މިއީ ފިޝަރީޒް މިނިސްޓްރީގެ ވާހަކައެއް ނޫނެވެ. އަދި ވަކި ޕާޓީއެއްގެ ނުވަތަ ވަކި ސަރުކާރެއްގެ ވާހަކައެއް ވެސް ނޫނެވެ. ޖޫން، 26، 2005ގައި ރަސްމީކޮށް އެމް.ޑީ.ޕީ ރަޖިސްޓްރީވެ، ރާއްޖެއަށް ރަސްމީކޮށް ޕާޓީ ނިޒާމް ތައާރަފްވުމާ އެކު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި ތޮތްޕެއް އެޅުނެވެ. ވަޒީފާ އަކަށް ކުރިމަތިލުމުން އެ ކުރިމަތިލީ މީހެއްގެ ޤާބިލްކަން ހުރިވަރު ބެލުމުގެ ބަދަލުގައި ބަލަނީ އެ މީހެއްގެ ބޮލުގައި އޮތް ތޮފީގެ ކުލައަށެވެ. ހާއްސަކޮށް މިނވަން މުވައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް ދޭ ނަމަ ބޮލުގައި އޮތް ތޮފީގެ ކުލަ އަށް ބަލައިފައި ނޫނީ ވަޒީފާއެއް ނުލިބެއެވެ. ވެރިކަމުގައި އޮންނަ ޕާޓީއެއްގެ ކުލައިގެ ތޮތްޕެއް ނެތްނަމަ ކިތައްމެ ޤާބިލް މީހަކަށް ވެސް ޖެހޭނީ "މަހަށް" ދާށެވެ. އެދުނު ވަޒީފާއެއް ނުލިބޭނެ އެވެ. ބައެއް ފަހަރު ވަޒީފާއިން ވަކިވެސް ކުރަނީއެވެ.
އެޗް.ޑީ.ސީ ހިންގަން މައުރޫފް ޖަމީލް ކިތައްމެ ޤާބިލަސް ބޮލުގައި އޮތް ތޮފީގެ ކުލަ ބަދަލު ނުކުރަންޏާ ޖެހޭނީ އެއްފަރާތަށް ޖެހޭށެވެ. އެއާޕޯޓްސް ކުންފުނި ހިންގަން މަހްޖޫބް ސުޖާއު ކިތައްމެ ޤާބިލަސް ތޮފީގެ ކުލަ ބަދަލުކޮށްގެން ނޫނީ އެ މަޤާމެއް ނުލިބޭނެއެވެ. އެމް.ޕީ.އެލް ހިންގަން ޝާހިދު އަލީ ކިތައްމެ ޤާބިލަސް ބޮލުގައި އޮތީ އެހެން ކުލައެއްގެ ތޮތްޕެކެވެ. މިއީ ވަކި ބައެއްގެ ނަން ފާހަގަކުރުމުގެ ނިޔަތުގައި ލިއުނު ނަންތަކެއް ނޫނެވެ. މިސާލުތަކެކެވެ. އަދި، މިއީ ވަކި ސަރުކާރަކަށް އެކަނި ނިސްބަތްވާ ކަމެއް ވެސް ނޫނެވެ. ޕާޓީ ސިސްޓަމް 2005 ވަނަ އަހަރު ތައާރަފްވެގެން އައި ފުރަތަމަ ސަރުކާރާ އެކު، ރައީސް ނަޝީދުގެ ވެރިކަމުގައި މި އިމްތިޔާޒު އެންމެ ގަދަޔަށް ބޭނުން ކުރެއްވި ބޭފުޅަކީ ހުދު ރައީސް ނަޝީދެވެ.

އެމަނިކުފާނު ފާޅުގައި ވިދާޅުވީ ތިމަން މަނިކުފާނުގެ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މީހަކު ކަމަކަށް އެދިގެން އަތުވެއްޖެ ނަމަ ތިމަން މަނިކުފާނުގެ ހުރި "ނުލަފާކަން" ދައްކަވައިލައްވާނެ ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް، އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް މަޤާމްތައް ދެއްވީ ހަމަ ބޮލުގައި އޮތް ތޮފީގެ ކުލައަށް ބައްލަވައިފައެވެ. މިހާރު ވެސް މައިގަނޑު ގޮތެއްގައި ކަންތައް މިދަނީ ހަމަ އެ އުސޫލުންނެވެ. މިއީ މިނިވަން މުވައްސަސާތަކަށް ވެސް އަދި އެސް.އޯ.އީ ތަކަށް ވެސް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.
ބޮޑެތި މުސާރަ ދީފައި، ބޮޑެތި ޒިއްމާތަކާ އެކު ވަޒީފާތަކާއި މަސައްކަތް ހަވާލުކުރަން ޖެހެނީ ޤާބިލް މީހުންނާ އެވެ. ތައުލީމީ ފެންވަރާއި ތަޖުރީބާގެ ގޮތުން އެ ވަޒީފާ އަކަށް ނުވަތަ މަސައްކަތަކަށް އެންމެ ޤާބިލް މީހަކާ އެވެ. އެވެނި މީހަކާ ތިމާގެ މީހަކަށް ވީމަ، ނުވަތަ ވަކި ޕާޓީއެއްގެ މީހަކަށް ވީމަ، ނުވަތަ ނުފޫޒު ގަދަ އެވެނި މީހެއްގެ ރަހްމަތެރިއަކަށް ވުމުން ވަޒީފާ ދިނުމުން އެ ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވި، ނާޤާބިލް ގިނަ މީހުން ބަލަނީ ލިބުނު ފުރުސަތު ނުގެއްލެނީސް އަވަސްއަވަހަށް، ވެވުނު ގޮތަކަށް މުއްސަނދިވެލައިގެން ދެވޭތޯ އެވެ. ހުރިހާ ގެއްލުމެއް ލިބެނީ ދައުލަތަށާއި އެސް.އޯ.އީ ތަކަށެވެ.
ކަމުނުގޮސްގެން އެއް އޮފީހުން ނުވަތަ އެއް އެސް.އޯ.އީން ނަގައި އެއްލާލައި މީހާ އަނެއްކާ ވެސް ގެންގޮސް އެހެން އޮފީހެއްގައި، ބޮޑު މުސާރައާ އެކު ބެހެއްޓުމުން ވެސް ހުރިހާ ގެއްލުމެއް ރައްޔިތުންނަށާއި ދައުލަތަށެވެ. ބޮލުގައި ވަކި ކުލައެއްގެ ތޮތްޕެއް އޮތުމަކީ ސަރުކާރަށް ނުވަތަ ދައުލަތަށް ބަލަދުއެރުން ކަމުގައި މިހާރު ވެއްޖެއެވެ. މިއީ ޕާޓީ ސިސްޓަމް އައުމުން ރައްޔިތުން ލޭބަލް ކުރުމުގެ ނަތީޖާ އެވެ.
ހަގީގަތަށް ބަލާއިރު ފަހުގެ ތާރީހެއްގައި ދިވެހި ރާއްޖެ އަށް ތައާރަފް ކުރެވުނު އެންމެ ބޭކާރު، އެންމެ ގެއްލުން ހުރި އެއްޗަކީ ޕާޓީ ނިޒާމެވެ. މި ޤައުމަށް ބޭނުންވަނީ، ރައްޔިތުންގެ ވޯޓަކުން ހޮވާ، ވަރުގަދަ އެގްޒެކެޓިވް ރައީސެކެވެ. ވަކީ ޕާޓީއަކަށް މަރުދޭ އެކްޓިވިސްޓެއް، ނޫނީ ވަކި ކުލައެއްގެ ވެރިއެއް ނޫނެވެ. ޕާޓީ ކުލައިން ރައްޔިތުން ލޭބަލްކުރުން ހުއްޓާލަން ޖެހެއެވެ. ފިރުއައުނު ހަލާކުވީ ހާމާނު ކަހަލަ މުނާފިގަކު އެޑްވައިޒަރަކަށް ލުމުންނެވެ. ކައިރި ކުރަން ޖެހެނީ އަމިއްލަ އެދުމަށް އުޅޭ މުނާފިގުންނެއް ނޫނެވެ. ތެދުވެރި، ޤާބިލް، އިހްލާސްތެރީންނެވެ. ވަޒީފާތަކަށް ލާންޖެހެނީ ޤާބިލް، ތައުލީމީ، ތަޖުރިބާ ހުރި މީހުންނެވެ.

ޕާޓީ ކުލައަށް ނުބަލައި ޤާބިލް މީހުންނަށް މަޤާމް ދިނުމުގެ ރަނގަޅު މިސާލެއް ދާދި ފަހުން ފެނުނެވެ. ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ކަމުގައިވާ އެމް.އޭ.ސީ.އެލް، ބީ.އެމް.އެލް، އެޗް.ޑީ.ސީ އެސް.ޓީ.އޯ، ސްޓެލްކޯ ފަދަ ކުންފުނިތަކަށް ބަލާއިރު ބޭންކް އޮފް މޯލްޑިވްސްގެ އެމް.ޑީ އަކަށް މުހައްމަދު ޝަރީފް އައްޔަން ކުރުމަކީ އެ ބޭންކުގެ ތާރީހުގައި ސަރުކާރަކުން ނިންމި އެންމެ ރަނގަޅު އެއް ނިންމުމެވެ. ބީއެމް.އެލްގެ ސީ.އީ.އޯ އަކަށް ލާންޖެހޭނީ އަބަދު ބޭރު މީހުންނެއް ނޫނެވެ. ބޮޑު މުސާރަ ދީފައި ދޮން މީހުންނާ ބީ.އެމް.އެލް ހިންގަން ހަވާލު ކުރުމުން ރަނގަޅު ނަތީޖާ ނުނެރެވި އޮތް ބީ.އެމް.އެލް އަށް އެ ބޭންކުގެ ހަމަ އިސްކޮޅަށް މިހާރު އެ ތެދުވެވެނީ ޤާބިލް ދިވެއްސަކު އެ މަޤާމަށް ލައިގެންނެވެ؛ "މުޅި ރާއްޖެއަށް ބީއެމް.އެލް"ގެ ޝިއާރުގެ ދަށުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ރަށެއްގައި އޭ.ޓީ.އެމްތައް ބަހައްޓައިފިއެވެ. ރައްޔިތުން ތިބީ ހެވިފައެވެ. މިހާރު އަމާޒު ހިފައިފައި ވަނީ ގިނަ ރަށްތަކެއްގައި ޑޮލަރު އޭ.ޓީ.އެމްތައް ވެސް ގާއިމުކުރާށެވެ. ބޭސްފަރުވާއަށް ދާ މީހުންނަށް ބޭންކުން ޑޮލަރު ދޫކުރާ އަދަދާއި ބޭރުގައި ކިޔަވާ ކުދިންނަށް ކާޑުން ޑޮލަރު ލިބޭ މިންވަރު ވެސް އިތުރުކޮށްފިއެވެ. މިހެން ގޮސް މުހިންމު އެތައް ކަމެއް އެ ގެންދަވަނީ ފަތުއަޑުގައި ކުރިއަށެވެ.
މިއީ ވަކި ސިޔާސީ ފިކުރަކަށް ނުބަލައި، ޤާބިލް ކަމަށް ބަލައިގެން މަޤާމް ހަވާލުކުރުމުގެ ނަތީޖާ އެވެ. އެމް.އޭ.ސީ.އެލް، އެސް.ޓީ.އޯ، ސެޓެލްކޯ، އެމް.ޓީ.ސީ.ސީ، އެޗް.ޑީ.ސީ، އެމް.ޕީ.އެލް، އެމް.ޓީ.ޑީ.ސީ އާއި ފެން ކުންފުނި ފަދަ ކުންފުނި ތަކަށް ވެސް ވެރީން ލާންޖެހެނީ އެ މީހެއްގެ ސިޔާސީ ކުލައަކަށް ބެލުމެއް ނެތި، ޤާބިލް ދިވެހީންނެވެ. އެކަމަކު އަޅުގަނޑު ވެސް ގަބޫލްކުރާ ހަގީގަތެއް އެބައޮތެވެ. އެފަދަ މީހެއްގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އިތުބާރު އެ ސަރުކާރަކަށް އޮންނަ މިންވަރެވެ.

ނާޤާބިލް މީހުން ލުމުގެ ނަތީޖާގެ ކުޑަ މިސާލެކެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތުލެބު ހިންގާނެ ބަޔަކު ހޯދަން ބިޑަށް ލައިގެން އުޅޭތާ އަހަރު ދުވަސް ހޭދަވި އިރުވެސް އެ ހޮސްޕިޓަލުގެ މިހާރުގެ ސީ.އީ.އޯ ޑރ. އިބްރާހިމް ޔާސިރަކަށް އެކަމެއް ނުވިއެވެ. ކަން ނުވާނެހާ ކޮޅު ދައްކަވަމުން، އަހަރުތައް ފާއިތުވަމުން، ކެތު ލެބް ހަލާކުވަމުންދާ އިރުވެސް އެ ހޮސްޕިޓަލުގެ ސީ.އީ.އޯ އަކަށް ހުރީ ހަމަ ނާޤާބިލް "ޑޮކްޓަރެކެވެ"! ތެދެކެވެ. އޭނާއަކީ އެތެރެހަށީގެ ތަޖުރިބާކާރު ޑޮކްޓަރެކެވެ. އެކަމަށް ފިސާރި ކުޅަދާނަ އެވެ. އެކަމަކު ބޮޑު ހޮސްޕިޓަލެއް މެނޭޖްކުރާކަށް ނޭނގުނެވެ.

ހޮސްޕިޓަލަކަށް ވުމުން އެތަން ހިންގަން ކޮންމެހެން ހުންނަން ޖެހެނީ ޑޮކްޓަރެއް ނޫނެވެ. އެ ހޮސްޕިޓަލް ހިންގަން ބޭނުންވަނީ މޮޅު މެނޭޖަރެކެވެ. މޮޅު ހިންގުންތެރިއެކެވެ. މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ސީ.އީ.އޯ އަކަށް އެ ހުންނެވި އަބްދުއްރައްޒާގު ހަލީމަކީ ވެސް ޑޮކްޓަރެއް ނޫނެވެ. އެކަމަކު ފިސާރި މޮޅު ހިންގުންތެރިއެއްކަން އައި.ޖީ.އެމް.އެޗާއި ދަރުމަވަންތަ އާއި މާލޭ ސަރަހައްދުގެ އެހެން ހޮސްޕިޓަލްތަކުގެ ހިންގުމަށް ގެންނަވާ ހެޔޮ ބަދަލުތަކުން އެހެރީ ސާބިތުވާށެވެ. ހޮސްޕިޓަލް ހިންގޭނީ ޑޮކްޓަރަކަށް ކަމުގައި ވާ ނަމަ ޓްރާންސްޕޯޓް މިނިސްޓަރަކަށް ޓެކްސީ ޑްރައިވަރެއް، ހެލްތު މިނިސްޓަރަކަށް ބަލި މީހެއް، ފިޝަރީޒް މިނިސްޓަރަކަށް ވަކި ކުލައެއްގެ ކޯރިއެއް އެޅި މަސްވެރިއެއް، އެޑިކޭޝަނަށް ޓީޗަރެއް، ފޮރިން މިނިސްޓަރަކަށް ބިދޭސީއެއް، ފިނޭންސަށް މަހުޖަނެއް، ޖެންޑަރ ހިންގަން ނުކުޅެދޭ މީހެއް، ޓޫރިޒަމް ހިންގަން ފަތުރުވެރިއެއް، އިސްލާމިކް މިނިސްޓްރީ އަށް މުދިމެއް، އެގްރިކަލްޗަރ މިނިސްޓްރީ އަށް ދަނޑުވެރިއެއް، ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަން ރާނާ މީހެއް، ހެރިޓޭޖް މިނިސްޓްރީ އަށް ޝާއިރެއް، ސްޕޯޓްސް މިނިސްޓްރީ އަށް ރެފްރީއެއް، އަދި ޔޫތު މިނިސްޓްރީ ހިންގަން ތަސައްރަފް ނުފުދޭ ޒުވާނަކު ލާންވީ އެވެ.
ހުރިހާ ހަލާކަކާއި ގެއްލުމެއްގެ އަސްލަކީ ނާޤާބިލް، ތަޖުރިބާ އެއް ނެތް މީހުންނާ މަޤާމްތައް ހަވާލުކުރުމެވެ. ރާއްޖެ އަށް ޕާޓީ ސިސްޓަމް އައި ފަހުން ހުރިހާ ސަރުކާރަކުން ވެސް މި ފޯމިއުލާ ފޮލޯކުރުމުގެ ނަތީޖާ ވަރަށް ހިއްޗެވެ. މިކަން ބަދަލުކޮށް، މި ވިސްނުން ދޫކޮށްލައި، މޫނަކަށް، ކަނދުރާ އަކަށް، ބޮލުގައި އޮތް ތޮފީގެ ކުލައަކަށް ބެލުމެއް ނެތި ޤާބިލް މީހުންނަށް ވަޒީފާތައް ދީފައި، ޑެލިވަރ ނުކުރެވޭ ނަމަ މަޤާމުން ވަކި ކޮށްފައި، މެރިޓް ބޭސްޑް މުޖުތަމައުއެއް ޤާއިމްކޮށްގެން މެނުވީ މި ޒަމާނުގެ އެފިޝެންޓް، ވަރުގަދަ އިގްތިސޯދެއް ބިނައެއް ނުކުރެވޭނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0″ގެ ޑިޖިޓަލް އިގްތިސޯދު ބިނާ ކުރުމަށްޓަކައި ވަޒީފާތަކަށް މީހުން ލުމުގައި ސިޔާސީ ވިސްނުން ދޫކޮށް، ޤާބިލް ދިވެހިންނަށް އިސްކަން ދޭންޖެހެއެވެ. ދިވެހީން ޖެހެނީ ޕާޓީ ސިސްޓަމަށް ފުރަގަސްދޭށެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް ދިވެއްސަކީ ދިވެއްސެކެވެ! ޤާބިލް މީހަކީ ހަމަ ޤާބިލް މީހެކެވެ. ގައުމު ބިނާކުރުމުގައި، ވަކި ފިކުރެއްގެ މެޖޯރިޓީ އޮތް އާބާދީއަކަށް ރައީސް ޑރ. މުއިއްޒު ނުބައްލަވައެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ވެސް ނުބައްލަވައެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކޮންމެ ފިކުރެއްގެ މީހަކަސް އެ މަނިކުފާނަށް މައްސަލައެއް ނޫން ކަމަށެވެ. ދިވެހި ރައްޔިތަކަށްވީތީ ހަމަހަމަކަމާއި އިންސާފު ދެއްވާނެ ކަމަށެވެ.
ޤައުމު ބިނާކުރުމުގައި މި ހަޤީގަތް އެންމެން ޤަބޫލުކޮށް، އެ ގޮތުގައި ކުރިއަށް ދާންވީ އެވެ. މުހިއްމުވާންވީ ޕާޓީއެއް ނޫނެވެ. ޤައުމެވެ.
