިސްވެރިން މީޑިއާތަކަށް އަރައިވަޑައިގެން ދައްކަވަމުން ގެންދެވީ، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އެތައް ޒުވާނުންނަކަށް އާ ފުރުސަތުތަކެއް ހުޅުވި، ފަރުވާގެ ނިޒާމު ކާމިޔާބުވަމުން އަންނަ ކަމުގެ ވާހަކަތަކެވެ.

ނަމަވެސް، މި ވާހަކަތަކުގެ ފަހަތުގައި އޮތް ހަގީގަތް މުޅިން ތަފާތެވެ. މި ވަބާގައި ޖެހިފައިވާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ދިޔައީ ނިޒާމުގެ ނާކާމިޔާބީގެ ޝަކުވާ ކުރަމުންނެވެ. ފަރުވާގެ ނަމުގައި ހިންގާ މަރުކަޒުތަކުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމާއި، އެތަންތަނުން ނުކުންނަ މީހުން ދުވަސްކޮޅެއްގެ ތެރޭގައި އަލުން އަނބުރާ ކުރީގެ ހާލަތަށް ވެއްޓޭ ކަމީ މުޖުތަމައު ދަންނަ ހިތްދަތި ހަގީގަތެކެވެ.

އެތައް ދުވަހަކު މި ކަންކަން ފޮރުވައި، "ކާމިޔާބީގެ" މާސްކެއް އަޅައިގެން އުޅުމަށްފަހު، މިދިޔަ ހަފުތާގައި އެން.ޑީ.އޭގެ ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދު ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމަކީ ގިނަ ބަޔަކު ސިއްސުވާލި ކަމަކަށް ވިއެވެ. ފަރުވާގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށާއި، އެކަން އެގޮތުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އޭނާ ވަނީ ފުރަތަމަ ފަހަރަށް އިއުތިރާފުވެފައެވެ. މިއީ މިހާތަނަށް ކަމާބެހޭ އިސްވެރިއެއްގެ ކިބައިން ފެނުނު އެންމެ ތެދުވެރި އިއުތިރާފު ކަމުގައި ވިޔަސް، ސުވާލަކީ މިއަދު މި ހަގީގަތާ ކުރިމަތިލާން މަޖުބޫރުވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަގީގަތުގައިވެސް ކަމެއް ރަނގަޅުކުރުމުގެ ނިޔަތުގައި ވީ އިއުތިރާފެއްބާއޭ މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ.

މި ސަރުކާރުން މަސްތުވާތަކެއްޗާ މެދު ގެންގުޅޭ ނަޒަރިއްޔާތު ފެށުނީއްސުރެ އޮތީ ބަދަލުވެފައެވެ. ކުރީގެ ސަރުކާރުތަކުން މިއީ "ސިއްހީ އަދި ނަފުސާނީ" މައްސަލައެއްގެ ގޮތުގައި ދުށް ނަމަވެސް، މި ސަރުކާރުން އިސްކަންދިނީ މިއީ "ކުށެއް" ކަމަށް ބަލައި، އަދަބު ދިނުމުގެ ސިޔާސަތަށެވެ. އެން.ޑީ.އޭ، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ވެސް މި ވިސްނުމުގެ ބައެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ދިރާސާތަކުން ދައްކާގޮތުގައި، މަސްތުވާތަކެއްޗަކީ ސިކުނޑީގެ ނިންމުންތަކަށް ބަދަލުގަންނަވާ ދިގު މުއްދަތުގެ ބައްޔެކެވެ. ނަމަވެސް ރާއްޖޭގައި އިސްކަންދެނީ ފަރުވާއަށްވުރެ ބޮޑަށް، މީހުން ހައްޔަރުކޮށް، އެކަހެރިކޮށް، އަދަބުދީ ބިރާއި ލަދާއި ބޭނުންކޮށްގެން މިކަމާ މީހުން ދުރުކުރެވޭތޯއެވެ. ޑައިބެޓިކްސް ބަލީގައި ފަރުވާ ލިބެމުންދާ މީހަކަށް ބިރުގަންނަވާ ލަދުގަންނަވައިގެން އެމީހާގެ ހާލަތު ރަނގަޅުވާނޭ ހެއްޔެވެ؟ ހަމަ އެ ބީދާއިން ބައްޔެއްގެ ގޮތުގައި މުޅި ދުނިޔޭގެ ސިއްހީ ދާއިރާއިން ބަލައިގެންފައިވާ ހާލަތަކަށް ބިރާއި ލަދުން ފަރުވާ ދެވޭނެ ހެއްޔެވެ؟

މަގުމަތިން މީހުން ހޮވައި، ރިމާންޑް ސެންޓަރުތަކުގައި ބަންދުކުރުމަކީ މުޖުތަމައު "ސާފު" ވިހެން ހީވި ކަމުގައި ވިޔަސް، އެއީ މި މައްސަލައިގެ ދާއިމީ ހައްލެއް ނޫނެވެ. އަތުލައިގަނެވޭ މަސްތުވާތަކެތީގެ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، މި ވަބާގައި ޖެހޭ މީހުންގެ އަދަދު މަދެއް ނުވެއެވެ. މި ނިޒާމު ނާކާމިޔާބުވާ މައިގަނޑު ސަބަބަކީ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ނެތުމާއި، ފަރުވާއަށްފަހު މުޖުތަމައަށް ނުކުންނަ މީހުންނަށް ބޭނުންވާ އިޖުތިމާއީ އަދި އިގުތިސާދީ އެހީތެރިކަން ފޯރުކޮށްނުދެވުމެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ހަމައެކަނި ސިޔާސީ އުކުޅެކެވެ. ކަމެއް ނާކާމިޔާބުވާ ވާހަކަ ދައްކަނީ، އެކަމަކަށް އިއުތިރާފުނުވެ ތިބުމުން ލިބޭ ގެއްލުން މާ ބޮޑުވެ، މައްސަލަ ބޮއްސުންލައިގެން ދިއުމުންނެވެ. އެ ހިސާބުން، މިއީ ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ މައްސަލައެއް ކަމަށް ބުނެ ނުވަތަ އޮނިގަނޑުގެ މައްސަލައެއް ކަމަށް ބުނެ ޒިންމާއިން ރެކުމަކީ ފަސޭހަ މަގަކަށް ވެއެވެ. މިއީ ކުރީއްސުރެ ކަން އޮތް ގޮތް ކަމަށް ބުނުމުން ޒިންމާ އުފުލަން ނުޖެހޭތީއެވެ.

ފަރުވާގެ ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުރިކަމަށް އެއްބަސްވި ނަމަވެސް، މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާވެފައިވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށެވެ. އެއީ މުހިންމު ކަމެއް ނަމަވެސް، ދުނިޔޭގެ ދިރާސާތަކުން ދައްކާ ގޮތުގައި، ބަލިމީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްނުދީ ހަމައެކަނި އެތެރެވާ ތަކެތި މަދުކޮށްގެން މި މައްސަލައަށް ހައްލެއް ނާންނާނެއެވެ. މިއީ މީހުން ގޯސްވެގެން ވާކަމެއް ނޫނެވެ. މި ބަލީގެ ނުރައްކާތެރިކަމުން ދިމާވާ ކަމެކެވެ.

ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރިހެބިލިޓޭޝަން ނިޒާމުތަކުގައި، އެޑިކްޓުންނަކީ ކުށްވެރިންގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ބަލީގެ ޝިކާރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ބަލައި އެންމެ ފުރިހަމަ ފަރުވާ ދެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ކުށެއްގެ ގޮތުގައި ދެކޭހާ ހިނދަކު، ފަރުވާ ހޯދަން އެ މީހުން ޖެހިލުންވެ، މާޔޫސްވެ، އަލުން އެކަމުގެ ތެރެއަށް ވަދެވުމުން އެހީތެރިކަން ހޯދަން އުޒުރުވެރިވެއެވެ. ކާމިޔާބު ނިޒާމުތަކަކީ މުޖުތަމައާ ގުޅިގެން ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ގުޅުންތައް ވަރުގަދަކޮށްދީ، ގުޅުން ހުރި އެހެން ދާއިރާތައް މެދުވެރިކޮށް މި ބަލީގައި އުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތަކެވެ.

ރާޝިދުގެ ވާހަކައިން އެނގިގެންދަނީ ރިހެބަށް ތަކުރާރުކޮށް ދާންޖެހުމަކީ މިހާރު އޮތް ނިޒާމުގެ ފެއިލިއަރއެއް ކަމެވެ. މި ބައްޔަކީ އަސާސީ ފަރުވާއަށްފަހު މުޖުތަމައުގެ ތެރެއިން ދާއިމީ އެހީތެރިކަން ބޭނުންވާ ބައްޔެކެވެ. މިހާ ގިނަ ދުވަސްވީއިރު ވެސް ވަށާޖެހޭ ނިޒާމެއް ގާއިމުނުކުރެވުމާއި، ފަރުވާދޭ މަރުކަޒުތަކުގެ ފެންވަރު ދަށްވުމަކީ މިކަމަށް ދެވިފައިވާ އަހައްމިއްޔަތު ކުޑަކަން ހާމަވާ ކަމެކެވެ.

މި ސަރުކާރަށް ދެ އަހަރާއި ބައި ވެގެންދިޔައިރު، އެންމެ ބޮޑު ނާކާމިޔާބީއެއް ފެންނަނީ މަސްތުވާތަކެތީގެ ސިޔާސަތު ތަންފީޒުކުރުމުގައެވެ. ހަގީގީ ހާލަތު ތެދުވެރިކަމާއެކު ހާމަކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، ފުރިހަމަ ޒިންމާ ނަގަން ބޭނުންވާ ނަމަ، އެންޑީއޭގެ ހިދުމަތް ހޯދާ މީހުންގެ ބޭނުންތަކަށް އިސްކަންދީ، އެމީހުންގެ ހާލަތަށް އެކަށީގެންވާ ހަގީގީ ފަރުވާ ދިނުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. މަރުކަޒުތައް މަރާމާތު ކުރުމުގެ އިތުރުން، ފަރުވާގެ ނިޒާމު ހަރުދަނާކޮށް ނަތީޖާ ނެރެދޭން ޖެހެއެވެ. އެންޑީއޭ އަލުން އަނބުރާ ހެލްތުގެ ދަށަށް ގެންދަން ސަރުކާރުން އެބަ ވިސްނަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ތި ރާޝިދަކީ ޑްރަގު ބޭނުން ކުރުމާއި ޑީލްކުރިކަމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލުޙުކުމެއް އައިސް މިހާރުވެސް ކަމުތެރޭ އުޅޭކަމަށް ތުހުމަތުކުރެވޭ މީހެއް، މީނާއަކަށް ކުރެވޭނެ ފަރުވާއެއްނޯންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *