Support Us

ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނެ އަދި ފުއްދައިދޭނޭ ވަޢުދެއް: ރައީސުލްޖުމްހޫރިއްޔާ

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ މި ދައުރުގެ ތެރޭގައި ޙައްލުކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން ހާމަކުރައްވައި، ބޯހިޔާވަހިކަމުގެ ވަޢުދަކީ ފުއްދޭނޭ އަދި ފުއްދަވައިދެއްވާނޭ ވަޢުދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މައްޗަންގޮޅީގެ ރައްޔިތުންނާއެކު މިރޭ ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަމީނިއްޔާ ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ބެހޭގޮތުންނެވެ. އެކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ އެކި މަޝްރޫޢުތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތަކުގެ އަދާހަމަ، އަދި މަސައްކަތްތަކުގެ ދުވެލި އަވަސްކުރެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ތަފްޞީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި މިހާރު ދޫކޮށްފައި ހުރި ގޯތިތައް ބޭނުންކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ދިމާވެފައިވާ މައްސަލަތައްވެސް ކަމާ ބެހޭ ފަރާތްތަކުން ބައްލަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންވަނީ، ސިންދަފާތު ދާއިރާތަކުން ޚިޔާލު ހުށަހަޅުއްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، މާލޭގެ މަގުތަކާއި، މޫދަށް އެރޭ ސަރަޙައްދުތައް އަދި ޕަބްލިކް ވަރކްސް އާ ގުޅުންހުރި ކަންކަމާއި، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި، ބިދޭސީންގެ މައްސަލަ އާއި، ކުޅިވަރު ކުޅޭނޭ މަރުކަޒުތައް ނެތުމުގެ މައްސަލައިގެ އިތުރުން ސަރުކާރުގެ އެކި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ހުށަހެޅި ޚިޔާލުތައް ހިމެނެއެވެ.

ބައެއް ކަންކަމަށް ވަކި ވަކީން ބައްލަވާލައްވަމުން އެމަނިކުފާނު ވަނީ، ޕަބްލިކް ވަރކްސް ޚިދުމަތުގައި މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެފަދަ މަސައްކަތްތައް ސިޓީ ކައުންސިލުން ނުކުރާނަމަ، ސަރުކާރުން އިސްނަގައިގެންވެސް މައްސަލަތައް ޙައްލުކޮށްދެއްވާނޭކަ މަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންނަށް ފައިސާ ދޭންޖެހި، ނުދެވި ހުރި ބިލުތަކުގެ ބެކްލޮގް ބިލުތަކަށް މިހާރު ފައިސާ ދައްކަވަން ފައްޓަވާފައިވާ ކަމަށާއި، މަސްވެރިންގެ ފައިސާގެ ކަންތައް ޙައްލުކުރެއްވި އުސޫލުން، އެ ބިލުތަކަށް ފައިސާ ދެއްކުންވެސް ހަމައަކަށް އަޅުއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވަނީ، މާލޭ ޓެކްސީ ލައިނަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަމުގެ ޔަޤީންކަން ދެއްވައި، އެ ޚިދުމަތުގެ ތެރެއިން ޑްރައިވަރުންނަށް ހުރި ފުރުޞަތުތައް ހިއްސާކުރައްވާފައެވެ.

ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއް، ބުރުޒު މަގުގައި އާކޭޑެއް އަދި ކުޑަކުދިންގެ ކުޅިވަރު ކުރޭ މަރުކަޒެއް ތަރައްޤީކުރައްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ތިމާވެއްޓަށް އިސްކަންދޭ ސަރުކާރެއް ކަމުގައި ވާނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ، އޮންނަ އުސޫލެއްގެ ދަށުން ބޮޑެތި ގަސްތައް ނަގައި، ބަދަލުގައި ގަސް އިންދައި، ރާއްޖޭގެ ފެހިކަމަށް އިސްކަންދެއްވާނޭ ކަންވެސް މިރޭގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، ޢަރަބިއްޔާ ސްކޫލް ހުރި އިމާރާތް ބޭނުންކުރާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހުށަހެޅުއްވުމަށްވެސް އެދިވަޑައިގެންފައެވެ.

ރައްޔިތެއްގެ އަމިއްލަ ކަމެއް ކަމުގައިވިޔަސް، އަދި ޖަމަޢީ ކަމެއް ކަމުގައިވިޔަސް، ރައްޔިތުން ފާޅުކުރެއްވި ބިނާކުރަނިވި ޚިޔާލުތަކަށް ސަމާލުކަން ދެއްވައިގެން އެކަންކަން ބައްލަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *