މީހެއްގެ ވައިބަރ ހެކްކޮށް، އެކި މީހުންނަށް މެސެޖުކޮށް ދޮޅު ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ. އަށްވުރެ ގިނަ ފައިސާ ހޯދައި، އެ ފައިސާތަކުގެ ތެރެއިން ބައެއް ނަގައިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަޙްމަދު ޙައްސާން، 33، މާލޭހިޔާ 1-16-03 ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ. އަށް ވުރެ ގިނަ ރުފިޔާ ހޯދައިފައިވާ ކަމަށް ހުސްވި ނޮވެމްބަރު 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، މި މަހު ހަތަރު ވަނަ ދުވަހުއެވެ.
"މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި މީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300ރ. ހޯދައި އެފައިސާގެ ތެރެއިން 75،000ރ. ރުފިޔާ ވަނީ ނަގައިފައެވެ." ފުލުހުން ބުނެއެވެ.
"މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ."
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment