އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން، ކ. ދިއްފުށީގައި ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ތިން ދުވަހުގެ ކޭމްޕެއް ބާއްވައިފިއެވެ.
ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ތިމާވެއްޓަށް އިޙްތިރާމްކުރުމަށް އަމާޒުކޮށްގެން ދިއްފުށީ ކައުންސިލާއި އަލޯހާ އުފާ ޖަމިއްޔާއާ ގުޅިގެން މިމަހުގެ 20، 21 އަދި 22 ގައި ކުރިއަށްގެންދިޔަ "’ޔަންގް އެކްސްޕްލޯރަރ ކޭމްޕް"ގައި ތަފާތު ހަރަކާތްތަކެއް ވަނީ ބާއްވައިފައެވެ. މި ޕްރޮގްރާމްގައި ގްރޭޑް 1-10 އަށް 100 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.

މިކޭމްޕުގައި ކުރިއަށްގެންދިޔަ ޚަރަކާތްތައް
– ވާހަކަ ފޮތް ކިޔައިދިނުމުގެ ތެރެއިން، ރުޅިވެރިކަމާއި ލަދުވެތިކަމާއި ކަންބޮޑުވުން އަދި ހާސްވުން ފަދަ އިޙްސާސްތައް ދެނެގަނެ، އެ އިޙްސާސްތަކާ ކުރިމަތިލާނެ ގޮތްތައް ކިޔައިދިނުން.
– "އެކްސްޕްރެސިން އިމޯޝަންސް ތްރޫ އާޓް" ވޯކްޝޮޕްގެ ތެރެއިން ކުދިންގެ އެކި ކަހަލަ އިޙްސާސްތައް ދެނެގަނެ، ކުރެހުމުގެ ތެރެއިން އެ އިޙްސާސްތައް ފާޅުކުރުމަށް ދަސްކޮށްދިނުން
– "މައިންޑްފުލް މޫވްމަންޓް" ސެޝަންތަކުގެ ތެރެއިން ކުއްޖާ ނުތަވަނަވަސްވެ ހާސްވާ ވަގުތުތަކުގައި، ހަމަޖެހުން ގެނައުމަށްޓަކައި ފުންކޮށް ނޭވާލުމާއި ގްރައުންޑިން ޓެކްނިކްސް ކިޔައިދިނުން
– ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ހިތްވަރުދިނުމުގެ ގޮތުން ސިއްޙަތަށް ފައިދާ ހުރި ކާނާ ތައްޔާރުކުރުމުގެ ހުނަރު ދަސްކޮށްދޭ ސެޝަންތައް ކުރިއަށް ގެންދިއުން
– ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަނާ ގުޅޭގޮތުން ހޭލުންތެރިކުރުމާއި، މައިކްރޯ ޕްލާސްޓިކަށް އަހުލުވެރިކުރުމަށް ނަރޑަލް ހަންޓް ހަރަކާތްތަކެއް ކުރިޔަށްގެންދިއުން. އަދި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އާންމު ކުންޏާއި، ޕްލާސްޓިކް ވަކިކޮށް، ދަރިވަރުން ވަނީ 30 އަށްވުރެ ގިނަ ކޮތަޅުގެ ކުނި އެއްކޮށްފައި. މި ހަރަކާތުގެ ތެރެއިން ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި، ކުނި މެނޭޖުކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ކިޔައިދިނުން.
– ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން ފީނުމުގެ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައި.

"ޔަންގް އެކްސްޕްލޯރަރ ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމުގައި ދިއްފުށީ ކައުންސިލް އިދާރާއާއި ދިއްފުށީ ހެލްތް ސެންޓަރާއި ފެސިލިޓޭޓަރުންނާއި ވޮލަންޓިޔަރުންނާއި ބެލެނިވެރިން ދެއްވި އެއްބާރުލުމަށްޓަކައި އާކްގެ ޓީމްގެ ފަރާތުން ޝުކުރު ދަންނަވަމެވެ." އާކް އިން ބުންޏެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ މޭ 10 އެވެ.



advertisment