ޖުވާ ކުޅުމަކީ ކުށަކަށް ހަދަން މި ސަރުކާރުން ނިންމައިފިއެވެ. ދިވެހީން ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަތްގަދަކޮށްގެން ތިބި ބިދޭސީން ހޯދައި، އެ ވިޔަފާރިތައް ބަންދުކުރަން ފަށައިފިއެވެ. ގޭންގުތައް ހުއްޓުވަން ހަރުކަށި ފިޔަވަޅު އަޅަން ފަށައިފިއެވެ. ޑްރަގްގެ ވިޔަފާރި ކުރާ ފަރާތްތަކަށް އޮތީ ހަނަފަސް ދުވަސްތަކެއް ކަމަށް ވިދާޅުވެ، ހަރުކަށި ފިޔަވަޅުތަކާ އެކު ހޯމް މިނިސްޓަރު އިންޒާރު ދެއްވައިފިއެވެ. ސްކޭމަރުން ހޯދަން ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. ސްކޫލްތަކުގެ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ކުދިންގެ ޔުނިފޯމްގައި ހަރުވާޅު ހިމަނައިފިއެވެ. ސަރުކާރުގެ އަންހެން މުއައްޒަފުންގެ އޮފީސް ހެދުންތައް އިސްލާމީ މިންގަނޑަށް ފައްތަން މަސައްކަތް ފަށައިފިއެވެ. އެކަނިވެރި މައިންނަށް ދޭ އިނާޔަތް މަހަކު 12،000ރ. އާ ހަމައަށް ބޮޑުކޮށްފިއެވެ. ތެލަސީމިއާ، ލޭ އަޅާ ކުދީންނަށް ކޮންމެ މަހަކު އެލަވަންސެއް ދޭން ނިންމައިފިއެވެ. މިއީ ވަރަށް ރަނގަޅު ފެށުމެކެވެ.
ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުން
މިފެށުނު އައު އަހަރު، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ އާދައިގެ ވިދާޅުވުމެއް ނޫނެވެ. މި ޤައުމުން ވޭޕް ބޭންކުރީ ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުމަށެވެ. ދުންފަތުގެ ޑިއުޓީ ބޮޑުކޮށް، ވަކިވަކިން ސިނގިރޭޓް ނުވިއްކޭ ގޮތަށް ޤަވާއިދު ހަދައި، 21 އަހަރުން ދަށުގެ މީހުންނަށް ސިނގިރޭޓް ނުގަނެވޭ ގޮތަށް ޤަވާއިދު ބަދަލުކުރީ ވެސް ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުމަށެވެ. ދުންފަތުން ޖީލެއް ސަލާމަތް ކުރުމުގެ ނިޔަތުގައި، ޖެނެރޭޝަނަލް ބޭންގެ ނަމުގައި، 2007 ވަނަ އަހަރުގެ ފަހުން އުފަންވާ އެއްވެސް މީހަކަށް ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ނުގަނެވޭ ގޮތަށް ޤަވާއިދު ބަދަލުކުރީ ވެސް ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުމަށެވެ.
މައްސަލަ އަކީ ބައެއް ޤަވާއިދުތައް ތަންފީޒު ނުކުރެވުން
މި ހުރިހާ ޤަވާއިދުތައް ވެސް ވަރަށް މުހިއްމެވެ. ނަމަވެސް، މައްސަލަ އަކީ ބައެއް ޤަވާއިދުތައް ތަންފީޒު ނުކުރެވޭ ތަން ފެނުމެވެ. އަދިވެސް ބިދޭސީން ހިންގާ ކޮފީ ކަޑަ ތަކާއި، ބައެއް ކަންމަތީ ފިހާރަ ތަކުން ވަކިވަކިން ސިގިރޭޓު ވިއްކައެވެ. ޖެނެރޭޝަނަލް ބޭން އަށް އަމަލު ކުރުމުގެ ގޮތުން ސިގިރޭޓު ވިއްކުމުގެ ކުރިން އައިޑީ ކާޑު ޗެކް ކުރާ އެއްވެސް ފިހާރައެއް ނުފެނެއެވެ. މަގު މަތީގައި ފާޅުގައި ވޭޕް ބޯ މީހުން، މަދުން ނަމަވެސް، އަދިވެސް ފެނެއެވެ. ދުންފަތާއި ވޭޕް ކޮންޓްރޯލް ކުރުމަށް ޤާނޫނާއި ޤަވާއިދަށް ގެނެވުނު ބަދަލުތަކަކީ އިހްލާސްތެރި، ގާބިލް، ދުޅަހެޔޮ ދިވެހި ދަރިންތަކެއް އުފެއްދުމަށް ގެނެވުނު ވަރަށް މުހިއްމު، ގަޓް ހުރި ސިޔާސަތު ތަކެކެވެ. ދެން އޮތީ މި ސިޔާސަތުތައް ވަރުގަދަ އަށް ތަންފީޒު ކުރުމެވެ. ތަންފީޒު ނުކުރެވޭ ޤަވާއިދަކުން ދުންފަތުގެ ނުރައްކަލުން ޖީލެއް ސަލާމަތެއް ނުކުރެވޭނެއެވެ. ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުމަށް ޓަކައި މި ޤަވާއިދުތައް ތަންފީޒު ކުރަން ޖެހެއެވެ.
ރައީސް އޮފީހާއި، ޕޮލިހާއި، އެމް.އެން.ޑީ.އެފްގެ ބޭފުޅުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ބަޔަކަށް ހެދުން
ވޭޕް މަނާވުމުން، ވޭޕްގެ ވަގު ވިޔަފާރިން މިލިއަނަރުންނަށް ވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެއެވެ. ޤާނޫނުތައް ހެދޭ ގޮތަށް އެ ޤާނޫނުތައް ތަންފީޒު ވެސް ކުރެވެން ޖެހޭނެއެވެ. ވޭޕާ ގުޅިގެން ކުރެވޭ ޖުރިމަނާ ފައިސާ ވެސް ހޯދެން ޖެހެއެވެ. ރައީސް ޑރ. މުއިއްޒާއި، ހޯމް މިނިސްޓަރު އަލީ އިހްސާނާއި، ޕޮލިސް ކޮމިޝަނަރ މިކަމުގައި ނަމޫނާ ދައްކަވަން ޖެހެއެވެ. ދުންފަތާ ދުރު މުޖުތަމައުއެއް އުފެއްދުމުގެ މަސައްކަތުގެ ބައެއްގެ ގޮތުން، ރައީސް އޮފީހާއި، ޕޮލިހާއި، އެމް.އެން.ޑީ.އެފްގެ ބޭފުޅުންނަކީ ރަސްމީ އަދި ނުރަސްމީ ގަޑީގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ބަޔަކަށް ހެދުމަކީ ހޯމް މިނިސްޓަރާއި، ޑިފެންސް މިނިސްޓަރާއި، ޕޮލިސް ކޮމިޝަނަރ އަދި ސިފައިންގެ ޗީފްއޮފް ސްޓާފަށް ދެއްކިދާނެ ނަމޫނާއެކެވެ. ހަމަ އެފަދައިން ސިވިލް ސާވެންޓުން ރަސްމީ ގަޑީގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާކުރަން ޖެހެއެވެ. މަގުމަތި ފަދަ އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން އެއްކޮށް މަނާކުރަން ޖެހެއެވެ. އަދި، މަސްތުވާތަކެތީގެ ނެޓުވާކްތަކާއި، ގޭންގުތައް އެއްކޮށް ނައްތާލަން ޖެހެއެވެ. ދިވެހި ޤައުމަކީ މަސްތުވާތަކެތީން ސަލާމަތްވެފައިވާ، ދުންފަތާ ދުރު، ކުށް މަދު، ދީންވެރި މުޖުތަމައުއަކަށް ހަދަން ޖެހެއެވެ. ސަރުކާރުގެ އަމާޒު މިކަމުގައި ހުރީ ރަނގަޅަށެވެ.
ސްކޫލަށް ފޯނު ނުވެއްދޭ ގޮތަށް ހެދުން
ސްކޫލް ކުދިންނަށް ސްކޫލަށް ފޯނު ނުވެއްދޭ ގޮތަށް ހެދުމަކީ ވެސް ރަނގަޅު ޖީލެއް ބިނާ ކުރުމުގެ މަސައްކަތުގައި ވަރަށް ރަނގަޅު ފިޔަވަޅެކެވެ. އައްޑޫ ހައި ސްކޫލުގައި ދަރިވަރަކާއި ޓީޗަރަކާ ދެމެދު ހިނގި މާރާމާރީ އަށް ފަހު ހާމަވެގެން ދިޔައީ ކުދީން ސްކޫލަށް ފޯނު ގެންގޮސް، ފާހިޝް މަންޒަރާއި ވީޑިއޯ ބަލައި، އެހެން ކުދީންނާއި ބައެއް ޓީޗަރުންނަށް ވެސް އެފަދަ އެއްޗެތި ގަދަކަމުން ދައްކައި، ކިލާސްތެރޭ ދެ ޖިންސު މަސްހުނިވެގެން، ގައިގޯޅިވެގެން އުޅުމަކީ އާއްމު ކަމެއް ކަމެވެ. މިކަމާ ގުޅިގެން ސަރުކާރުން އެޅި އެއް ފިޔަވަޅަކީ ކިލާސްތެރެއަށް ފޯނު ނުވެއްދޭ ގޮތަށް ޤަވާއިދެއް ހެދުމެވެ. މިއީ ވަރަށް ރަނގަޅު ޤަވާއިދެކެވެ. މީގެ އިތުރުން، މުޅި ޤައުމުން ފާހިޝް "ޕޯން" ބޭންކުރަން ޖެހެއެވެ. ސަރުކާރުން ބޭނުން ނަމަ މިކަން ވެސް ކުރެވޭނެއެވެ. އަދި ދެ ޖިންސް މަސްހުނި ނުކޮށް ވެސް ކިޔަވައިދެވޭނެއެވެ.
ފުލުފުލުގައި ރަނގަޅު ސުރުހީތައް
ސަރުކާރުން ފުލުފުލުގައި ނިންމަވާ މިފަދަ އެކިއެކި ނިންމެވުންތަކުގެ ތެރެއިން ވަރަށް އުއްމީދީ، އުފާކުރަންޖެހޭ ފަދަ ސުރުހީތައް ވަރަށް ގިނައިން މިހާރު ފެނެއެވެ. "މި މަހު ފެށި އޮޕަރޭޝަނުގައި 96 މަސާޖު ޕާލާ ބަންދުކޮށްފި" ކަމަށް ހުސްވި ޑިސެމްބަރު 31 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވިކަމަށް ނޫހެއްގެ ސުރުހީން ފެނުނެވެ. "ބިދޭސީންގެ ދާއިމީ ކޯޓާ ދޫކުރުން އިތުރަށް ހަރުކަށިކޮށްފި،" ކަމަށް ވެސް ޖެނުއަރީ 01 ވަނަ ދުވަހުގެ ސުރުހީ އަކުން ފެނުނެވެ. ކުރިއަށް އޮތީ ޑްރަގު ވިޔަފާރިކުރާ މީހުންނަށް ހަނަފަސް އަހަރުތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ހަބަރު ފެނުނީ 26 ޑިސެމްބަރުގަ އެވެ. ބިދޭސީން ޤާނޫނާ ހިލާފަށް ވިޔަފާރިކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދިވެހީން ބާކީ ވަމުންދާ ދިއުން ހުއްޓުވަންށާއި، ޑްރަގް ވިޔަފާރި އާއި ފާޙިޝް އަމަލުތަކުގެ ވިޔަފާރި ކޮށް، ދިވެހި މުޖުތަމައު ފަސާދަ ކުރަމުންދާ ބިދޭސީން ހުއްޓުވައި، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހޯމް މިނިސްޓްރީ އާއި، ފުލުހުންނާއި، އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަނީ ވެސް ވަފާތެރި، ގާބިލް ޖީލެއް އުފެއްދުމަށްޓަކައެވެ. މި މަސައްކަތް، ދުލެއް ނުދީ، އެއްވާނެއްގައި ކުރިއަށް ގެންގޮސް 2028 ގައި މި ރިޔާސީ ދައުރު ނިމުމުގެ ކުރިން މިފަދަ ހުރިހާ މައްސަލަތައް ހައްލު ކުރަން ޖެހެއެވެ.
ޤައުމުގެ ލަގަން ވަފާތެރި، ގާބިލް ދިވެހި ދަރިންތަކަކާ ހަވާލު ކުރުން
ދިވެހީންގެ މި މިނިވަންކަން ދެމިއޮންނާނީ ބިދޭސީންގެ އަތްމައްޗަށް ނޭނގި ތިބެ ދޫވަމުން މިދާ އިގްތިސޯދީ މިނިވަންކަން އަނބުރާ ހޯދިގެންނެވެ. އިގްތިސޯދީ ފުދުންތެރިކަން އަލުން ހޯދިގެންނެވެ. ރައީސް އަމީނާއި، ރައީސް ނާސިރާއި، ރައީސް މައުމޫނާއި، ރައީސް ޔާމީން ފަދަ ވެރީން ގެންގުޅުއްވި އަދި ރައީސް މުއިއްޒު އެ ގެންގުޅުއްވާ ވަތަނީ ރޫހު ދިރުވައިގެންނެވެ. އަދި އިސްލާމްދީނަށް ލޯބި ކުރާ، އެ ދީނުގެ އުސޫލްތަކަށް އުފަލާއެކު އަމަލުކުރާ އިސްލާމީ، ޒުވާން ޖީލެއް ބިނާކުރެވިގެންނެވެ. މިދެކަން ވެސް ކުރެވޭނީ އަމަލުން އެކަން ކޮށްގެންނެވެ. ހަމައެކެނި ލިޔެވޭ އަކުރަކުން ނުވަތަ ބުނެލާ ބަހަކުން މިކަމެއް ނުވާނެއެވެ. ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދޭނީ ބޮއްސުންލާފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކޮށް، ދިވެހި ޤައުމުގެ ލަގަން ވަފާތެރި، ގާބިލް ދިވެހި ދަރިންތަކަކާ ހަވާލުކޮށްގެންނެވެ.
ރާއްޖޭގައި މިހާރު ގޭންގެއް ނެތް؟ މަރުހެ ހުކުމް ކޮބާ؟
ރާއްޖޭގައި މިހާރު ގޭންގެއް ނެތް ކަމަށް ދާދި ފަހުން ރައީސް ވިދާޅުވި ވިދާޅުވުމަކީ އެކަމުގައި އެންމެ ފުރިހަމައަށް ރައީސަށް މައުލޫމާތު ލިބިވަޑައިނުގެން ވިދާޅުވި ވިދާޅުވުމަކަށް ވެދާނެއެވެ. ގޭންގުތަކުގެ ނުރައަކަލުން ދިވެހި ޤައުމު އަދި ސަލާމަތްވި ކަމަކަށް ނުފެނެއެވެ. ނަމެވެސް ގޭންގްތައް ނައްތާލުމުގެ މަގުގައި ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަތަން ފެނެއެވެ. ބިދޭސީންގެ މައަސަލަ ހައްލުކުރުމަށް ވެސް، އަދި ކިޔަވާ ކުދީންގެ ޖީލާއި ޒުވާން ޖީލު އިސްލާހު ކުރުމަށް ވެސް މުހިއްމު މަސައްކަތް ތަކެއް ކުރަމުންދާތަން ފެނެއެވެ. ގޭންގްތަކާ ގުޅިފައިވާ ގިނަ ޒުވާނުންނަކީ މަސްތުވާ ތަކެތި ބޭނުންކުރާ، ނުވަތަ އެފަދަ ތަކެތީގެ ވިޔަފާރިކުރާ، ނުވަތަ ވައްކަންކުރާ ކުދީންނެވެ. މިފަދަ ހުރިހާ މީހުންނާއި ޒުވާނުންނަށް މަސައްކަތް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް ނެރެ، އެ ކުދީންގެ ފަރާތުން ޤައުމަށް ފައިދާވާނެ މަގެއް ހޯދަންޖެހެއެވެ. އަދި ޑްރަގް ވިޔަފާރީގެ ބޮޑުންނަށް ޝަރީއަތް ހިންގައި، އެހެން މީހުންނަށް އިބްރަތަކަށް، މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހެއެވެ.
ސްކޫލް ކުދީންނާއި ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ބުރުގާ އެޅުން
ސްކޫލް ކުދީންގެ ޔުނިފޯމަށް އަންނަ އަހަރުން ފެށިގެން ހެޔޮ ބަދަލެއް ގެނެސް، ގްރޭޑް ހަތަރަކުން ފެށިގެން މަތީގެ އަންހެން ކުދީންގެ ޔުނިފޯމްގައި ހަރުވާޅު ހިމެނުމަކީ ވަރަށް ރަނގަޅު ބަދަލެކެވެ. ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު، ހެދުން އަޅަން ޖެހޭ ގޮތަށް ބަދަލެއް ގެނެސް، ކުރުވެގެން ފަލަމަސްގަނޑާ ހަމައަށް ހެދުން ބެހެއްޓުން ލާޒިމްކޮށް، ގަވާއިދު އިސްލާހު ކުރުމަކީ ވެސް ވަރަށް ރަނގަޅު ބަދަލެކެވެ. ނަމަވެސް މިވަރަކުން އަދި ނުފުދެއެވެ. ދިވެހި އަންހެނުންނަކީ އައުރަ ނިވާކުރުމުގައި އިސްލާމް ދީނުގައި އަންގަވައިފައިވާ ގޮތަށް ބުރުގާ އަޅާ ބަޔަކަށް ހެދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހުރިހާ އަންހެން ސިވިލް ސާވެންޓުންގެ ޑްރެސް ކޯޑުގައި ބުރުގާ ހިމަނާފައި، ސްކޫލް އަންހެން ކުދިންގެ ޔުނުފޯމްގައި ބުރުގާ ހިމެނުމުން މުޅި މުޖުތަމައުގައި ބުރުގާ އާއްމުވާނެއެވެ. މި ބަދަލު ގެންނަން ޖެހެއެވެ. ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުމަށްޓަކައެވެ.
ޔުނިފޯމުން ޓައި ބާކީ ކުރުން
ޔުނިފޯމާ ގުޅޭ އެހެން ވާހަކައެކެވެ. ރާއްޖޭގައި ދަރިވަރުންގެ ޔުނިފޯމު ހުންނަންވާނީ ގައުމުގެ މާހައުލާ ގުޅޭ ގޮތަށް ކަމަށާއި އެ ކުދިންގެ ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ކޯޓުލުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވިދާޅުވި ވިދާޅުވުމަކީ ވަރަށް ރަނގަޅު ވާހަކައެކެވެ. ހަރަދުގެ ގޮތުން ބެއްޔަސް، ޓައި އަކީ ޔުނިފޯމުގައި ބޭނުން އެއްޗެއް ނޫނެވެ. އެހެން ކަމުން ހަސަން ހަމީދު ހުށަހެޅުއްވި ގޮތަށް ޔުނިފޯމުން ޓައި ބޭރުކުރަން ފެނެއެވެ.
ދެ ޖިންސް ވަކިކޮށްގެން ކިޔަވައި ދިނުން
ދެ ޖިންސް މަސްހުނި ކޮށްގެން ސްކޫލް ތަކުގައި ކިޔަވައިދިނުމުގެ ސަބަބުން، ޖީލެއް ހަލާކުވެގެން ދާ ދިއުމުން ޤައުމު ސަލާމަތް ކުރުމުގެ ގޮތުން، ޢިލްމުވެރިންގެ ގުޅުން ޖަމިއްޔާގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުއަށް ވަރަށް މުހިއްމު އިރުޝާދެއް އަރުވައިފިއެވެ. ޢިލްމުވެރިންގެ ގުޅުން ޖަމިއްޔާގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާވެސް ބޮޑަކަށް ވަކިކުރެވިފައި ކަމަށާއި ނަމަވެސް، 2008 ވަނަ އަހަރު އައި އެމް.ޑީ.ޕީ ސަރުކާރުން ތަޢުލީމީ ދާއިރާ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ޘަޤާފަތާ ބީރަށްޓެރި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާކޮށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ސިޓީގައި ވަނީ ދާދިފަހުން އައްޑޫ ހައި ސްކޫލުގައި ހިނގައިދިޔަ ކަންކަމަށް އިޝާރާތްކޮށް، އެއީ ދެ ޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުމުގެ ސަބަބުން ދިމާވާ ކަންކަން ކަމުގައި ސިފަކޮސްފައެވެ. އެފަދަ ނޭދެވޭ އަސަރުތައް ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް ކުރަނީ ދެ ޖިންސު މަސްހުނިވުމުގެ ސަބަބުން ކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ސްކޫލްތަކުގެ ތަޢުލީމީ މާޙައުލަކީ ދެ ޖިންސު އެއް ނުވާނެ ފަދަ މާޙައުލަކަށް ހެއްދެވުމަށްޓަކައި ކަމާގުޅޭ އުޞޫލުތައް އިޞްލާޙުކޮށްދެއްވުމަށް ޢިލްމުވެރިން ވަނީ އެދިފަ އެވެ. އިލްމުވެރީންގެ މި އެދުމަށް ސަރުކާރުން އިޖާބަދެއްވަން ޖެހެއެވެ.
ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް، ނުވަތަ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ސަރުކާރުން މިވަނީ ވަރަށް ރަނގަޅު، ގިނަ މަސައްކަތް ތަކެއް ފައްޓަވައިފައެވެ. ނަމަވެސް މި ފިޔަވަޅުތައް އިތުރު ހަރުފަތަކަށް ގެނެދަން ޖެހެއެވެ. އިތުރު ފިޔަވަޅުތައް އަޅަން ޖެހެއެވެ. ހެދޭ ޤަވާއިދުތައް ތަންފީޒު ކުރެވެން ޖެހެއެވެ. ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް، ނުވަތަ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައެވެ.
