Support Us

4000 ފްލެޓްގެ ޑައުންޕޭމަންޓަށް ގެނެސްދެވެން އޮތް އެންމެ ރަނގަޅު ޙައްލެއް ހޯދައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުން ފާޅުކުރި ޚިޔާލުތަކަށް ރިޢާޔަތްކުރައްވައި، އެ ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް އެންމެ ރަނގަޅު ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަން ދެއްވާފައި މިވަނީ ގަލޮޅުގެ ރައްޔިތުންނާއެކު ޢިމާދުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭގެ މަޝްވަރާ ބައްދަލުކުރެއްވުމުގައިވެސް އެންމެ ގިނަ ރައްޔިތުން ޙިއްޞާކުރީ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުންތައް ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ރައްޔިތެއްގެ ޚިޔާލާއި، ފާޅުކުރެއްވި ޝުޢޫރަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މިއިން ކޮންމެ ކަމަކީވެސް، ސީރިއަސްކަމާއެކު ބައްލަވާނެ ކަންކަން ކަމުގައި ވިދާޅުވެފައެވެ. އެގޮތުން، 4000 ހައުސިން ޔުނިޓްގެ ޑައުންޕޭމަންޓާއި، އެއަށްފަހު މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއިރު، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން، އެ ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލެއް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިމޭރުމުން އެމަނިކުފާނު ވަނީ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރެވިފައި އޮތް ނަމަވެސް، އެ ގޯތިތައް ކަނޑައިނުދެވި ލަސްވަމުންދާ ދިއުމާ ގުޅިގެން އާންމުން ހުށަހެޅި ޝަކުވާތަކަށްވެސް ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން، ގުޅިފަޅުން ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވި ކުރައްވައި، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ގޯތިތައް ޙައްޤުވެރިންނާ ޙަވާލުކުރެއްވޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް، އަދި ވަކީން ޚާއްޞަކޮށް މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، މީގެ ކުރިން ހަވާސާ ކުރެވިފައިވާ ގިންތިއަށްވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފައެވެ. މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި މައިމުޅަވެފައިވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއެއް ނެތްއިރު، އެމަނިކުފާނުގެ ސަރުކާރުން ހިންގަވާ ފުރަތަމަ މަޝްރޫޢުންވެސް، މިފަދަ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ ކެޓަގަރީއިން ޙައްޤު ފަރާތްތަކަށް، ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

މާލޭ ސިޓީގެ އަވަށްތަކުގެ ތެރެއިން ގަލޮޅަކީ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކުގެ ދަށުން ދޫކުރެވިފައިވާ ފްލެޓްތައް އެންމެ ގިނަ ސަރަޙައްދަށް ވާއިރު، ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ރައްޔިތުން ވަނީ އެ މީހުން ތަހައްމަލުކުރާ ތަކުލީފުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. މި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮންމެ އެހީއެއް ފޯރުކޮށްދެއްވުމަށްވެސް އެމަނިކުފާނުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވެ، އެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މީގެ ކުރިން މަޢާފުކޮށްދެއްވާފައިވާ ކުލީގެ ފައިސާ ހިމެނޭހެން ބިލުކުރެވެމުންދާކަމުގެ ޝަކުވާ ރައްޔިތުން އުފުލުމުން، އެކަން އެހެން ކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުން ނިންމަވާލައްވަމުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ އިތުރު ބައްދަލުވުންތަކަށް ވަގުތު ހުސްކޮށްދެއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް