Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ކުރީގެ ރައީސުންނާއި ކުރީގެ މެމްބަރުންގެ އިނާޔަތްތައް މަދުކުރުން!

މަހިންދަ ރާޖަޕަކްސާ، މައިތްރިޕާލާ ސިރިސޭނާ، ޗަންދްރިކާ ބަންޑާރަނައިކާ ކުމާރަތުންގާ، ގޮތަބާޔާ ރާޖަޕަކްސާ، އަދި ރަނިލް ވިކްރަމަސިންހާ، މި ފަސް ބޭފުޅުންނަކީ ވެސް ސްރީލަންކާގައި ނުފޫޒު ގަދަ، ކުރީގެ ރައިސުންނެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބޭއިންސާފު، އިސްރާފުތައް މަދުކުރުމުގެ ގޮތުން ލަންކާގެ މިހާރުގެ ރައީސް އަނޫރާ ކުމާރަ ޑިސަނެއިކާ ފެއްޓެވި މަސައްކަތުގެ ތެރެއިން ކުރީގެ މި ފަސް ރައީސުންނަށް ދައުލަތުން ދީފައި ހުރި ރަސްމީ ގެކޮޅުތަކާއި، ރަސްމީ ކާރުކޮޅުތަކާއި، އޮފީސް ހިންގަން ދެމުން އައި އިނާޔަތްވެސް ވަނީ އަތުލައިފައެވެ. ނުވަތަ ކަނޑާލައިފައެވެ. މިއީ ލަންކާގެ ރައީސް އަނޫރާ ޤައުމަށްޓަކައި، އަދި ރައްޔިތުންގެ ހައްޤުގައި ފެއްޓެވި ވަރަށް ރަނގަޅު މަސައްކަތްތަކެކެވެ. މޫނަކަށް، ވަކި މީހަކަށް ބެއްލެވުމެއް ނެތި، ޤައުމާއި ރައްޔިތުންގެ ހައްޤުގައި އަނޫރާ މަސައްކަތް ކުރައްވާކަން ސާބިތުކޮށްދެއްވި މިސާލެކެވެ.

ކުރީގެ ރައީސުންނާއި، ކުރީގެ ޕާލިމެންޓު މެމްބަރުންނާއި، ކުރީގެ ފަނޑިޔާރުންނާއި، ކުރީގެ ސިފައިންގެ އޮފިސަރުން ފަދަ ފަރާތްތަކަށް ދެމުންއައި ނުހައްޤު އިނާޔަތްތައް ކަނޑާލައި، މިފަދަ ބޭއިންސާފް، ބޭކާރު ހަރަދުތައް ކުޑަކުރުމުގައި އަނޫރާގެ ސަރުކާރުން ދައްކަމުންދާ މިސާލު ދިވެހި ސަރުކާރުންވެސް ދަސްކުރަން ޖެހެއެވެ. ސެޕްޓެމްބަރ 2024 ގައި ވެރިކަމަށް ވަޑައިގަތްތާ އެންމެ އެއް އަހަރުވީ އިރު އަނޫރާގެ ސަރުކާރުން ވަނީ އެޤައުމުގެ ކުރީގެ ރައީސުންނަށް ކުރާ އެތައް ބިލިއަން ރުޕީސްގެ ހަރަދުތައް ބޮޑުތަނުން ކުޑަ ކުރައްވާފައެވެ. މިއަހަރު ޖުލައި މަހު ލަންކާގެ ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލުމުގެ ބިލެއް އެޤައުމުގެ ޕާލިމެންޓަށް ހުށަހަޅައި ވަނީ ފާސްކޮށް ތަސްދީގު ކޮށްފައެވެ. އެ ޤާނޫނުގެ ދަށުން، ރާޖަފަކްސާ އާއި ރަނިލް ފަދަ ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން ދިޔަ ރަސްމީ ގަނޑުވަރުތައް ވަނީ އަތުލައިފައެވެ. އޭގެ އިތުރުން، ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދީފައި ހުރި ވަޒަން ނާރާ އަގު ބޮޑު ކާރާއި، އޮފީސް ހިންގުމުގެ ހަރަދު ވެސް ވަނީ ކަނޑާލައިފައެވެ. ކުރީގެ ރައީސުންނަށް ލަންކާގައި ލިބޭ އާއްމު ޕެންޝަނާއި އަސާސީ ސެކިއުރިޓީގެ އިތުރުން އެއްވެސް އާދަޔާ ހިލާފު އިނާޔަތެއް ނުލިބޭނެއެވެ. ލަންކާގެ މި ފިޔަވަޅުތަކުން ދިވެހި ސަރުކާރުވެސް ފިލާވަޅު ނަގަންޖެހެއެވެ!

ކުރީގެ ރައީސުންގެ އިނާޔަތްތައް މަދު ކުރި ގޮތަށް، ކުރީގެ ޕާލިމެންޓް މެމްބަރުންނާއި އެޤައުމުގެ ކުރީގެ ހުރީހާ އިސް ވެރީންނަށް ލިބެމުން އައި އިނާޔަތްތައް ކުޑަ ކުރުމުގެ މަސައްކަތް ވެސް ލަންކާ އިން ވަނީ ފަށައިފައެވެ. ލަންކާގެ ރައީސް އަނޫރާ އަކީ ބޭކާރު ހަރަދުތަކާއި، ބޭއިންސާފު އިސްރާފުތައް މަދު ކުރައްވައި، ޤައުމުގެ އިގްތިސޯދު ހަމަޔަކަށް އަޅުއްވައި، ދެފުށް ފެންނަ، ކޮރަޕްޝަން ފްރީ ސަރުކާރެއް ޤާއިމް ކުރެއްވުމުގައި ވަރަށް ފުރިހަމަ މިސާލެއް ދައްކަވަމުން ގެންދަވާ ވެރިއެކެވެ. ލަންކާގެ މި ފިޔަވަޅުތަކުން މިސާލު ނަގައި، ބޭއިންސާފު، އިސްރާފް ހަރަދުތައް ކުޑަ ކޮށް، ދައުލަތުގެ ކުރީގެ ވެރިންގެ އެލަވެންސްތައް މަދުކޮށް، ދިވެހި ދައުލަތަކީ ކޮރަޕްޝަނާއި އިސްރާފުން ސާފުވެފައިވާ ތަނަކަށް ހަދަން ޖެހެއެވެ. މިކަމުގައި ލަންކާ ސަރުކާރަކީ ދިވެހި ސަރުކާރުން ބަލަން ރަނގަޅު މިސާލެކެވެ.

ދިވެހިރާއްޖޭގެ ރައީސްކަން އަދާކުރައްވައިފައިވާ، ކުރީގެ ރައީސަކަށް، އެލަވެންސްގެ ގޮތުގައި މަހަކު ބައި ލައްކަ ރުފިޔާ ލިބެއެވެ. އެއް ދައުރަށް ވުރެ ދިގު މުއްދަތަކަށް ރައީސްކަން ކުރައްވާފައިވާ ނަމަ އެ އެލަވެންސް 75،000ރ. އަށް ބޮޑުވެއެވެ. އޭގެ އިތުރުން ލިވިންގެ އެލަވެންސްއެއްގެ ގޮތުގައި ކުރީގެ ކޮންމެ ރައީސަކަށް މަހަކު 50،000ރ. ލިބެއެވެ. އޭގެ އިތުރުން، މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތް ކުރެއްވުމަށްޓަކައި ރާއްޖޭގެ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް މަހަކު 175،000ރ. ދައުލަތުން ދެއެވެ. މި އަދަދުތައް އެއްކޮށް ލުމުން މަހަކު މަދުވެގެން 275،000ރ.، އަދި އެއް ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުންނަށް މަހަކު ތިން ލައްކަ ރުފިޔާގެ އިނާޔަތް ލިބެއެވެ. މީގެ އިތުރުން، މި ބޭފުޅުންގެ ބޭސްފަރުވާ އަށް ބޭނުން ޤައުމަކުން، ބޭނުންވަރަކަށް ހަރަދު ކުރެއެވެ. އަދި، 24 ގަޑިއިރު އެމް.އެން.ޑީ.އެފްގެ ސެކިއުރިޓީ ދޭން ޖެހެއެވެ. މިހުރިހާ ހަރަދެއް އެކޮށްލުމުން ކުރީގެ ކޮންމެ ރައީސެއްގެ މައްޗަށް، ރައްޔިތުންގެ ފައިސާއިން، މަހަކު ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާ ހަރަދުވެއެވެ. ރާއްޖޭގައި މިވަގުތު ކުރީގެ ފަސް ރައީސުން އެބަތިއްބެވިއެވެ. މި ފަސް ބޭފުޅުންގެ މައްޗަށް، ބޭސްފަރުވާ އާއި، ސެކިއުރިޓީ އާއި، އެލަވެންސް ފައިސާ އެކޮށް ލުމުން މަހަކު ދެމިލިއަން، ނުވަތަ އަހަރަކު 24 މިލިއަން ރުފިޔާ އެބަ ހަރަދުވެއެވެ. ކޮންފަދަ ބޮޑު ބޭއިންސާފެއްތޯއެވެ؟ ކޮންފަދަ ބޮޑު އިސްރާފެއްތޯ އެވެ؟

ރާއްޖޭގެ ކުރީގެ ރައީސުންނަށް ދޭ ސެކިއުރިޓީގެ ހަރަދުވެސް ވަކި މިންގަނޑެއްގެ ތެރެއިން ދަށްކުރަން ޖެހެއެވެ. އަދި ބޭސްފަރުވާގެ އިންޝުއަރެންސް ވެސް އާސަންދައިގެ އިތުރުން، ބޭރު ޤައުމުތަކުން ހޯދާ ސިއްހީ ހިދުމަތުގެ އިންޝުއަރެންސް ދަށްކޮށް، ވަކި މިންގަނޑަކަށް ފައްތަން ޖެހެއެވެ. ކުރީގެ ރައީސުންނަށް ކޮންމެ މަހަކު ލިބޭ 300،000ރ.ގެ އެލަވަންސް، އެންމެ ބޮޑުވެގެން އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ ވަރަށް ދަށްކުރަން ފެނެއެވެ. މިއީ ރައްޔިތުން ކުރާ ބުރަ މަސައްކަތުން ދައްކާ ޓެކްސް ފައިސާ އެވެ. ކުރީގެ ރައީސެކޭ ކިޔައިފައި މަހަކު ތިން ލައްކަ ރުފިޔާ އާއި، ހައި ސެކިޢޫރިޓީ އާއި ޔޫރަޕުގެ ހޮސްޕިޓަލްތަކުން ބޭސްފަރުވާގެ ހަރަދު ދޭކަށް ނުޖެހެއެވެ.

ރާއްޖޭގާޢީ ރައްޔިތުންގެ މަޖުލީހުގެ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތްތަކާއި ޕެންޝަން ވެސް ހުރީ ހައްދުފަހަނަ އަޅައިފައެވެ. މިއީވެސް ބޮޑުތަނުން ކުޑަކުރަންޖެހޭ ބޭކާރު ހަރަދުތަކެކެވެ. ރައްޔިތުންގެ މަޖުލީސް މެމްބަރުކަން އެއް ދައުރުގައި އަދާކުރައްވާފައިވާ ފަރާތްތަކަށް، އެ މެމްބަރަކު މެމްބަރުކަން ކުރެއްވި އިރު ލިބިވަޑައިގަތް މުސާރައިގެ 30%، ޕެންޝަނުގެ ގޮތުގައި، އުމުރު ދުވަހަށް ލިބެއެވެ. އެއް ދައުރަށް ވުރެ ދިގު މުއްދަތަކަށް މެމްބަރުކަން ކުރައްވާފައިވާ ނަމަ މި އަދަދު 45% އަށް ބޮޑުވެއެވެ. މީގެ އިތުރުން، ކުރީގެ މަޖުލިސް މެމްބަރުނަށް އޮފިޝަލް ޕާސްޕޯޓް ލިބެއެވެ، އަދި މިހާރުގެ މެމްބަރުންނާ އެއް ފެންވަރެއްގައި ސިއްހީ އިންޝުއަރެންސް ލިބެއެވެ. މިއީ އުމުރު ދުވަހު ދައުލަތަށް ހިދުމަތް ކުރާ އާއްމު ރައްޔިތަކާ އަޅާބަލާއިރު ވަރަށް ބޭއިންސާފު އިނާޔަތްތަކެކެވެ. ފަސް އަހަރުގެ އެންމެ ދައުރެއްގައި މަޖުލިސް މެމްބަރުކަން ކުރައްވާފައި، ކުރީގެ މެމްބަރެއްގެ ގޮތުން މަހަކު 50،000 ވަރަކަށް ރުފިޔާގެ އެލަވެންސް ނަންގަވައިގެން، ސިންގަޕޫރުން ބޭސްފަރުވާ ހޯއްދަވައި، އެ ބިލްތައް ދައުލަތުން ދައްކުވައިގެން ކުރީގެ މެމްބަރުން އުޅުއްވުމަކީ އާއްމު ރައްޔިތުމީހާގެ ބޮލު މެދުގައި ޖެހޭ ތަފާއްޔެކެވެ.

ކުރީގެ ރައީސުންނާއި، ކުރީގެ މަޖުލިސް މެމްބަރުންގެ އިތުރުން ކުރީގެ ފަނޑިޔާރުންނާއި، ރިޓަޔާޑް ސިފައިންނާއި، ރިޓަޔާޑް ފުލުހުންގެ އެލަވެންސާއި ބޭސްފަރުވާގެ ހަރަދުތައްވެސް ކުޑަކުރަން ޖެހެއެވެ. ރައީސުން، މަޖުލިސް މެމްބަރުން، ޖަޖުން، ސިފައިން އަދި ފުލުހުންނަކީ ކިތައްމެ މުހިއްމު ހިދުމަތްތަކެއް ކުރައްވާ ބޭފުޅުން ކަމުގައި ވިއަސް، ޤައުމަށް އަދި ދައުލަތަށް ހިދުމަތްކުރާ އާއްމު ރައްޔިތުންނާއި މިބޭފުޅުންނާ ދެމެދު ޕެންޝަނުގެ ފަރަގު މިހާ ބޮޑުވެފައި އޮތުމަކީ އިންސާފެއް ނޫނެވެ. އެއީ ކުޑަކުރަން ޖެހިފައިވާ ބޮޑު އިސްރާފެކެވެ. ބޮޑު ބޭއިންސާފެކެވެ.