މީގެ އަހަރުތަކެއް ކުރީން، ކޮލަމްބޯގެ ވިޗަލީ އިންޓަނޭޝަނަލް ސްކޫލްގައި އަޅުގަނޑު އެޑްވާންސް ލެވެލްއަށް ކިޔެވި ދުވަސްވަރު، އެއް ދުވަހަކު ކިލާހުގައި ކުރެވުނު ބަހުސެއްގައި، ސްރީލަންކާ އަށް ނިސްބަތްވާ ކުއްޖަކު އަޅުގަނޑާ ދިމާއަށް ސިންގަޅަ ބަހުން ބުންޏެވެ: "ހިރި ޕްރަދެޝަޔާ ސައް ޕައްނިން". މާނައަކީ މޯލްޑިވްސް އިޒް އަ ސްމޯލް ކަންޓްރީ ވިތު ސްމޯލް ޕީޕަލް ހޫ ހޭވް ސްމޯލް މައިންޑްސް! އާދެ، ދިވެހި ރާއްޖެ އަކީ ކުދި ސިކުނޑިތަކެއްގެ ވެރި ކުޑަކުޑަ މީހުން އުޅޭ ކުޑަ ޤައުމެއް ކަމަށެވެ!
އެ ދުވަސްވަރުގެ އެހެން ހާދިސާއެކެވެ. ކޮލަމްބޯގައި އަޅުގަނޑު ކިޔެވި އިރު، އަހަރަކު އެއް ފަހަރު ސްޓޫޑެންޓް ވިސާ އާކުރަން ލަންކާގެ އިމިގްރޭޝަން އޮފީހަށް ދަމެވެ. އާދައިގެ މަތީން، ކޮންމެ އަހަރަކު ވެސް ކަންކުރާ ފަދައިން ވިސާ އާކުރަން ދިއުމުން އިމިގްރޭޝަން އޮފިސަރު ބުނީ ޕާސްޕޯޓް ސައިޒް ފޮޓޯ ކަމުނުދާ ކަމަށެވެ. އަލުން ފޮޓޯ ނަގަން ބުނުމުން ކުރޮޅި އަކަށް އަރައިގެން ފޮޓޯ ސްޓޫޑިއޯ އަކަށް ގޮސް އަނެއްކާވެސް ޕާސްޕޯޓް ސައިޒް ފޮޓޯ ނަގައިގެން ގޮސް، ކިއުގައި ޖެހިގެން، އަޅުގަނޑުގެ ނަމްބަރު އެތައް އިރަކުން ޖެހުމުން ފޮޓޯ ދިނުމުން އަނެއްކާ ވެސް ބުނީ ފޮޓޯ ކަމުނުދާ ކަމަށެވެ. އަނެއްކާވެސް ކުރޮޅި އަކަށް އަރައިގެން ގޮސް ފޯޓޮ ނަގައިގެން ހުރިހާ ކަމެއް، ކުރިން ކުރި ފަދައިން ތަކުރާރުކޮށް، ކިއުގައި ޖެހިގެން ދިއުމުން ބުނީ އެ ފޮޓޯ ވެސް ކަމުނުދާ ކަމަށެވެ. ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑު ދިވެއްސަކަށް ވީމަ ޖެއްސުން ކުރަނީ އެވެ. ނުވަތަ އިމިގްރޭޝަން އޮފިސަރަށް ރިޝްވަތު ނުދީގެން ޖެއްސުން ކުރަނީ އެވެ. މިއީ އުމުރުން އެންމެ 17 ވަރަކަށް އަހަރުގެ ދިވެހި ކިޔަވާ ކުއްޖަކަށް ލަންކާ އިމިގްރޭޝަނުން، މީގެ އެތައް އަހަރެއް ކުރީން ކުރި ޖެއްސުމެވެ. ލަންކާ މީހުން ދިވެހީންނާ މެދު ކިތައްމެ ފްރެންޑްލީކޮށް އުޅުނަސް، އެއިރުވެސް އަދި މިހާރު ވެސް، އެމީހުން ދެކެނީ ދިވެހި ރާއްޖެ އަކީ ވަރަށް ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، އާބާދީ މަދު "ދޫނި-ރާއްޖެ" އެއް ކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން، އަޅުގަނޑު ރާއްޖޭން ބޭރަށް ކުރި ދަތުރެކެވެ. ސްރީލަންކަން އެއާލައިނުން ކުރި ދަތުރެކެވެ. ދިގު ދަތުރަކަށް ވުމުން ގައިގައި އަޅާލާނެ ރަޖާގަނޑެއް ދިނުމަށް ލަންކާގެ އެއާހޮސްޓެސް ކުރެން އެދުނީމެވެ. އަޅުގަނޑަށް ވުރެ ފަހުން އެދުނު ޔޫރަޕްގެ ދޮން ނަސްލުގެ ފަސިންޖަރުންނަށް ރަޖާ ދިން އިރު ވެސް އަޅުގަނޑަކަށް ނުދެއެވެ. އެތައް ފަހަރަކު ހަނދާންކޮށްދީގެން ވެސް ރަޖާ ނުލިބުމުން އަޅުގަނޑު ކޮޅަށް ތެދުވެ، މުޅި ކެބިންގެ އެންމެންނަށް އަޑުއިވޭ ވަރަށް ބުނީމެވެ: "ޔޫރަޕްގެ ދޮން މީހެއް ނޫނަސް އަޅުގަނޑަށް ވެސް ރަޖާގަނޑެއް ދޭންޖެހޭނެ" ކަމަށެވެ. އެދުވަހު ރަޖާގަނޑެއް ލިބުނީ އެވަރު ކޮށްގެންނެވެ.
އަޅުގަނޑު ސްރީލަންކާގައި ކިޔަވަން ހޭދަކުރި ދެ އަހަރު ދުވަހަކީ ވަރަށް ހިތްގައިމު ހަނދާންތަކެއް ވެސް އެކުލެވޭ ދެއަހަރެވެ. ލަންކާގެ ކާނާ ވެސް ވަރަށް މީރެވެ. ލަންކާ މީހުން ވެސް ފެންނަ ފެނުމަށް ވަރަށް ފްރެންޑްލީ އެވެ. ނަމަވެސް ރަނގަޅަށް އަޑިއަށް ފީނާލައިފި ނަމަ އެނގޭ އެއްޗަކީ ލަންކާ މީހުން ބަލަނީ ދިވެހީންގެ ލާރިއަށްކަމެވެ. ދިވެހީން ލަންކާގައި ގޮސް އުޅެނީ ލަންކާ މީހުންގެ ވަޒީފާ ހޯދައިގެނެއް ނޫނެވެ. ދިވެހީންނަށް ދިވެހި ރާއްޖެއިން ލިބޭ ލާރި ލަންކާ އަށް ގެންގޮސްގެންނެވެ. ދިވެހީން ލަންކާ އަށް ކިޔަވަން ދިޔައަސް، އަދި ބޭހަށް ދިޔައަސް، އަދި ދިރިއުޅެން ލަންކާ އަށް ބަދަލުވިއަސް، ފައިދާ ވަނީ ލަންކާގެ އިގްތިސޯދަށެވެ. ލަންކާ މީހުން އަބަދުވެސް ދެކެނީ ދިވެހީންނަކީ ތަނަވަސް، ލާރި ގެންގުޅޭ ބައެއް ކަމަށެވެ. އެމީހުން "ނައިސް" ވަނީ ދިވެހީންގެ "އުމްބަލަކަޑަ" އަށާއި ރިހާކުރަށާއި ލާރިއަށެވެ. މިއީ އައްޑޫ އާއި ހުވަދޫ އޮޑިފަހަރު ލަންކާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރި ޒަމާނުން ފެށިގެން ލަންކާ މީހުން ދިވެހީންނާ މެދު ދުށް ގޮތެވެ.
ދިވެހީން ލަންކާއަށް ގޮސް، އެ ޤައުމުގެ އިގްތިސޯދަށް ޑޮލަރު ވެއްދިއަސް، ލަންކާ މީހުން ޒަމާނުއްސުރެ ރާއްޖެ އަންނަނީ ރާއްޖޭގެ ގޭގޭގައި މަސައްކަތް ކުރަންށާއި، ރިސޯޓްތަކާއި ކުންފުނިތަކުގެ ވަޒީފާ، ނުވަތަ އޮޑިޓަރުކަން ނުވަތަ އެކައުންޓެންޓުކަން ފަދަ މަސައްކަތެއް ކުރާށެވެ. އަދި މިފަހަކަށް އައިސް، ދިވެހީންގެ ނަމުގައި ކުންފުނި ހަދައިގެން، ބަންގްލަދޭޝް އާއި އިންޑިއާ މީހުން ގޮތަށް، ޤަވާއިދާއި ހިލާފަށް ވިޔަފާރި ކުރާ ލަންކާ މީހުން ވެސް މަދެއް ނޫނެވެ. ދިވެހި އިގްތިސޯދުން އަހަރަކު އެތައް މިލިއަން ޑޮލަރު ލަންކާ މީހުން ބޭރު ކުރެއެވެ. ވިޔަފާރި ކޮށްގެންނާއި ވަޒީފާ އަދާ ކޮށްގެންނެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ސްރީލަންކާ އަށް އެރި ތޫފާން "ދިތުވާ"ގެ ސަބަބުން ބޯކޮށް ވާރޭވެހި، ސްރީލަންކާގެ ތާރީހު ދުވަހަކުވެސް ނުދެކޭ ފަދަ، ބޮޑެތި ގެއްލުންތައް އެ ޤައުމަށް ލިބި، އެތައް ސަތޭކަ މީހުން މަރުވި ހާދިސާގައި ލަންކާއަށް ލިބުނު އިގްތިސޯދީ ގެއްލުމާއި، ދިމާވި އިންސާނީ ކާރިސާއިން އަރައިގަތުމަށް ބިޔަ ބޮޑު ޗައިނާ އާއި އެމެރިކާއިން ދިންވަރަށް ވުރެ ބޮޑު އެހީއެއް ދިވެހި ސަރުކާރާއި ރައްޔިތުން ދިނެވެ. ދިވެހި ބައެއް ކުންފުނިތަކުން ދެ ލައްކަ ޑޮލަރު، އަދި ތެލެތޯންތައް ބާއްވައިގެން ބޮޑެތި އެހީތައް ދިނެވެ. ދިވެހި ސަރުކާރުން މިލިއަނަކަށް ވުރެ ގިނަ މަސް ދަޅާއި އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާ އަށް ދިނެވެ. އެ ޤައުމުގައި ދިރިއުޅޭ ދިވެހީންވެސް މަގުތަކަށް ނިކުމެ ލަންކާގެ އާންމުނަށް ބޮޑެތި އެހީތައް ދިނެވެ. މިވަރުގެ އެހީތެރިކަމެއް، އެއްކަލަ "ކުޑަކުޑަ" ދިވެހި ރާއްޖެއިން ވުމުން، ލަންކާ ސަރުކާރުން އެކަން ހަނދާން ނައްތާލީ އެންމެ ދެމަސް ދުވަހުގެ ތެރޭގައެވެ. އެކި ބޭނުންތަކަށް ސްރީލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެ، ލަންކާ އިމިގްރޭޝަނުން ދިވެހީންނާ މެދު ނަސްލީ އިމްތިޔާޒު ގެންގުޅެން ފަށައިފިއެވެ. ލަންކާގައި ދިރިއުޅޭ ބައެއް މީހުން ކިޔައިދިން ގޮތުގައި ވިސާ ހޯދަން ނުވަތަ ވިސާގެ މުއްދަތު އާކުރަން ލަންކާގެ އިމިގްރޭޝަނަށް ދިއުމުން ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތި ކުރުވައި، ލަންކާގެ އިމިގްރޭޝަންގެ މުވައްޒަފުން ދިވެހީންނާ މެދު ވަރަށް ބޮޑަށް ޒާތީވާން ފަށައިފިއެވެ.

ލަންކާ ސަރުކާރުން ހިންގާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި، ދިވެހި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިން، ހެނދުނު 9:00 އިން ހަވީރު 5:00 ޖަހަންދެން ދިގު ކިއޫތަކުގައި ބައިތިއްބާ ކަމަށާއި، ލަންކާގެ އިމިގްރޭޝަން އޮފިސަރުން ދިވެހީންނާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. "އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަށް ލަންކާ އިމިގްރޭޝަނުން އިސްކަން ދޭތީ،" ސަފީރު މަސްއޫދު ވިދާޅުވި ކަމަށް ޑެއިލީ ނިއުސްގައި ވެއެވެ. މިއީ ހާލުގައި ޖެހުނު ދުވަހު އެންމެ "ބޮޑު" އެހީވި "ކުޑަ" ޤައުމަށް ލަންކާ އިން ދިން ޝުކުރުގެ އިނާމެވެ!
ދިވެހިންނާ މެދު ތަފާތުކޮށް، އެތައް ހުރަސްތަކެއް ކުރިމަތިކުރާތީ ލަންކާއަކީ ބޭސްފަރުވާ އާއި ތައުލީމް ހާސިލު ކުރުމަށް އިސްކަންދޭ ގައުމެއްގެ ގޮތުގައި ދިވެހިން ދެކޭ ދެކުން ބަދަލުވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި ކަމަށާއި، އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވެސް ބޮޑު ތަނުން މިހާރު މަދުވެފައިވާ ކަމަށް މަސްއޫދު ވިދާޅުވި ކަމަށް ޑެއިލީ ނިއުސްގައި ވެއެވެ. ލަންކާގައި ދިވެހީންނަށް ވިސާގެ ދަތިކަން ބޮޑުވެ، ތަފާތުކުރުންތައް ގިނަވީ 2019 ވަނަ އަހަރު އެ ޤައުމުގައި ދިން ބޮމުގެ ހަމަލާތަކަށް ފަހުގައެވެ. ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ވިސާގެ މުއްދަތު ހަ މަހުން އެއް އަހަރަށް މިހާރު ބޮޑުކޮށްދީފައި ވިޔަސް، އެއް އަހަރުގެ ވިސާ ދެނީ ލަންކާގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސް.އައި.އެސް) އިން ޓެރަރިޒަމްގެ ކަންބޮޑުވުންތަކާ ގުޅޭ އެސަސްމެންޓެއް ފުރިހަމަ ކުރުމަށް ފަހު އެވެ. ލަންކާ މީހުން މިހާރު ދެކެނީ ދިވެހި މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ކަމުގައި ވެސް ވެދާނެއެވެ.
ދިވެހިންނާ މެދު ލަންކާއިން ވިސާގެ ކަންތަކުގައި ކަން ކުރާ ގޮތް ރަނގަޅު ނުކޮށްފިނަމަ، ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ވެސް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު ދިވެހި ސަފީރު ދެއްވިއެވެ. ނަމަވެސް ދިވެހީންނަކީ ލަންކާ މީހުންގެ ވެސް ދަށުވެ، ބަންގާޅު މީހުންގެ ވެސް ދަށުވެ، އިންޑިއާ މީހުންގެ ވެސް ދަށުވެފައި ތިބޭ ބައެއް ފަދައެވެ. އިންޑިއާ އިމިގްރޭޝަނުގައި ވެސް ދިވެހީންގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހައިފައި ބަން ކިޔައިފައި ފާސްޕޯޓު، ކައުންޓަރުމަތީގައި ޖަހައިފައި، ޓެރަރިސްޓަކާ ދިމާއަށް ބަލާހެން، ލޯ ކުޑަކޮށްލައިފައި، ކަތި ނަޒަރަކުން ބަލައިލާނެއެވެ. ކޮންމެ ގޮތަކަށް ހެއްޖަސް ދިވެހީން އަނެއް ދަތުރުގައި ވެސް ހަމަ ހެވިފައި ލަންކާ އަށާއި އިންޑިއާ އަށް ދާނެއެވެ.
ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވާތީ ސަފީރު މަސްއޫދު ކަންބޮޑުވުން ފާޅު ކުރައްވައިފައި ވަނިކޮށް، ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު މާ މޮޅު ވާހަކައެއް މި ވަނީ ދައްކަވައިފައެވެ. އެއީ މިފަހަކަށް އައިސް، ސްކޫލް ކުދިންގެ ޔުނިފޯމުން އައުރަ ނިވާވާތީ އެކަމާ ކަންބޮޑުވެގެން، އައުރަ ހާމަ ނުކުރެއްވިގެން އުޅުއްވި ނަޝީދެވެ! މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރު މަސް ނުވިއްކިގެން ކަންބޮޑުވެގެން އުޅުއްވި ނަޝީދެވެ. އީރާނު ސަރުކާރު ނުވެއްޓިގެން، ހުޅަނގުގެ ފިކުރާ އެއްގޮތަށް، އީރާން ސަރުކާރަށް ދާދި ފަހުން ފާޑުވިދާޅުވި ނަޝީދެވެ! ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ހުރަސްތައް ކުރިމަތިވާތީ ދިވެހި ސަފީރު މަސްއޫދު ކަންބޮޑުވުން ފާޅުކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އެއްކޮށް އުވާލަންޖެހޭ ކަމަށެވެ. މާނައަކީ ލަންކާ މީހުން އެއްވެސް ވޯކް ޕާމިޓެއް ހޯދުމެއް ނެތި، ބޭނުން އިރަކު އައިސް ރާއްޖޭގައި ވަޒީފާ އަދާކޮށް، ވިޔަފާރި ކުރެވޭ ގޮތަށް ހުރިހާ ބޯޑާ ކޮންޓްރޯލެއް އުވާލަންވީއެވެ. ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. ބޯޑާ ކޮންޓްރޯލްތައް ނިމުމަކަށް ގެނެސް، ވިސާ އާއި ވޯކްޕާމިޓް ފަދަ ކަންކަން އުވާލައިފި ނަމަ، ފަތުރުވެރިކަމާއި ވިޔަފާރި އަދި ވަކިވަކި ފަރުދުންގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
ހދ. ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަން ވެސް ދާދި ފަހުން ގޮވައިލެއްވި ނަޝީދު، ލަންކާ އާއި ރާއްޖެއާ ދެމެދު ބޯޑާ ކޮންޓްރޯލްތައް އުވާލަން މިގޮވާލެއްވީ ހަޤީގަތުގައި ލަންކާއާއި ރާއްޖޭގެ ވާހަކައެއް ނޫނެވެ! ނަޝީދުގެ މިވާހަކަ އަކީ ހަޤީގަތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޯޑާ ކޮންޓްރޯލް އުވާލަން ގޮވައިލެއްވުމުގެ ކުރިން، "ވޯމް-އަޕް" ކޮށްލެއްވުމަށް، އަދި ދިވެހީންގެ ވިސްނުން ޗެކްކޮށްލެއްވުމަށް ގޮވައިލެއްވި ގޮވާލެއްވުމެކެވެ. ރައީސް ނަޝީދުގެ މިފަދަ ވާހަކަތަކުން ހާމަވާ ކަމަކީ، އެމަނިކުފާނަކީ ދިވެހި ޤައުމު ދެކެ އެއްވެސް ވަރަކަށް ލޯބިވާ ބޭފުޅެއް ނޫންކަމެވެ. އެ މަނިކުފާނަކީ ޒަމާނުއްސުރެވެސް ސްރީލަންކާ އާއި އިންޑިއާ އަދި އިނގިރޭސި ވިލާތަށް ނުހަނު ލޯބި ކުރައްވާ، އެ ތިން ޤައުމަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. ވެރިކަން ލިބިވަޑައިގަތުމުން ވެސް އަދި ވެރިކަމުން ދުރުވެވަޑައިގަތުމަށް ފަހުވެސް ނަޝީދު ކަން ކުރައްވަނީ، އަދި ވާހަކަ ދައްކަވަނީ ވެސް ދިވެހީންނަށް ގެއްލުން ހުރި ގޮތަށެވެ. ރައީސް ނަޝީދާއި، އެމަނިކުފާނު އެންޑޯޒް ކުރައްވާ އަލީ އާޒިމް ފަދަ ފަރާތްތަކަށް ދިވެހީން އިތުބާރު ކުރަން ނުޖެހޭ ސަބަބަކީ މިއީ އެވެ.
ސަފީރު މަސްއޫދު، ޑެއިލީ ނޫހަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާ ސުވާލުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް، ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ. ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަން އޮފިޝަލުން އިހާނެތިކޮށް ހިތުން ހުއްޓައިނުލައިފި ނަމަ، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވެ ސަފީރު މަސްއޫދު ދެއްވި އިންޒާރަކީ ޑިޕްލޮމެސީ އާއި ބައިލެޓެރަލް މަޝްވަރާގެ ރިވެތި އުސޫލުތައް ދޫކޮށްލުމަށްފަހު، ފާޅުކަން ބޮޑު ގޮތެއްގައި އަވަށްޓެރި ގައުމަކާ ޖެހިގަތުން ކަމުގައި މީކާއިލް ވިދާޅުވެފައިވެއެވެ. މިކަމުގައި ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއަކީ ސަފީރު މަސްއޫދު ދެއްކެވި ވާހަކަ އަކީ ސްރީލަންކާ ސަރުކާރުން ބޮޑުތަނުން ނުރުހޭ ވާހަކައެއް ނަމަ ސްރީލަންކާ ސަރުކާރު ނޫހެއް ކަމުގައިވާ ޑެއިލީ ނިއުސްގައި މަސްއޫދުގެ އިންޓަވިއު ނުޖެހީސް ކަމެވެ. ދެވަނަ ނުކުތާ އަކީ ސަފީރު މަސްއޫދުގެ ވާހަކައިގެ ސަބަބުން، އެމް.ޑީ.ޕީން އެބުނާ ފަދަ ޑިޕްލޮމެޓިކް ހައިޖާނެއް އުފެދުނު ނަމަ ދިވެހި ސަފީރު ލަންކާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް ނުރުހުން ފާޅުކުރުމުގެ ޑިޕްލޮމެޓިކް ޕްރޮޓޮކޯލް ލަންކާއިން ބޭނުން ކުރީހެވެ. އަދި އެއަށް ވުރެ މައްޗަށް ދިޔަ ނަމަ "ޕާސޮނާ-ނޮން-ގްރާޓާ" (ޕީ.އެން.ޖީ) ގެ ދަށުން، އިތުބާރު ނެތް ކަމަށް ނިންމައި ދިވެހި ސަފީރާއި އާއިލާ، ފޮށިތަންމައްޗާއެކު، 24 ގަޑިއިރު ތެރޭގައި ލަންކާއިން ބޭރުކުރުމުގެ އިހްތިޔާރު ވެސް ލަންކާ އަށް އޮންނާނެއެވެ. ނަމަވެސް މިފަދަ އެއްވެސް ފިޔަވަޅެއް ލަންކާ ސަރުކާރުން އަޅައިފައި ނުވަނީސް އެމް.ޑީ.ޕީން މިކަމާ ގުޅިގެން ދިވެހީންގެ ކޮޅު ނެގުމުގެ ބަދަލުގައި ބޭރު ޤައުމެއްގެ ކޮޅު ނަގާތަން ފެނުމަކީ ހިތާމަހުރި ކަމެކެވެ.
ފަހު ބަހެއްގެ ގޮތުން އަސްލު މައުލޫ އަށް އެނބުރިލައި، ދިވެހި ސަފީރު މަސްއޫދު ވިދާޅުވި ބަސް ތަކުރާރު ކޮށްލާނަމެވެ. "އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި ހަމުގެ ކުލަ އަލި މީހުންނަށް ލަންކާ އިމިގްރޭޝަނުން އިސްކަން ދޭތީ،" ސަފީރު މަސްއޫދު އިމާދު ވިދާޅުވިއެވެ. މިއީ ހާލުގައި ޖެހުނު ދުވަހު އެންމެ "ބޮޑު" އެހީވި "ކުޑަ" ޤައުމަށް ލަންކާ އިން ދިން ޝުކުރުގެ އިނާމެވެ. ލަންކާ މީހުން މިހާރު ދެކެނީ ދިވެހި މުސްލިމުންނަކީ ލަންކާ ހަލާކުކުރަން ގޮސް އުޅޭ ޓެރަރިސްޓުން ތަކެއް ކަމަށް ކަމުގައި ވެސް ވެދާނެއެވެ. ދިވެހިންނާއި މެދު ލަންކާއިން ވިސާގެ ކަންތަކުގައި ކަން ކުރާ ގޮތް ރަނގަޅު ނުކޮށްފިނަމަ، ރާއްޖެ އަންނަ ލަންކާ ރައްޔިތުންނަށް ވިސާ ދިނުމުގެ އުސޫލު ވެސް ހަރުކަށި ކުރަންޖެހިދާނެކަމުގެ އިންޒާރު ސަފީރު މަސްޢޫދު ދެއްވިއެވެ. ސަފީރުގެ މި ބަސް ދަމަހައްޓައި ދިވެހި ރާއްޖެއިން ވެސް ލަންކާ މީހުންނަށް ވޯކް ވިސާ ދިނުން ހަރުކަށި ކުރަން ޖެހެއެވެ. ރިސޯޓުތަކާއި ދިވެހި ކުންފުނިތަކުގައި މަސައްކަތްކުރާ، އަދި ޤަވައިދާ ހިލާފަށް މެދުފަންތީގެ ވިޔަފާރިތަކަށް ވަދެ އުޅޭ ލަންކާ މީހުންވެސް ހަމަމަގަށް އަޅުވަން ޖެހެއެވެ. ދިވެހީންނަށް އިހްތިރާމް ނުކުރާ ބަޔަކަށް ދިވެހީން ވެސް އިހްތިރާމް ކުރާކަށް ނުޖެހެއެވެ.

2 Responses
ރާއްޖެއިން ވެސް ލަންކާ މީހުންނަށް ވޯކް ވިސާ ދިނުން ހަރުކަށި ކުރަން ޖެހެއެވެ. ރިސޯޓުތަކާއި ދިވެހި ކުންފުނިތަކުގައި މަސައްކަތްކުރާ، އަދި ޤަވައިދާ ހިލާފަށް މެދުފަންތީގެ ވިޔަފާރިތަކަށް ވަދެ އުޅޭ ލަންކާ މީހުންވެސް ހަމަމަގަށް އަޅުވަން ޖެހެއެވެ. ދިވެހީންނަށް އިހްތިރާމް ނުކުރާ ބަޔަކަށް ދިވެހީން ވެސް އިހްތިރާމް ކުރާކަށް ނުޖެހެއެވެ.
އަދާވާތްތެރިން އުޅޭނީ އެގޮތަށް.