ހުޅުމާލެ ތިންވަނަ ފިޔަވައްސާއި ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މިއަދު މާލެ އަތުވެއްޖެ ކަމަށާއި މާދަމާ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުމާލޭ ފޭސް ތިނެއް ހިއްކުމަށް ބޭނުންވާ ޑްރެޖަރ ޓީ.އެސް.އެޗް.ޑީ ޕްރިންސް ޑެއާ ނެޑަލެންޑެންގެ އިތުރުން މިހާރު ފޭސް ތިނެއްގައި މޮބިލައިޒްކޮށްފައިވާ ޓީ.އެސް.އެޗް.ޑީ އޮރަންޖީ ނަމަކަށް ކިޔާ ޑްރެޖަރުވެސް ބިންހިކުމުގެ މަސައްކަތުގައި ބޭނުންކުރާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނަގަތުމުގެ މަސައްކަތާއި، އެއާ ގުޅުން ހުރި އެހެނިހެން ކަންކަން ފުރިހަމަކުރެވުމުން ގިރާވަރު ސަރަހައްދުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
ހުޅުމާލޭ ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމައި، ދެން ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ކުރިއަށް އޮތް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ހައުސިން މައްސަލައަށް ހައްލުހޯދަވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ފޭސް ތިނެއް ހިއްކުމާއި ގިރާވަރު ފަޅު ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރު ގެނެސް ބިންހިއްކުމުގެ މަސައްކަތް އަވަސް ކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



advertisment