Support Us

ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ތަންމިނަށް" ހުޅުވާލެވިފައި، ނަމަވެސް ޢަބުރު ކަތިލުމުގެ ފުރުޞަތެއް ސަރުކާރުން ނުދޭނަން: ރައީސް

އަދުގެ ސަރުކާރަކީ ނޫސްވެރިންނަށް ފުރުޞަތު ފަހިކޮށްދެއްވާ ސަރުކާރެއް ކަމަށާ، ނޫސްވެރިކަމުގެ މިނިވަންކަން މި ރާއްޖޭގައި އޮތީ "ތަންމިނަށް" ހުޅުވާލެވިފައި ކަމަށާ، ނަމަވެސް، އެއްވެސް މީހެއްގެ ޢަބުރު ކަތިލުމުގެ ފުރުޞަތެއް އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާއެކު މިރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް އިޝާރާތްކުރައްވަމުންނެވެ.

ރައްޔިތުންގެ ގާތަށް ވަޑައިގެން މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީވެސް ހުރިހާ ވާހަކަތަކެއް ހިއްސާކުރެއްވުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށާ، ޚިޔާލު ތަފާތު ބޭފުޅަކު އެއްޗެއް ވިދާޅުވެދާނެ ކަމަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް މަރްޙަބާ ވިދާޅުވާ ކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންފައެވެ. ކޮންމެ ރައްޔިތަކީވެސް އެމަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށާއި ކޮންމެ ރައްޔިތަކާ މެދުވެސް ސަރުކާރުން އަމަލުކުރައްވާނީ ޢަދަލުވެރިކަމާއި، ހަމަހަމަކަމާ އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއްކަމަށާ، ޚަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެ ކަމަށެވެ. އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިޢުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާ، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާއި އެއީ އިލާހީ ޤާނޫނު ކަމަށާއި، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ އެމަނިކުފާނަށް އޮތް ފުރުޞަތެއް ނޫން ކަމަށާއި، ނަމަވެސް، އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެ ކަމަށާއި މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *