ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 ޑޮލަރާއި 25،000 ކޭސް ދަޅުމަސް ހަދިޔާކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ މި ނިންމުމަކީ "ދީތުވާ" ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
"މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަމެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ގަދަޔަށް ވިއްސާރަކޮށް އެކި ހިސާބުތަކުގައި އަދިވެސް ބޮޑުވަމުންދާއިރު މިހައިތަނަށް މަރުވި މީހުންގެ އަދަދު ވަނީ 69 އަށް އަރައިފައެވެ.
ސިފައިން ނުކުމެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުޅާކޮށްފައި ވާއިރު 34 މީހަކު ގެއްލިގެން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.



advertisment