Support Us

ކޮލަމް ކެޔޮނިރު: އަނެއްކާ ވެސް އިންޑިއާ އައުޓްގެ އަޑު؟

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ލައިން އޮފް ކްރެޑިޓް (ލޯނު) ގެ ދަށުން، 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކުރި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅައިފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަ ހިންދޫ" ނޫހުގެ 31 ޑިސެމްބަރު އަދަދުގައި ރިޕޯޓް ކުރުމަކީ ނުރައްކަލުގެ ރަނގަބީލެކެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީ.އެމް.އާރަށް، 2010 ވަނަ އަހަރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން، 25 އަހަރަށް ކުއްޔަށް ދިނުމަކީ ނަޝީދުގެ ސަރުކާރު 7 ފެބްރުއަރީ 2012 ގައި ވެއްޓުމުގެ މައިގަނޑު ސަބަބެވެ. ދިވެހި ރާއްޖޭގެ މައި ދޮރޯށި ބޭރު ބައެއްގެ ބާރުގެ ދަށަށް ދާން ދިވެހީން ބޭނުން ނުވުމުގެ ނަތީޖާ އެވެ.

ޖީ.އެމް.އާރު އަތުން ހުޅުލޭ އެއާޕޯޓް އަތުލައި، މި ޤައުމުން ޖީ.އެމް.އާރު ބޭރުކުރީތާ 13 އަހަރު ފަހުން އަނެއްކާ ވެސް އިންޑިއާ އަށް ދިވެހި ޤައުމުގެ އުތުރު ދޮރާށި ހިންގަން ދޭން އުޅޭކަމުގެ ހަބަރު ދަ ހިންދޫ ނޫހުން ރިޕޯޓް ކުރުމާ އެކު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް ހިޔާލު ފާޅުކުރަމުންނެވެ. ދަ ހިންދޫގައިވާ ގޮތުން 9 ނޮވެމްބަރު 2025 ގައި ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އަރިހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމުގައި އިންޑިއާގެ ކުންފުނިތަކުގެ އެހީ އަށް އެދިވަޑައިގެންފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން ދެ ބިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އެ ގައުމުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ "ދަހިންދޫ" ނޫހުން ރިޕޯޓް ކުރުމާ ގުޅިގެން ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރު ބަޔަކަށް ނުދޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވްކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ދެއްވި އެވެ.

ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ހުރިހާ ބަހުސެއްގައިވެސް ބޭރު މީހުންގެ މަސްލަހަތު އިސް ކުރައްވައި ވާހަކަ ދެއްކެވުމުގެ ދިގު ތާރީހެއް އޮތް ބޭފުޅެއް ކަމުގައިވާ ރައީސް ނަޝީދު ވަނީ މިކަމުގައި ވެސް އިންޑިއާގެ މަސްލަހަތު އިސްވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށެވެ. ސަރަހައްދީ ޤައުމެއް ކަމަށް ނަޝީދު އެ އިޝާރާތް ކުރެއްވީ ހަމަ ގައިމުވެސް ޕާކިސްތާން، ނުވަތަ ސްރީލަންކާއެއް ނޫނެވެ. ދެން، ސަރަހައްދީ ކޮން ޤައުމެއްތޯ އެވެ؟ ޝައްކެއް ވެސް ނެތް ގޮތުގައި ރައީސް ނަޝީދު އެ އިޝާރަތް ކުރެއްވީ އިންޑިއާގެ އެއާލައިނެއްގެ ހަބަކަށް ހަނިމާދޫ އެއާޕޯޓް ހެދުމަށެވެ.

މިއީ އިންޑިއާ އިން އިންތިހާ އަށް ބޭނުންވާނެ ކަމެކެވެ. ހަނިމާދޫ އަކީ ރާއްޖޭގެ އުތުރުން އިންޑިއާއާ ވަރަށް ކައިރި ރަށެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް އިންޑިއާއިން އެތަން ހިންގުމެވެ. ރައީސް ސޯލިހު ރިޔާސީ ދެވަނަ ދައުރަކަށް 2023ގައި ހޮވިވަޑައިގަތް ނަމަ އެކަން މިހާރު އޮންނާނީ އެ ގޮތަށް ވެ ނިމިފައެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު 2023 ގެ އިންތިހާބު ކާމިޔާބު ކުރެއްވުމުން އިންޑިއާގެ ޕްލޭނާ އެއްގޮތަށް އެކަން ނުދިއުމުން މިހާރު މަސައްކަތް ކުރަނީ ރައީސް ނަޝީދު ލައްވާ މި ވާހަކަ ދައްކުވައިގެން ދިވެހީންގެ ބޮލަށް ޗިޕު ޖެހޭތޯ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތަށް، ސަރަހައްދީ (އިންޑިއާގެ) އެއާލައިނެއްގެ ހަބަކަށް ހަނިމާދޫ ހަދައިފިނަމަ، އެކަން ވެގެން ދާނީ އިންޑިއާގެ އެއާފޯސްގެ އަސްކަރީ މަރުކަޒަކަށް ހަނިމާދޫ އެއާޕޯޓް ހެދުން ކަމުގައެވެ. އެއީ ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާ ރާވައިފައި އޮތް ގޮތެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެފަދަ ނިންމުމެއް ނިންމަފާނެ ކަމަކަށް ނުބެލެވެއެވެ. މިނިސްޓަރު އަމީން އެވަނީ އެކަން އެހެން ނުވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެ ވަރަކުން އަދި ލުޔެއް ނުލިބެއެވެ. ރައީސް ޑރ. މުއިއްޒު ވެސް މިކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅުވާން ޖެހެއެވެ. ދަ ހިންދޫގައި އެވަނީ ހަނިމާދޫ އެއާޕޯޓް ހިންގަން ރައީސް ޑރ. މުއިއްޒު އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތް ކަމަށެވެ. އެހެންކަމުން އެއީ ދޮގެއް ކަމުގައި ވާނަމަ ރައީސް އެފަދައިން ވިދާޅުވެ، ރައްޔިތުންނަށް މިކަން ސާފުކޮށްދެއްވަން ޖެހެއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ދިވެހި ރާއްޖޭގެ މަސްލަހަތަށް ވުރެ ބޮޑަށް އިންޑިއާ އާއި އިނގިރޭސި ވިލާތުގެ މަސްލަހަތު އިސް ކުރައްވައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. ނަޝީދުގެ ވެރިކަމުގައި ދިރާގާއި ދިވެހި ފެންކުންފުނީގެ މެޖޯރިޓީ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކާލެއްވުމުގެ އަގު ދިވެހީން އަދިވެސް މިދަނީ ދައްކަމުންނެވެ. ޖީ.އެމް.އާރަށް ނަޝީދުގެ ސަރުކާރުން ވިއްކާލި ހުޅުލޭ އެއާޕޯޓް ޖީ.އެމް.އާރު އަތުން ހޯދުނީ ވެސް 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ބަދަލެއް ދިވެހި ދައުލަތުން ޖީ.އެމް.އެމް.އާރަށް ދީގެންނެވެ.

މިދިޔަ އަހަރު ފަހުކޮޅު ރައީސް ނަޝީދު ދެއްކެވި ސިޔާސީ ވާހަކައެއްގެ ތެރެއިން، އައްޑު އަތޮޅުގައި ގިނަ އަދަދެއްގެ ބިދޭސީން އާބާދުކުރަން ވެސް ގޮވައިލެއްވި އެވެ. މިވެސް އިންޑިއާ މީހުން ރާއްޖޭގައި އާބާދުކުރުވަން ރައީސް ނަޝީދު އިސްކުރައްވާ ސިޔާސަތުގެ ބައެކެވެ. ރައީސް ނަޝީދުގެ ކުޑަ ނަމަވެސް ބާރެއް މި ސަރުކާރުގައި އޮތް ނަމަ މި ކަންކަން އިންޑިއާ ބޭނުންވާ ގޮތަށް ކުރުވީހެވެ. ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ ކަން ކުރައްވާނެ ގޮތް ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފުވާނެއެވެ. އަލުން ވޭޕް ހުއްދަކޮށް، ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށް، ސްކޫލް ކުދިންގެ ޔުނިފޯމުގައި އަންހެން ކުދިންނަށް ސްކާޓް ލެވޭ ގޮތް ހަދައި، މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަހުގެ ވިޔަފާރި ހުއްދަ ކުރައްވައި، ސްޕާތައް އަލުން ހުޅުވައި، ގަން އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓާއި ވެލާނާ އެއާޕޯޓް އިންޑިއާގެ ކުންފުނިތަކަށް ވިއްކަވައިލައްވާނެ އެވެ.

ރައީސް ނަޝީދުގެ ސިޔާސީ ފަލްސަފާ އަކީ ރާއްޖޭގެ ދެކުނުން އައްޑޫ ގަން އެއާޕޯޓާއި، އުތުރުން ހަނިމާދޫ އެއާޕޯޓް އިންޑިއާގެ މިލިޓަރީ ބޭނުމަށް ދީފައި، ޖީ.އެމް.އާރުން ހުޅުލޭ ފަޅުގައި އިންޑިއާ ރައްޔިތުންގެ ސިޓީއެއް ހަދަން ރޭވި ގޮތަށް، އިންޑިއާ ރައްޔިތުން އައްޑޫ އާއި ހަނިމާދޫގައި އާބާދުކޮށް، އިންޑިއާގެ ސެޓެލައިޓް ސްޓޭޓެއް ގޮތަށް ދިވެހި ދައުލަތް ހިންގުމެވެ. ދިވެހި ރައްޔިތުން ތިބީ އެފަދަ ކަމަކަށް ތާއީދުކޮށްގެނެއް ނޫނެވެ. އެއިރު ވެސް އަދި މިހާރު ވެސް ދިވެހީންގެ ޤައުމުގެ ދިފާއުގައި ތެދުވަން ތައްޔާރަށް ތިބި ދިވެހީން މިއަދު ވެސް ބަސް ބުނެފިއެވެ. ރައީސް ނަޝީދުގެ ހިޔާލަކަށް ވެސް، އަދި ދަހިންދޫގެ ވާހަކަތަކަކަށް ވެސް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތެވެ.

ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާ ނޫން، އަދި ބޭރު އެހެން ޤައުމެއްގެ ބަޔަކު އަންނާކަށް ވެސް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތްކަން ވަރަށް ސާފެވެ. ދިވެހީންގެ އެއާޕޯޓް ދިވެހީންނަށް ހިންގޭނެކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ދަނީ ސާބިތުކޮށްދެމުންނެވެ. އައްޑޫ ގަން އެއާޕޯޓް ވެސް އަދި ހަނިމާދޫ އެއާޕޯޓް ވެސް ހިންގަން ޖެހޭނީ ދިވެހީންނެވެ. ދިވެހި ސަރުކާރުންނެވެ. ދިވެހި ދަރީންނެވެ. މި ނޫން ގޮތަކަށް ކަން ވެއްޖެ ނަމަ މި ޤައުމުން އަނެއްކާ ވެސް އިވޭނީ "އިންޑިއާ އައުޓް"ގެ އަޑުކަން ޔަޤީނެވެ!