މީގެ ދޮޅު އަހަރު ކުރީގެ ހާދިސާއެކެވެ. އައްޑޫ ސިޓީ ހައި ސްކޫލް ދަރިވަރުންތަކެއް، އެ ސިޓީގެ އެހެން ސްކޫލެއް ކަމުގައިވާ ނޫރާނީ ސްކޫލް ކުރިމަތީ ހުންނަ ގާޑިޔާތަކަށް ގޮސް، އެތާ ތިބެގެން ވޭޕް ބޯ ތަން ފެނިގެން ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް، ހައި ސްކޫލްގެ ޕްރިންސިޕަލަށް ގުޅުއްވައިފައި އެ ވާހަކަ ރިޕޯޓް ކުރެއްވިއެވެ. އައްޑޫ ހައި ސްކޫލްގެ މެނޭޖްމެންޓުން އެކަމަކަށް މާ ބޮޑު އަޅައިލުމެއް ދިންތަނެއް ނުފެނުނެވެ.
ގްރޭޑް 11 އަދި 12 އަށް ކިޔަވައިދޭ އައްޑޫ ހައި ސްކޫލަކީ ދެ ޖިންސް މަސްހުނި ކޮށްގެން ހިންގާ ބިޔަ، ބޮޑު ސްކޫލެކެވެ. މި ޑިސެމްބަރު މަހު އެ ސްކޫލްގެ ގްރޭޑް 12 ގެ ދަރިވަރަކާއި އެ ސްކޫލްގެ އިންޑިއާ ޓީޗަރަކު ކިލާހުގައި ހިންގި މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އިރު އާއްމުންގެ ގިނަ ބަޔަކު ކުށްވެރިކުރީ ސްކޫލް މެނޭޖްމަންޓާއި ބެލެނިވެރިންނެވެ. ހަގީގަތުގައި ޓީޗަރުގެ މައްސަލަ އަށް ވުރެ ބޮޑަށް މިއީ ދިވެހި މުޖުތަމައުގެ މައްސަލައެކެވެ.
މި ކަމާ ވިދިގެން ރާއްޖޭގެ ޓީޗަރުންގެ އެސޯސިއޭޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެނޭޖްމަންޓު ފެއިލްވެފައިވާ އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް ހަނގާ (ބުލީ) ކުރުމަކީ ވަރަށް އާންމު ކަމެއް ކަމަށާއި ދަރިވަރުންގެ އަހުލާގު ހިފެހެއްޓުމުގައި އެ ސްކޫލުގެ މެނޭޖުމަންޓް ފެއިލްވެފައިވާ ކަމަށެވެ. މައްސަލަ ޖެހުނު ދުވަހު ޓީޗަރު ކިލާހަށް ވަން އިރު ދަރިވަރު ހުރީ ބޭއަދަބީ ވީޑިއޯއެއް ފޯނުން އަޅުވައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ވީޑިއޯ ޓީޗަރަށް ދައްކަން މަސައްކަތްކޮށް، ޓީޗަރަށް ފުރައްސާރަ ކުރަން އުޅުމުން ޓީޗަރު ފުރަތަމަ އުޅުނީ އެ ދަރިވަރު އަތުން ފޯނު އަތުލާށެވެ. އެ ހިސާބުން ޓީޗަރުގެ ގަޔަށް ފުރަތަމަ އަތް އިސްކުރަނީ ދަރިވަރެވެ. މަޖަލަކަށް ހަދައިގެން މި މަންޒަރު ވީޑިއޯ ކުރަން، ކިލާހުގެ އެހެން ކުދީން ތިއްބެވެ. އެ ކިލާހުގެ ބައެއް ދަރިވަރުން ބުނާ ގޮތުގައި އެ ދަރިވަރު މީގެ ކުރިން ވެސް އެ ޓީޗަރަށް މިފަދައިން އެތައް ފަހަރަކު ފުރައްސާރަ ކޮށްފައިވެއެވެ. ސްކޫލްގެ މެނޭޖްމަންޓް އޮތީ ނިދައިފައެވެ.

މި މައްސަލައިގެ ވީޑިއޯ ފުރަތަމަ ލީކްވުމުން އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރު ސަސްޕެންޑް ކުރިއެވެ. އަދި މައްސަލަ ފުލުހަށް ހުށަހެޅިއެވެ. ދަރިވަރަށް ފިޔަވަޅު އަޅަން ނިންމީ އާއްމުން ހޫނުވެ، ދަރިވަރަށާއި ސްކޫލްގެ މެނޭޖްމަންޓަށް ފިޔަވަޅު އަޅަން މީސްމީޑިއާގައި ގޮވަން ފެށުމުންނެވެ. ދަރިވަރަށް އެޅި ފިޔަވަޅަކީ އަހްލާގު ދަސްކޮށްދޭ ޕްރޮގްރާމެއް އެ ސްކޫލްގައި އެ ދަރިވަރަށް ހިންގައި، އެ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު ދަރިވަރު މާފަށް އެދެންދެން ސަސްޕެންޑް ކުރުމެވެ. ނަމަވެސް މިކަމުން ވާނެ މާބޮޑު ފައިދާއެއް ނުފެނެއެވެ. ދަރިވަރު މާފަށް ވެސް އެދިފާނެއެވެ. އެ ބުނާ ޕްރޮގްރާމެއް ވެސް ހަދައިފާނެއެވެ. ނަމަވެސް މިއީ ހަމައެކަނި އެންމެ ދަރިވަރެއްގެ މައްސަލައެއް ނޫނެވެ. މިއީ ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމުގެ މައްސަލައެކެވެ.

ދެ ޖިންސް ވަކިކޮށްގެން ކިޔަވައިދިނުން
މާލޭގެ މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލަކީ ޒަމާނުއްސުރެ ދެ ޖިންސް މަސްހުނިނުކޮށް ހިންގަމުން އައި ވަރުގަދަ ދެ ސްކޫލެވެ. އެއިރު މުޅި ޤައުމުން ވެސް އެންމެ މަތީ ވަނަތައް އަބަދުވެސް ނަގަމުން އައީ އެ ދެ ސްކޫލުންނެވެ. ނަމަވެސް އެމް.ޑީ.ޕީގެ ވެރިކަމުގައި އެ ދެ ސްކޫލްވެސް ދެ ޖިންސް މަސްހުނިކޮށްގެން ހިންގާ ދެ ސްކޫލްގެ ގޮތުގައި ހަމަޖެއްސިއެވެ. އެއާއެކު ދެޖިންސް މަސްހުނިނުކޮށް ހިންގާ އެއްވެސް ސްކޫލެއް ރާއްޖޭގައި މިހާރަކު ނެތެވެ. ދެ ޖިންސް މަސްހުނި ކުރުމަކީ ކުދިންގެ އަހްލާގަށް ނުހަނު ބޮޑު ނޭދެވޭ އަސަރު ކުރާ ކަމެއްކަން ދިރާސާތަކުންނާއި އިސްލާމީ އުސޫލްތަކުން ދައްކައެވެ. އައްޑޫ ހައި ސްކޫލާއި ހިތަދޫ ސްކޫލް ފަދަ އައްޑޫގެ ސްކޫލްތަކަކީ ދެ ޖިންސް މަސްހުނިކޮށް، ކުދިން ސްކޫލަށް ފޯނު ގެންގޮސް އެތައް ކަންތައްތަކެއް ހިންގާ ސްކޫލްތަކެކެވެ. އައްޑޫ ހައި ސްކޫލްގެ ކިލާހުގެ ވީޑިއޯގައި، ފިރިހެން ކުއްޖެއްގެ އުނގުގައި އަންހެން ކުއްޖަކު ބައިންދައިގެން އެ ކުއްޖާގެ ގައިގައި އަތް ކާއްތާތަން ވެސް ފެނެއެވެ.

މިއީ ރާއްޖޭގެ ގިނަ ސްކޫލްތަކުގެ ހާލަތު އޮތް ގޮތެވެ. މިފަދަ ގިނަ ކަންކަން މީޑިއާއާ ހަމައަށް ތިލަނުވަނީސް ސްކޫލްތަކުގެ މެނޭޖްމެންޓާއި އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ގިނަ މައްސަލަތައް ކާޕެޓް ދަށަށް ކަހައިލައެވެ. އަހްލާގް ރަނގަޅު، އިސްލާމީ ޖީލެއް އުފެއްދޭނީ ގްރޭޑް ހަތަރަކުން މަތީގެ ކިޔަވާ ކުދިންގެ ދެޖިންސް ވަކިކޮށް ކިޔަވައިދީގެންނެވެ. މިސާލަކަށް ފިރިހެން ކުދިން މެންދުރު ކުރީގެ ސެޝަންގައި، އަދި އަންހެން ކުދިން މެންދުރު ފަހުގެ ސެޝަންގައި ވެސް ކިޔަވައިދެވިދާނެއެވެ. މިއީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމެވެ.
ކުދިންގެ ހައްޤަށް ވެސް މިނެއް ވާކަން ޤަބޫލްކުރުން
ދެވަނަ ކަމަކީ ކުޑަކުދިންގެ ހައްޤޭ ކިޔައިގެން ހުޅަނގުގެ ފަރަންޖީން ހަދައިގެން އުޅޭ ސެކިއުލަރ އުސޫލްތައް ދިވެހި މުޖުތަމައުއަށް ފިޓް ކުރާއިރު އިސްލާމީ އުސޫލްތަކާ އެއްގޮތަށް އެކަން ކުރުމެވެ. ކުޑަކުދިންގެ ހައްޤުތައް ފުޅާވީވީނުން ސްކޫލެއްގައި މުދައްރިސަކަށް ވެސް އަދި ނާޒިރަކަށް ވެސް ކުއްޖަކު އިސްލާހު ކުރަން އެޅޭނެ ފިޔަވަޅެއް ނެތެވެ. ބަލައިލެވޭ ކަތި ނަޒަރަކުން ވެސް ޓީޗަރާއި ނާޒިރު ކުށްވެރިވެދާނެއެވެ. ކުދިން މިހާރު މާ ބާރުގަދައެވެ. ހައްގުތައް މާގިނައެވެ. ޓީޗަރުނާއި މައިންބަފައިންނަކީ މިހާރު އެއްވެސް ބާރެއް ނެތް، ދަތްނެތް ސިންގާތަކެކެވެ. މި ވިސްނުން ބަދަލުކުރަން ޖެހެއެވެ.
ކިލާސްތަކުގައި ސީސީ ޓީވީ ކެމެރާ ހަރުކުރުން
ތިންވަނަ ކަމަކީ ކިލާސްތަކުގައި ސީސީ ޓީވީ ކެމެރާ ހަރުނުކުރެވޭ މައްސަލަ އެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުތައް ވަނީ ސީސީ ޓީވީ ކެމެރާއިން ފުރިފައެވެ. ރައްޔިތުން އުޅޭނޫޅޭ ހުރިހާ ގޮތެއް އެ ކެމެރާތަކުން ފެނެއެވެ. ނަމަވެސް ސްކޫލްތަކުގެ ކިލާސް ރޫމްތަކުގައި ސީސީ ޓީވީ ކެމެރާ ބެހެއްޓޭކަށް ނެތެވެ! ކުޑަކުދިންގެ ހައްޤަށް އުނިކަން ލިބެނީ އެވެ! ސީސި ޓީވީ ކެމެރާ ކިލާސްތަކުގައި ހުންނަ ނަމަ ކުދިންގެ އުޅުން މިވަރަށް ގޯހެއް ނުވީހެވެ. ކިލާސްތަކުގައި ވާނުވާ ނާޒިރުންނަށާއި ސްކޫލް މެނޭޖްމެންޓަށް އެނގޭނެ އެވެ. މިއީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ތިންވަނަ ކަމެވެ.
ސްކޫލަށް ސްމާޓް ފޯނު ވެއްދުން މަނާ ކުރުން
ހަތަރުވަނަ ކަމަކީ ރާއްޖޭގެ ގްރޭޑް އެކަކުން ގްރޭޑް 12 އަށް، އެއްވެސް ކިޔަވާ ކުއްޖަކަށް ސްކޫލަށް ސްމާޓް ފޯނު ނުގެންދެވޭ ގޮތަށް ޤަވާއިދެއް ހެދުމެވެ. ކިލާސްތަކުގައި ފާހިޝް ވީޑިއޯ އާއި ފޮޓޯ ބެލުން އާއްމު ވެއްޖެއެވެ. ކުދިންގެ އަހްލާޤް އިންތިހާ އަށް ގޯސް ވެއްޖެއެވެ. ޓޮޕް 10 އިން ވަނަ ނެގުމަކުން އަދި ނުފުދެއެވެ. ސްމާޓް ފޯނު މަނާކޮށް، ސްކޫލަށް ފޯނު ގެންދަން ކޮންމެހެން ބޭނުން ކުދިން ސްކޫލަށް ބައްތިފޯނު ގެންދެވޭ ގޮތަށް ހަދަންޖެހެއެވެ. ބައްތި ފޯނަކުން ފޮޓޯ އާއި ވީޑީއޯއެއް ނުބެލޭނެއެވެ. ދާދި ފަހުން ސިންގަޕޫރުގައި ވެސް ވަނީ ސްކޫލަށް ފޯނު ގެންދިއުމުގެ ޤަވާއިދު ވަރަށް ބޮޑަށް ހަރުކަށި ކޮށްފައެވެ. އޮސްޓެރޭލިއާގައި ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުން ކުރުން ވެސް މަނާ ކޮށްފައެވެ. މިއީ ވެސް ރާއްޖޭގައި ކުރަންޖެހިފައިވާ ކަމެކެވެ. އެހެން ކަމުން، ސްކޫލްތައް ހަމަ މަގަށް އެޅުވުމަށް މިހާރުންމިހާރަށް ކުރަން ޖެހިފައިވާ ހަތަރުވަނަ ކަމަކީ ސްކޫލްތަކަށް ސްމާޓް ފޯނު ވެއްދުން ދަރިވަރުންނަށް މަނާކުރުމެވެ.
ދިވެހީންގެ އަމިއްލަ އެގްޒަމިނޭޝަން ނިޒާމެއް އުފެއްދުން
ބެލެނިވެރިނަށް މަޖްބޫރު ކުރުވައިގެން ހުރިހާ ކުދިން، ސްކޫލޭ މިކިޔާ ފާހިޝް ހާނާތަކަށް ގެންގޮސްގެން މި ހިންގާ ކަންތައްތަކުގައި، ކުދިންނަށް ކިޔަވައިދެނީ އިނގިރޭސިވިލާތުގެ ކެމްބްރިޖްގެ މުގައްރަރުތަކަށް ކިޔަވައިދޭ މާއްދާތަކެކެވެ. ކުއްޖާ ގްރޭޑް 10 ނުވަތަ ގްރޭޑް 12 ނިންމާއިރު އަތުންފައިން މަސައްކަތެއް ކުރާކަށް ނޭނގެއެވެ. ރާނާކަށް، ކަރަންޓުގެ މަސައްކަތެއް ކުރާކަށް، އިލެކްޓްރޯނިކް މަސައްކަތެއް ކުރާކަށް ނުވަތަ ފަހާކަށް ނޭނގެއެވެ. ކައްކާކަށް، ވަޑާން ކުރާކަށް، ނުވަތަ ރެފްރިޖަރޭޝަން، ނުވަތަ އެފަދަ އެހެންވެސް ވޮކޭޝަނަލް މަސައްކަތެއް ނޭނގެއެވެ. ޕައިތޮގޮރަސް ތިއޮރަމް އާއި ފޮޓޯ ސިންތެސިސް ސައިކަލް ހިތުދަސްކޮށްގެން ސްކޫލުން ނިކުންނަ ކޮންމެ ކުއްޖަކު ބޭނުންވަނީ އެއާކޯން އޮފީހެއްގައި، ޓައި އަޅައިގެން، މޭޒެއްގެ ދޮށުގައި އިންނާށެވެ. ޤައުމުގެ ހުރިހާ މަސައްކަތެއް މިހާރު ކުރަނީ ބިދޭސީންނެވެ. އެހެންކަމުން ސްކޫލް ނިޒާމް އޯވަހޯލްކޮށް، ރީސެޓްކޮށް، ފަސްވަނަ ކަމަކަށް ކުރަން ޖެހޭ ކަމަކީ ކިޔަވައިދިނުމުގެ މުޤައްރަރު ބަދަލުކޮށް، ވޮކޭޝަނަލް ތައުލީމާއި، ދިވެހި ސަގާފަތާއި، އިސްލާމީ ތާރީހާއި، ޤުރުއާނާއި ހަދީސްގެ އިލްމު، އަދި ހިސާބާއި އިނގިރޭސިއާއި ސައިންސް ހިމެނޭހެން ދިވެހީންގެ އަމިއްލަ އެގްޒެމިނޭޝަން ނިޒާމެއް އުފެއްދުމެވެ. ކެމްބްރިޖް ދޫކޮށްލައި އަމިއްލަ މުޤައްރަރު ތަކެއް ހެދުމެވެ. މިއީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ފަސްވަނަ ކަމެވެ.
މުޅި ޤައުމުން ޕޯން ބޭންކުރުން
ގްރޭޑް 10 ނުވަތަ 12 ނިންމައިފައި ނުކުންނަ ގިނަ ކުދިން މިހާރު ފޯނުންނާއި އިންޓަނެޓުން ޖުވާ ކުޅުއެވެ. އިންސްޓަގްރާމުންނާއި ޔޫޓިއުބުން ފާހިޝް "ޕޯން" ބެލުން އާއްމު ވެއްޖެ އެވެ. އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައި އޮތަސް، ރާއްޖޭގައި ގްރޭޑް ތިނެއްގެ ކުދިންވެސް ސޯޝަލް މީޑިއާ ބޭނުން ކުރެއެވެ. މަންމަގެ އުނގުންފެށިގެން ކޮންމެ ދަރިއަކަށް އައިޕެޑެއް ދެއެވެ. ލޯބިންނެވެ. ނެޓު ގުޅައިފަ އެވެ. މިކަން އިސްލާހު ކުރުމަށްޓަކައި، ނަމަކަށް "ބޭންކޮށްފައި" އޮތް އިންޓަނެޓް ޕޯން (އޮރިޔާން ކާޑު) މުޅި ދިވެހި ޤައުމުގައި ބޭންކުރަން ޖެހެއެވެ. އީރާން ފަދަ ޤައުމުތަކުގައި އެއްވެސް ވަރަކަށް ޕޯން ސައިޓަކަށް ނުވަދެވޭނެ އެވެ. ރާއްޖޭގައި ވެސް، ދިވެހި ސަރުކާރާއި ދިރާގާއި އުރީދޫން އެކަން ކުރަން ބޭނުންނަމަ ކުރެވޭނެއެވެ. މުޅި ޤައުމުން ޕޯން ބޭންކުރާށެވެ.
މަގުމަތީގައި ސިނގިރޭޓު ބުއިން މަނާކުރުން
ސްކޫލް ނިންމާ ކުދިން "ޖޮބަށް" ގޮސް ގިނަ ވަގުތު ހޭދަކުރަނީ ކޮފީގައެވެ. ކޮފީ ބްރޭކަށް އެތައް ވަގުތެއް ހޭދަކޮށްފައި ދުވަސް ނިންމައިލާއެވެ. ހެސްކިޔައިފައި ސިނގިރެޓް ބޮއެވެ. ގިނަ ކުދިން ކޮންމެވެސް ވައްތަރެއްގެ މަސްތުވާ އެއްޗެއް ބޭނުންކުރެއެވެ. ނުވަތަ އެކި ކަހަލަ ކެމިކަލް އަޅައިގެން ވޭޕް ބޮއެވެ. އެނާޖީ ޑްރިންކަށް ދެވިހިފައިފައެވެ. ގިނަ ޒުވާނުން މައިންބަފައިންނަކަށް، އުމުރުން ދުވަސްވީ މީހުންނަކަށް، ސަގާފަތަކަށް، ދީނަކަށް އިހްތިރާމެއް ނުކުރެއެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކުގެ މެނޭޖްމެންޓް ތަކުން އުޅެނީ މި ހަޤީގަތް ފޮރުވައިފައި، އެ މީހުންގެ ބޮޑެތި މަޤާމްތަކުގައި ދެމިތިބުމަށެވެ. މުޅި ނިޒާމް އޯވަހޯލް ކޮށްގެން މެނުވީ މިކަން ހައްލެއް ނުކުރެވޭނެއެވެ. މި ޖީލު ސަލާމަތްކުރަން ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މަގުމަތީގަ އާއި ޕާކްތައް ފަދަ އާއްމު ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމެވެ. ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްގެން ޢާޑީ ތަންފީޒު ނުކުރެވޭ "ޖެނެރޭޝަނަލް ބޭން" އަކުން ނަތީޖާއެއް ނުނެރެވޭނެއެވެ. މަގުމަތީގަ އާއި ޕާކްތައް ފަދަ އާއްމު ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާށެވެ.

ސަރުކާރު ސްކޫލްތަކުގެ އަންހެން ކުދީންގެ ޔުނިފޯމްގައި ބުރުޤާ ހިމެނުން
އަހަރަކު ބިލިއަނަކަށް ވުރެ ބޮޑު އަދަދަކުން ހޭދަކޮށްގެން މިކުރާ ކަމަކީ އަސްލުގައި، ޖީލެއް ފަނާކޮށް، ފަސާދަ ކުރުމެވެ. ހަގީގީ ތައުލީމް ދިނުމެއް ނޫނެވެ. ދުނިޔޭގެ ޓޮޕް-ޓެން އަށް މިތެއް ކުދިން އަރައިފިޔޭ ކިޔައިގެން ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުނެކެވެ. މިއީ ކޮންމެހެން މި ސަރުކާރުގެ މައްސަލައެއްނޫނެވެ. މިއީ ޒަމާނުއްސުރެން ގޯހުންގޯހަށް ބަދަލުވަމުން އައި ތައުލީމީ ނިޒާމް މިހާރު އޮތް ގޮތެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑްރަގާ ދެކޮޅަށާއި، ދުންފަތާ ދެކޮޅަށް ފިޔަވަލު އަޅައި، ޤާނޫނުތައް ބަދަލުކޮށް، ޖުވާކުޅުން މަނާކޮށް، ސްކޫލް ޔުނިފޯމްގައި އަންހެން ކުދިން ހަރުވާލު ލާންޖެހޭ ގޮތަށް ހެދުން ފަދަ ބަދަލުތައް ގެނައުމަކީ ރަނގަޅު ފެށުމެކެވެ. ގްރޭޑް ހަތަރަކުން ފެށިގެން ސްކޫލް ޔުނިފޯމްގައި އަންހެން ކުދިން ހަރުވާޅު ލާންޖެހޭ ގޮތަށް އޮތް ބަދަލުގެ އިތުރުން ގްރޭޑް ހަތަރަކުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ކިޔަވާ ކުދިން ބުރުގާ އަޅަން ޖެހޭގޮތަށް ވެސް ހަދަން ޖެހެއެވެ.

އެމް.ޑީ.ޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން މިފަދަ ކަންކަމާ ދެކޮޅުވާނެއެވެ. ޔުނިފޯމަށް ގެނައި ބަދަލާ ގުޅިގެން ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ދިވެހި ކިޔަވާ ކުދިންގެ ޔުނިފޯމް ތަކުން މިހާރުވެސް އައުރަ ނިވާ ކުރެވޭ ކަމަށާއި، ޔުނިފޯމް ބަދަލު ކުރުމަކީ ބޭކާރު އިސްރާފެއް ކަމަށެވެ. ސެކިއުލަރިސްޓުން ނުރުހުނަސް ސަރުކާރު ސްކޫލްތަކުގެ އަންހެން ކުދީންގެ ޔުނިފޯމްގައި ބުރުގާ ހިމަނަން ޖެހެއެވެ. މިއީ މިވަގުތު ކުރަން ޖެހިފައިވާ ހަވަނަ ކަމެވެ.
އައްޑޫ ހައިސްކޫލްގައި ހިނގި ހާދިސާ އަކީ އަސްލު މައްސަލައިގެ ކުޑަ މިންވަރެކެވެ. އައިސްބާގްގެ ކޮޅެވެ. ބޮޑުބައި އޮތީ ފޮރުވިފައެވެ. މި މައްސަލާގައި ޓީޗަރާއި ދަރިވަރަށް ފިޔަވަޅު އެޅި ފަދައިން އެ ކިލާހުގައި، ވީޑިއޯކޮށް، މައްސަލަ ރިޕޯޓް ނުކޮށް މަޖާނަގަން ތިބި ކުދިންނަށް ވެސް އަހްލާޤް ދަސްކޮށްދޭ ޕްރޮގްރާމް ހިންގަން ޖެހެއެވެ. އަދި ވަކިން ހާއްސަކޮށް އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ނަދީމަށާއި ސީނިއަރ މެނޭޖްމަންޓަށް ފިޔަވަޅު އަޅަންޖެހެއެވެ. މިއީ ވަރަށް ބޮޑު އިހްމާލެކެވެ. ސްކޫލް ސިސްޓަމަށާއި އެޑިއުކޭޝަން މިނިސްޓްރީ އަށް އިތުބާރު ވަނީ ގެއްލިފައެވެ.

އާއްމުން ރަތަށް އެރުމުން އެޑިކޭޝަނުން އެންމެ ފަހުން ބުނެފައިވަނީ ޓީޗަރުންނަށް އަނިޔާކޮށް ކިލާސްތަކުގައި ސަކަރާތްޖަހާ ކުދިންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިއީ "ޓޫލިޓްލް ޓޫ ލޭޓް" ފިޔަވަޅެކެވެ. އެކަން އެހެން ނުވެސް ކުރާނެއެވެ. ރާއްޖޭގެ އެޑިއުކޭޝަން ނިޒާމް މިވަނީ ފެއިލްވެފައެވެ. ސްކޫލްތަކުގެ މެނޭޖްމެންޓް ވެސް މިވަނީ ފެއިލްވެފައެވެ. ސްކޫލްތަކަށް ކިޔަވަންދާ ގިނަ ކުދިން މިވަނީ ބުލީގެ ޝިކާރައަކަށްވެ، ރަނގަޅު ކުދިންވެސް އަހްލާގު ގޯސްވެ މަގު އޮޅިގެން ގޮސްފައެވެ. ބައެއް ސްކޫލްތަކަކީ މިހާރު ކުދިން ރަނގަޅަށް ތަރުބިއްޔަތުކުރާ ތަންތަނެއް ނޫނެވެ. ކުދިން ހަލާކުކުރާ ތަންތަނެވެ.
ދާދި ފަހުން ދިވެހި ފުލުހުންގެ މުއައްސަސާ "ރީސެޓް" ކުރަން މަސައްކަތް ފެށިގޮތަށް އެޑިއުކޭޝަންގެ ދާއިރާ ވެސް "ރީސެޓް" ކުރަން ޖެހެއެވެ. މިހާރު އެ ހުންނެވި "މަޑުކަށި" މިނިސްޓަރަކަށް އެކަމެއް ނުވާނެއެވެ. އެޑިއުކޭޝަން ދާއިރާ އަށް ވެސް ބޭނުން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ފަދަ ގަޓް ހުރި މިނިސްޓަރެކެވެ. މިކަމުގައި ރައީސް ޑރ. މުއިއްޒު އިސްނަންގަވައި، މުޅި ތައުލީމީ ނިޒާމް ރީސެޓްކުރެވޭ ފަދަ މިނިސްޓަރެއް އައްޔަން ކުރައްވައި، ސްކޫލްތަކަށް އެފަދަ ގަޓް ހުރި، ޤާބިލް މެނޭޖްމެންޓު ތަކެއް ވެސް ލައްވަން ޖެހެއެވެ. ތައުލީމީ ދާއިރާ ރީސެޓްކޮށްގެން މެނުވީ ޤައުމުގެ ކުރިމަގު ރީސެޓެއް ނުކުރެވޭނެއެވެ. އެކަން ކުރައްވާށެވެ.

One Response
މިއީ އައްޑޫ ގައި مرحوم شيخ ادريس ފަދަ ބޭފުޅުން ބިނާކުރެއްވި المدرسة العربية الاسلامية،
މިތަން އައްޑޫ ޑައުން އިސްކޫލަށް ބަދަލުކުރީ ރަން 30 އަހަރު ތެރޭގައި.
ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ޙާލަތެއް ……
13 ވަނަ ސޫރަތުގެ 11 ވަނަ އާޔަތް ބައްލަވާ.