Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރަސްގެފާނު ނަޝީދު!

ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމާ ޑިސެމްބަރ 2023 ގައި ހަވާލުވެ ވަޑައިގެން، އެފްރިކާގެ ގާނާގައި އެ މުއައްސަސާގެ އޮފީހުގައި މަސައްކަތް ފައްޓަވައި، ފައިތުވި ދެއަހަރެއްހާ ދުވަހު ފެނުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އަޑު ވަރަށް މަޑުކޮށެވެ. ހާއްސަކޮށް، އިސްލާމް ދީނުގެ އުސޫލްތަކާ ތައާރަޒްވާ ގޮތަށް އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް މިދިޔަ ދެއަހަރު ދުވަހު މަޑުޖެހުނެވެ. އެއާއެކު ރައީސް ނަޝީދުގެ އެކްޓިވިސްޓް ގޮތް މިހާރު ދޫކޮށްލައްވައިފި ކަމަށާއި، އެމަނިކުފާނު މިހާރު ވަރަށް ބޮޑަށް "މެޗުއާ"ވެއްޖެ ކަމަށް ނަޝީދުގެ ބައެއް ސަޕޯޓަރުން ބުނަން ފެށިއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ކުރިމަގަށް ވަރަށް މުހިއްމު އިންތިހާބެއް ކަމުގައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް މަހަށް ތާވަލްކޮށް، އެ އިންތިހާބަށް ދެތިން މަހަށް ކައިރިވިތަނާ ރައީސް ނަޝީދު އަނެއްކާވެސް އަސްލު ސިފައިގައި ސިޔާސީ މައިދާނަށް ފާޅުވެއްޖެ އެވެ!

ދެހާސް ހަތާވީހުގެ ދިރާސީ އަހަރުން ފެށިގެން ސަރުކާރު މަދަރުސާތަކުގެ ކުދީންގެ ޔުނިފޯމަށް ގެނައި ބަދަލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ކުދީންގެ ޔުނިފޯމްގައި ހަރުވާޅު ހިމަނަން މަޖްބޫރުވާ ގޮތަށް ޤަވާއިދު ބަދަލު ކުރުމާ އެއްކޮށް އެ ބަދަލާ ދެކޮޅަށް ރައީސް ނަޝީދު ދެއްކެވި ވާހަކައިގައި، ސްކޫލްތަކުގެ އަންހެން ކުދިންގެ މިހާރުގެ ޔުނިފޯމުން ވެސް އައުރަ ނިވާވާ ކަމަށާއި ކޮންމެހެން ހަރުވާޅުލާން ނުޖެހޭ ކަމަށް ވިދާޅުވިއެވެ. ބޮޑެތި އަންހެން ކުދިން ކަކުލުން ތިރި ހާމައަށް ހުންނަ ގޮތަށް ސްކާޓް ލައިގެން ތިބުމަކީ ނަޝީދުގެ ނަޒަރުގައި އައުރަ ނިވާވުމެވެ! މިއީ މި ދެ އަހަރުތެރޭ ނަޝީދު ސިޔާސީ މައިދާނުގައި ދެއްކެވި އިސްލާމީ އުސޫލްތަކާ ފުށުއަރާ ފުރަތަމަ ވާހަކަ ކަމަށް ވެދާނެއެވެ.

އެފަދަ ދެވަނަ ވާހަކައެއް ރައީސް ނަޝީދު ދެއްކެވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށި، "ހާޓް އޮފް މޯލްޑިވްސް"ގެ ގޮތުގައި ބްރޭންޑް ކުރުމަށް މިދިޔަ ހުކުރު ދުވަހުގެރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ރިސޯޓުތަކުގައި ފަތުރުވެރިންނަށް ދޭ ހިދުމަތްތައް ރަށްރަށުގެ ހޮޓާތަކުގައި ފަތުރުވެރިންނަށް ލިބެން ނެތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. "މިވަގުތުވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައި މިވާގޮތުން، ރިސޯޓްފަހަރުގައި ޓުއަރިސްޓުންނަށްދޭ ހިދުމަތްތައް، ވިއްކާ ތަކެތި، ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން. އެއީ ބޭއިންސާފެއް. އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނާން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ. އެ ވިދާޅުވާ "ރިސޯޓްފަހަރު"ގައި ވިއްކާ ތަކެތީގެ ތެރެއިން މީހުން އުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކާއި ހޮޓާ ތަކުގައި ނުވިއްކިގެން ނަޝީދު އެ ޝަކުވާ ކުރައްވާ އެއްޗިއްސަކީ ރަލާއި އޫރު މަހެވެ. ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކާއި ހޮޓާ ތަކުގައި ރަލާއި އޫރު މަސް ނުވިއްކޭ ގޮތަށް ޤާނޫނާއި ޤަވާއިދު އޮތުމަކީ ރައީސް ނަޝީދުގެ ނަޒަރުގައި "ބޭ އިންސާފެކެވެ."

ރިސޯޓްތަކުގައި ވެސް ކޮންމެހެން ރަލާއި އޫރުމަސް ވިއްކާކަށް ނުޖެހެއެވެ. ސައުދީ އަރަބިއާ އިން އެދަނީ ރަލާ ނުލައި ފަސްތަރީގެ ރިސޯޓްތައް ރަތް ކަނޑުގެ އައްސޭރީގައި ހިންގަމުންވެ. ނަމަވެސް މިއީ އަދި އެހެން މައުލޫއެކެވެ. އެ ވާހަކަ އެހެން ތަނެއްގައި ދައްކާނީ އެވެ. އަސްލު މައުލޫ އަށް އެނބުރިލާއިރު، ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރު މަހުގެ ވިޔަފާރި އަދި އަމުދުން ކޮށްގެން ނުވާނެއެވެ. އެފަދަ ކަމަކަށް ހުއްދަ ދިނުން ވެގެން ދާނީ މުޅި މުޖުތަމައު މިހާރު އޮތް ވަރަށް ވުރެ ވެސް ބޮޑަށް ފަސާދަވެގެން ދާނެ ކަމަކަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ހިޔާލް މުޅިން ތަފާތެވެ. އެމަނިކުފާނު ޤަބޫލް ކުރައްވާ ގޮތުގައި މާފުށި ފަދަ މީހުން އުޅޭ ރަށްރަށުގައި ވަރަށް ކާމިޔާބުކަމާ އެކު ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވޭނީ، ރިސޯޓުތައް ފަދައިން، އެފަދަ ރަށްރަށުގައި ވެސް ރަލާއި އޫރު މަސް ވިއްކައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ. ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި "ވިއްކާ ތަކެތި" ކަމަށް ވިދާޅުވެ، ނަޝީދު ނުސީދާކޮށް ދެއްކެވީ ބަނގުރަލާއި އޫރުމަހުގެ ވާހަކަ ކަމަށް ވާތީ ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުކިޔަމުންނެވެ.

ހުކުރު ދުވަހުގެ ރޭ ނަޝީދު ދެއްކެވި މި ވާހަކަތަކަށް އާއްމުންގެ ފާޑުކިއުން ބޮޑުވެ، މާ މޮޅު ހިޔާލެއް ކަމަށް މާފުށީ ފުއްޓަރު ފަރާތަށް ނަޝީދު ބިންދާލެއްވި ސިޔާސީ ވަރުނުލާ ރާޅުގަނޑު އަތަށް ގޮވުމުން، އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ މީހުން އުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި ތަކެއްޗަކީ ބަނގުރަލާއި އޫރުމަސް ނޫން ކަމަށާއި އެ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ. ސާފު ދިވެހި ބަހުން ވާހަކަ ދައްކާއިރުވެސް ބުނާ އެއްޗެތީގެ މާނަ ދިމާ އިދިކޮޅަށް ނެގުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ނަޝީދު އެކްސްގައި ލިއުއްވިއެވެ. ނަމަވެސް މާފުށީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި، ރިސޯޓުތަކުން ލިބޭ، އެކަމަކު، މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުން ނުލިބިގެން ނަޝީދު ޝަކުވާ ކުރެއްވީ ކޮން އެއްޗެއްތޯ ވިދާޅުވާކަށް ނަޝީދަށް އެނގިވަޑައެއްނުގަތެވެ. ސަބަބަކީ އެފަދަ އެހެން އެއްޗެއް ނެތްކަމެވެ. ރަލާއި އޫރުމަސް ހުއްދަކުރަން ނުސީދާ ކޮށް ގޮވާލައްވައި ނަޝީދު މަފުށީ ބީޗަށް ވައްޓާލެއްވި ސިޔާސީ ބޮން އަތަށް ގޮވުމުން، އެކަމުން ރެކިވަޑައިގަތުމަށް ނަޝީދު އެކްސްގައި ލިއުއްވި ޕޯސްޓުން އެނގުނު އެއްޗަކީ އެމަނިކުފާނުގެ ސީދާ ސިޔާސަތެއް ނެތް ކަމާއި، ދިވެހީންގެ ވިސްނުން އަދިވެސް އެނގިވަޑައިނުގެން، ސިޔާސީ ގޮތުން ހޭރިޔާ ކުރައްވަމުން ކުރިއަށް ވަޑައިގަންނަވާ ކަމެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުގައި ބަނގުރާ ވިއްކަން ހުއްދަ ކުރަން 2010 ގައި ނަޝީދުގެ ވެރިކަމުގައި ގާނޫނާއި ޤަވާއިދަށް އިސްލާހު ގެނެސްގެން ނިންމަވައި، އެ ހުއްދަ ދެއްވި އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަ ކުރާނެ ދެ ތާރީހެއް އޭރު ދިން ނަމަވެސް އިސްލާމިކް މިނިސްޓްރީ އާއި، ދީނީ އިލްމުވެރިންނާއި، އާންމުންނާއި، ސިޔާސީ މީހުންގެ ބޮޑެތި ފިއްތުންތަކާއި މުޒާހަރާތަކުގެ ސަބަބުން ނަޝީދުގެ ސަރުކާރުގެ ނިންމުން ފެބްރުއަރީ 2010 ގައި ބަދަލުކުރި އެވެ.

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ އަބަދު ރަނގަޅު ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އުނދަގޫ ވާހަކަ ވެސް ވަރަށް ގިނައިން ދައްކަވާ ކަމަށެވެ. މިހާ ސާފުކޮށް، މި "އުނދަގޫ ވާހަކަ" މާފުށީގައި ދައްކަވާފައި، ރައްޔިތުން ކެކިގަތުމުން، އަވަސްއަވަހަށް ސިޔާސީ ދޮގެއް ހައްދަވައިފައި އަސްލު މައްސަލައިން ރެކިވަޑައިގަތީ އެވެ. ނަޝީދަކީ އަބަދުވެސް، ރާއްޖޭގައި މީހުން އުޅޭ ރަށްރަށުގައި ރަލުގެ ވިޔަފާރި ހުއްދަ ކުރައްވަން ބާރު އެޅުއްވި ބޭފުޅެކެވެ. އަލުން، 2028 ވަނަ އަހަރު، ވެރިކަން ލިބިވަޑައިގެންފި ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ގެންނަމުންދާ އިސްލާމީ އުސޫލަށް ފެތޭ ގިނަ ބަދަލުތައް ނަޝީދުގެ ވެރިކަމެއްގައި ބާތިލް ކުރައްވާނެކަން ކަށަވަރެވެ.

މިފަދަ ވާހަކަ ދެއްކެވުމަކީ ރައީސް ނަޝީދު އަލަށް ކުރައްވާ ކަމެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އާޓިފިޝަލް ބީޗްގައި އޮތް ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ރަސޫލުﷲ (ސ.އ.ވ) އަށް ނިސްބަތްކޮށް، ތިމަންނާމެންނީ އުމުރުން ނުވަ އަހަރުގެ ކުޑަ ކުދިން މީހުންނާ ކައިވެނި ކުރުވާނެ ބައެއް ނޫން ކަމަށް ވިދާޅުވެ ހަޖޫ ޖައްސަވާފައެވެ. ހަމަ އެފަދައިން، މަސްތުވާ ތަކެތި ބުއިމަކީ ދުވަހުގެ ވަކި ވަގުތެއްގައި ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ދޭހަވާ ގޮތަށް، ހިނދުކޮޅުގައި ތިބޭ މީހުން ހިނދުކޮޅުގައި ތިބުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ވެސް ނަޝީދުގެ ވެރިކަމުގައި ވާހަކަ ދައްކަވާފައިވެއެވެ. ރައީސް ނަޝީދަކީ އިސްލާމް ދީނަށް ސީދާކޮށް، އަދި ނުސީދާކޮށް ވެސް ފާޑު ވިދާޅުވުމުގެ ތާރީހެއް އޮތް ބޭފުޅެކެވެ.

މިއީ އައު ކަމެއް ނޫނެވެ. ނަޝީދުގެ މިފަދަ ވާހަކަތަކަކީ ހައިރާންވާންޖެހޭ ކަމެއް ވެސް ނޫނެވެ. ހައިރާންވާ ކަމަކީ އިސްލާމް ދީނާ ބީރައްޓެހި މިފަދަ ވާހަކަތައް ދައްކަވާފައި އިސްލާމީ ޤައުމެއްގެ ރައީސް ކަމަށް ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެވެ. ކުރިއަށް އޮތް، 2028ގެ ރިއާސީ އިންތިހާބަށް ރައީސް ނަޝީދު ޝައުޤުވެރިވެ ވަޑައިގަންނާވާ ކަމުގެ ނިޝާންތައް އެމަނިކުފާނުގެ ބައެއް ވާހަކަތަކުންނާއި އަމަލުން މިހާރު ފެނެއެވެ. ނަޝީދުގެ ބައެއް ސަޕޯޓަރުންވެސް ނަޝީދު 2028ގެ އިންތިހާބަށް ވާދަ ކުރައްވާނެ ކަމަށް މިހާރު އެބަ ބުނެއެވެ. ދިވެހި އަންހެން ކުދިން އައުރަ ނިވާ ކުރަން ޖެހުމުން ކަންބޮޑުވެވަޑައިގެން، މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ނުވިއްކޭތީ ކަންބޮޑުވެ ވަޑައިގެން، އެފަދަ ކަންކަމަކީ ބޭއިންސާފެއް ކަމަށް ފާޅުގައި ވިދާޅުވަމުން ރައީސް ނަޝީދަށް ދިވެހި ރާއްޖޭގެ ވެރިކަމަށް ދެވަނަ ފަހަރަށް ވަޑައިގަނެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ހިންދޫންގެ އަގުލަބިއްޔަތެއް އޮތް އިންޑިއާގެ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅަކު އެ ޤައުމުގައި ގެރިމަސް ހުއްދަ ކުރަން ވާހަކަ ދައްކަވައިފިނަމަ އެފަދަ ބޭފުޅަކު ބެލެވޭނީ ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭ މޮޔައެއް ކަމަށެވެ. ހަމަ އެފަދައިން ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމުގައިވާ ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުރި ބޭފުޅަކު އިސްލާމް ދީނާ ތައާރަޒުވާ މިފަދަ ވާހަކަތައް ދެއްކެވުމަކީ ސިޔާސީ ގޮތުން ތަސައްރަފް ނުފުދުން ކަމަށް ބެލެވިދާނެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި، ހާއްސަކޮށް މާލޭގައި ބައެއް ދިވެހީން އިސްލާމީ އުސޫލްތަކާ ހިލާފަށް އޫޅޭތަން ފެނުނުކަމުގައި ވިއަސް ދިވެހި މުޖުތަމައު އަނެއްކާވެސް އަންނަނީ އިސްލާމީ އުސޫލްތަކަށް ލެނބެމުން، ދީނަށް ލޯބި ކުރާ މީހުން މި މުޖުތަމައުގައި ގިނަވަމުންނެވެ. ރައީސް ނަޝީދަށާއި އެމް.ޑީ.ޕީ އަށް މަރުދީގެން އުޅޭ ދެތިން ހާހަކަށް ޒުވާނުންނާއި މުސްކުޅިންކޮޅު ފެނިވަޑައިގެން، އެއީ މުޅި ދިވެހި މުޖުތަމައު ކަމަށް ޤަބޫލް ކުރައްވައިގެން، ރައީސް ނަޝީދު ދައްކަވާ މިފަދަ ވާހަކަ ތަކުން ނަޝީދުގެ ސިޔާސީ ކުރިމަގު މިހާރު އޮތްވަރަށް ވުރެވެސް ބޮޑަށް ދާނީ އަޑިއަށެވެ. ޓައިޓޭނިކް ހެދި މީހުން ބުނިހެން، "މި އޮޑިއެއް ނުފެތޭނެ" ކަމަށް ވިދާޅުވެ ގަދަ ބަސް ވިދާޅުވި އޮޑި ފައްތާލެއްވީ ވެސް ހުދު ނަޝީދެވެ. އަނެއްކާ ވެސް ހަމަ އެ އޮޑިއަށް ފަޅުވެރިއެއްގެ ގޮތުގައި އަރާވަޑައިގެން ކައްޕިކަން ހޯއްދަވަން ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނީ އޮޑީގެ ފަޅުވެރިންގެ ދީނަށް ފުރައްސާރަ ކުރައްވައިގެންނެއް ނޫނެވެ.

ސިޔާސީ ފޮޓޯގަނޑެއް ނަންގަވަން ވެގެން، ސާފު ހުދު ރުމާލެއް، ނިކަން ބާރުކޮށް ބޮލުގައި އައްސަވައިގެން މިސްކިތަކަށް ވަޑައިގެން އިސްކުރު ބަރި ދޫކުރައްވައި، މިސްކިތު ވަޅުން، ދާނީގައި ވުލޫ ކުރައްވައިގެން މިސްކިތަށް އަރާވަޑައިގެން ނަމާދު ކުރެއްވިއަސް ރައީސް ނަޝީދުގެ އަސްލު ސިފަ ހާމަވަނީ އެމަނިކުފާނު އެކި ފަހަރު މަތީން ދައްކަވާފައިވާ، އަދި އަނެއްކާވެސް ދައްކަވަމުން އެގެންދަވާ ވާހަކަތަކުންނެވެ. ދިވެހީންގެ ވަލީއުލް އަމްރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނަމަ ދިވެހީންގެ ދީނަށް ފުރައްސާރަ ނުކުރައްވާ، ދިވެހީންގެ އަޤީދާއާ ހިލާފު ވިސްނުންތަކަށް ހިއްވަރު ނުދެއްވާށެވެ. ތިޔަ ވިސްނުން ބަދަލު ނުކުރައްވާ ނަމަ ރައީސް ނަޝީދަށް ދަންނަވަން އޮތް ވާހަކަ އަކީ، ވެރިކަމުގެ ހިޔާލް ދޫކޮށްލައްވާފައި ކުރައްވާނެ ކޮންމެވެސް އެހެން ކަމެއް ހޯއްދަވާށޭ އެވެ. ތިޔަ ގޮތުގައި ހުންނަވައިގެން ރައީސް ނަޝީދަށް ދިވެހި ޤައުމުގެ ވެރިކަން ލިބޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ދިވެހި ޖުމްހޫރިއްޔާ އުވާލައި، ވިރާސީ ރަސްކަމެއް ޤާއިމްކޮށް ރަސްގެފާނު ނަޝީދު ދިވެހި ސިންގާސަނާގެ ރަސްކަމުގެ ތަހުތަށް އިސްކުރުމެވެ!