Support Us

ހުޅުމާލެ ފޭސް ދޭއްގައި ބީ.އެމް.އެލްގެ ދެ އޭޓީއެމް ސެންޓަރު ހުޅުވައިފި

ބީ.އެމް.އެލް އިން ހުޅުމާލެ ފޭސް ދޭއްގައި އަލަށް ދެ އޭޓީއެމް ސެންޓަރު ގާއިމުކޮށް، ބޭންކުގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާކޮށްފިއެވެ. މިގޮތުން ހިޔާ ޓަވަރުގެ ހަޔަކާއި ހަތަކާ ދެމެދު އޮންނަ ޕާކިން ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް، ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

މި ޚިދުމަތްތައް ތައާރަފްކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޝަރީފް ވިދާޅުވީ ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ "ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާވެސް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް" ކަމަށެވެ.

"ހުޅުމާލެ ފޭސް ދޭކަކީ ކުރިއަރަމުން އަންނަ ސަރަހައްދެއް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ފަސޭހަ އަދި އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ޝަރީފު ވިދާޅުވިއެވެ.

"ފޭސް ދޭއްގައި ގާއިމުކުރެވުނު އާ އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޭސް އެކެއްގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި ހަތަރު ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކުންނާއި ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރ މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ފުރިހަމަ ބޭންކިން ޚިދުމަތެއް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ބޭންކުން އަންނަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެނާޓަސް އިތާމުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ." ބީ.އެމް.އެލް އިން ބުނެއެވެ.

"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ."