Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ހިތްތިރިކަމުގެ ސިފައިގެ ތެރެއިން- އަމިއްލަ ނަފުސު ދެނެގަތުމުގެ މުހިއްމުކަން

ހިތްތިރިކަމަކީ ވަކި ބަޔަކަށް ލިބިފައިވާ ހާއްސަ ސިފައެއް ނޫނެވެ. ހިތްތިރިކަމަކީ ކޮންމެ ކަމެއްގައި އަހަރުމެންނަށް ތެދު މަގުދައްކައިދޭ އަހުލާގީ މިންގަނޑުގެ ލާޒިމު ބަޔެކެވެ. ހިތްތިރިކަމުގެ ބައިތަކުގެ ތެރެއިން އެންމެ މުހިންމު އެއްބަޔަކީ އަހަރުމެންނަށް އަހަރުމެންގެ އަމިއްލަ ނަފުސު އެނގުމެވެ. އަހަރުމެންގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކާ އުނި ސިފަތަކުގެ މައްޗަށް ބިނާކޮށް އެކި ހާލަތްތަކުގައި އަހަރުމެން ކަންތައް ކުރާނޭ ގޮތް ވަޒަންކުރަން އެނގުމެވެ. މިކަންކަން ދެނެގަނެވިއްޖެނަމަ ހަޔާތުގެ ކޮންމެ ކަމެއްގައިވެސް އަހަރުމެންނަށް ހަގީގަތުގެ މަތީގައި ސާބިތުކަން ހޯދޭނެއެވެ. އަހަރުމެންގެ ނިންމުންތައް އޭރުން ބިނާކުރެވޭނީ އަހަރުމެންނަށް ކުޅަދާނަ ވެގެންވާ، ދެމެހެއްޓެނިވި އަދި ދުޅަހެޔޮ އަމަލުތަކުގެ މައްޗަށެވެ.

ނަފުސުގެ ކަންކަން ދެނެގަތުމަކީ ހިތްތިރިކަމުގެ ބައެއް ކަން ގިނަ މީހުންނަށް ދެނެގަނެވެނީ ދިރިއުޅުމުގައި ދެކެމުން އައި އެތައް ހުވަފެނެއް އެއީ ބިލާހެއްކަން ދެނެގަނެވޭ ހިސާބުންނެވެ. ބޮޑާވެ ކިބުރުވެރިވެ ގަންނަ މީހުންގެ އަމަލުތަކުގެ ފަހަތުގައި ގިނަފަހަރަށް ވަނީ އެމީހުންގެ އަމިއްލަ ނަފުސުގެ ނާގާބިލުކަން ފޮރުވުމަށްޓަކައި ސިކުނޑިން އުފައްދައިފައިވާ ހަގީގަތެއް ނެތް ތަސައްވަރެވެ. މި ތަސައްވަރުގެ ސަބަބުން ނަފުސުގެ އެދުންތައް ހާސިލުކުރުމަށް ޓަކައި މީހާގެ ރޫހު ގަބޫލުނުކުރާނޭ އެތައް ކަމެއް ކުރެއެވެ. އެތައް ދޮގެއް ހެދެއެވެ. އެގޮތަށް ކުރިޔަށް ދެވެން ނެތްކަން އެނގެނީ އެތައް ޒަމާނެއް ހީލަތްތެރި ރޭވުންތައް ރޭވުމުގައި ހޭދަކޮށް މީހާގެ ނަޒާހަތްތެރިކަން ކޮޅުންލައި ހިސާބުންނެވެ.

އެފަދަ ހިނދުކޮޅު ތިމާގެ އަމަލުތަކުގެ ގޯސްކަން އޮޅުވައިލަން ނަފުސަށް ހަދަމުން ދިޔަ އެތައް ވާހަކައެއް ފުނޑުފުނޑުވެ ހަގީގަތަށް ފިލައިގެން ނޫޅެވޭ ހިސާބަށް ކަންތައް ދެއެވެ. މިކަންކަމުގެ ސަބަބުން އެވަގުތު ދެރަ އިހުސާސްވެ ލަދުގަންނަން ދިމާވި ނަމަވެސް އޭގެ ސަބަބުން ހުޅުވިގެން ދަނީ އާ ފުރުސަތެކެވެ. އާ މަގަކުން ހިނގަން ޖާގަ ހެދެއެވެ. ތިމާގެ މާޒީގެ ކުނިބުނިތައް ހޮވައި ސާފުކުރުމުގެ ތެރެއިން ތިމާގެ ކިބައިގައި އެފަދަ ކަންކަމަށް ދޯޅުވާން ދިމާވި ކަންކަން އެނގި ސާފުވެގެންދެއެވެ. އެ އަނދަވަޅަށް ވެއްޓެން ތިމާގެ ނަފުސުކުޅުނު ރޯލު ސާފުވެ ސިކުނޑި ދެއްކި ބިލާހީ ހުވަފެން އާތްވަށް ބަދަލުވެގެން ދެއެވެ.

އެއީ ބަދަލެއް ގެންނަން ޖެހިއްޖެކަން އެނގޭ ހިސާބެވެ. ނަމަވެސް ހިތްތިރިކުރުމަކީ އަމިއްލަ ނަފުސުގެ ކަންކަން ދޫކޮށްލައި މީހުންގެ ކުރިމަތީގައި ދަށްވެގަތުމެއް ނޫނެވެ. އޭގެ ބަދަލުގައި މިފަދަ ކަންކަމަކީ އިންސާނީ އިމްތިހާނުގެ ބަޔެއް ކަމުގައި ވިސްނުމުގެ އިލްހާމު ލިބެއެވެ. ދެން އިތުރަށް އެފަދަ މަގަކުން ނުދާން، އެފަދަ އަނދަވަޅަކަށް ނުވެއްޓޭނެ ގޮތަށް ކަންތައް ބެހެއްޓޭނީ ކުޑަ ހިނދުކޮޅަކަށް މަޑުޖައްސައިލާފައި އަމިއްލަ ނަފުސުގެ އުނިއިތުރުގެ ވިކުރާއެއް ހަދައިލައިގެންނެވެ. އެއީ އަމިއްލައަށް ތިމާއަކީ ކިހައި ގޯސް މީހެއްކަން އަންގައިދޭން ކުރާ ކަމެއް ނޫނެވެ. ނަމަވެސް ހަގީގަތުގައި އަމިއްލަ މީހާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކަކީ ކޮބައިތޯ އަދި ނުރަނގަޅު ސިފަތަކަކީ ކޮބައިތޯ ދެނެގަންނަން ކުރެވޭ ކަމެކެވެ. އެއީ އަމިއްލަ ނަފުސުގެ ގާބިލުކަން ދެނެގަތުމަށް ޓަކައި ނެގޭ ލިސްޓެކެވެ. ކަމެއް ދިމާވާ ހާލަތުގައި އެންމެ އަވަހަށް ތިމާއަޅައިގެން ނުކުންނާނީ ކޮން މޫނުމައްޗެއްތޯ ދެނެގަތުމެވެ. އަދި ތިމާ އެހެން މީހުންނަށް ދައްކަން އެންމެ ބިރުގަންނަނީ ކޮންކަމެއް ތޯ އެންމެ ލަދު ގަންނާނީ ކޮންކަމެއް ތޯ ދެނެގަންނަން ކުރާ ކަމެކެވެ. އެކަން ކުރުމުގައި ދެނެގަތުން އެންމެ މުހިންމީ ތިމާގެ ވާހަކައަކީ އާވާހަކައެއް ނޫންކަމެވެ. ތިމާގެ ކިބައިގައި ހުރި ހުރިހައި ސިފައަކީ އެހެން މީހުންގެ ކިބައިގައި ވެސް ހަމަ ހުރި ސިފަތަކެވެ. އެކި ވަރު ވަރަށް، އެކި ގޮތްގޮތަށް ހާމަވާ ސިފަތަކެވެ.

އަމިއްލަ ނަފުސުގެ ކަންކަން ހޯދައި ބެލުމުގެ ސިފަ އަށަގަންނުވަން ފެށުމުން މި ކަމުގެ ފައިދާއާއި ލާބަ އެންމެ ބޮޑަށް ފެންނަން ފަށަނީ ހަޔާތުގައި ނިންމައި ނިންމުންތައް ނިންމުމުގައެވެ. ހާއްސަކޮށް ބޮޑެތި ކަންކަން ލައިގަންނަ ހިނދު ނުވަތަ ބޮޑެތި ބަދަލުތައް ކުރިމަތިވެގެން އަންނަ ހިނދު އެ ކަންކަމުގައި ތިމާގެ ހައްޓަށް ކަތާ ގޮތްގޮތަށް ކަންކަން ގެންދަން ފަސޭހަވެގެން ދެއެވެ. އެހެން މީހުންގެ ކުރިމަތީގައި ތިމާ ވަކި ހައިސިއްޔަތެއް ހިފެހެއްޓުމަށްޓަކައި ކުޅޭ ނާޓަކު ދޫކޮށްލައި ހަގީގަތުގެ މައްޗަށް ތިމާގެ ކަންކަން ބައްޓަން ވެގެން ދާން ފަސޭހަވެއެވެ. އާ ޒިންމާތައް ނަގާ ހިނދު، އާ ވަޒީފާތަކަށް ކުރިމަތިލައި ހިނދު، އާ އެއްޗެއް ކިޔަވަން ފަށައި ހިނދު، ނޫނީ އާ ގުޅުމެއް ފަށައި ހިނދު، އެކަންކަމުގެ ސަބަބުން ނަފުސަށް ދިމާވާނޭ އިމްތިހާނުތަކާ ކުރިމަތިލުމަށް ނަފުސަށް އޮތް އެންމެ ބޮޑު އުކުޅަކީ އަމިއްލަ ނަފުސުގެ ކަންކަން ދެނެގަނެވިފައި އޮތުމެވެ.

އަމިއްލަ ނަފުސުގެ ކަންކަން ދެނެގަނެވިފައި ނެތްނަމަ އެ ދިމާވާ ކަންކަމުގެ ސަބަބުން މީހާ ގުޑުގުޑު އަޅައި އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ތަހައްމަލު ނުކުރެވި ކައިރީގައި އުޅޭ އެހެން މީހުންގެ ކުށް ދައްކައި ނަފުރަތު ހިތުގައިލާ ހިސާބަށް ކަންކަން ދާނެއެވެ. ހިތްތިރިކަމާ އެކުގައި އަމިއްލަ ނަފުސުގެ ކަންކަން ދެނެގަނެވިފައި ނުވާނަމަ ލިބޭ ކާމިޔާބީއަކީ ވެސް ނާކާމިޔާބީއަކަށްވުން ގާތެވެ. ތިމާއަށް ކެތްކުރެވޭނޭ ކަންކަން ކަމަކީ ކޮބައިކަން ނޭނގި، ތިމާއަށް ޖަޒުބާތީ ގޮތުން ތަހައްމަލު ކުރެވޭނީ ކިހާވަރެއްގެ ތަކުލީފެއްކަން ނޭނގި އޮވެއްޖެނަމަ ކަންކަން ކުރިމަތިވާ ހިނދު ނަފުސުގެ ކޮންޓްރޯލު ގެއްލި ހިތްދަތި މިސްރާބުތަކަށް އޭތި ދަތުރުކުރާނެއެވެ. ކާމިޔާބީއަށް ޓަކައި ގުރުބާން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ އެނގޭނީ ނަފުސުގެ ކަންކަން ދެނެގަނެވިފައި ވާނަމައެވެ.

މި މޭރުމުން ކަންތައް ކުރަން ފެށުމުން ހަޔާތުގައި ދަސްވެގެންދާނޭ އެންމެ ބޮޑު އެއް ފިލާވަޅަކީ އެއްވެސް ކަމެއް ތާއަބަދު އެއްގޮތަކަށް ނޯންނާނޭ ކަމެވެ. ކޮންމެ ބަދަލަކާ ބައްދަލުކުރަން އެންމެ ރަނގަޅު ގޮތަކީ ހިތްތިރިކަމާ އެކުގައެވެ. އެބަދަލުތައް ކުރިމަތިވަނީ މީހާގެ އީމާންތެރިކަން ވަރުގަދަކޮށް ހިތްތިރިކަމަށް ބާރުއެޅުމަށެވެ. އެއީ ބަލިމަޑުކަމެއް ނަމަވެސް، ލާރީގެ ތާށިކަން ކުރިމަތިވި ނަމަވެސް، ނުވަތަ ގުޅުމެއް ނެތިގެން ދިޔުން ނަމަވެސް، އަހަރުމެންނަށް ދަސްވާ އެއްކަމަކަކީ މިކަންކަމަކީ އަހަރުމެންގެ ކޮންޓްރޯލުގެ ދަށުގައި ވާކަންކަން ނޫންކަމެވެ. ނަމަވެސް މިއިން ކޮންމެ ކަމަކާ ކުރިމަތިލާން ތިބީ އަހަރުމެންނެވެ. އަހަރުމެންގެ ނަފުސު ދަސްވެފައިވާ ނަމަ އެއިން ކޮންމެ ދަނޑިވަޅަކަށް އަހަރުމެން ކަންކުރާނޭ ގޮތް ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ހެއްދެވި ފަރާތުގެ ވާތްގަށް އެދި އަތްނަގާކަށް އުނދަގުލެއް ނުވާނެއެވެ.

މި ފަދަ ހިނދުކޮޅުތަކުގައި އަމިއްލަ ނަފުސުގެ ވަނަވަރު އެނގޭނަމަ ޖަޒުބާތީ އޮއިވަރުގައި ބެހިގެންދިޔަ ނުދީ މީހާ އަމާން އައްސޭރިއެއްގައި މަޑުކޮށްލައިގެން ހުރެވިދާނޭ ކަމުގެ ޔަގީންކަން އޮންނާނެއެވެ. ލަދަކާނުލައި މީހުން ގާތު ކަންކަމުގައި އެހީއަކަށް އެދެން ފަހެއް ނުޖެހޭނެއެވެ. އަދި އެމީހުންގެ ފަރާތުން ލިބޭ ރައްދެއްގެ ސަބަބުން މިލާމޯޅި ވެގެނެއް ނުވާނެއެވެ. މީހުންގެ ފަރާތުން އުނދަގޫ ވާނަމަ އެ ކަންކަން އެމީހުންނަށް ބުނެދޭކަށް އުނދަގުލެއް ނުވާނެއެވެ. ތިމާއަށް ކޮށްދެވޭ ކަންކަމާ ތިމާއަށް ނުކޮށްދެވޭނޭ ކަންކަން ހާމަކުރާކަށް ޖެހިލުމެއް ނުވާނެއެވެ.

އަމިއްލަ ނަފުސުގެ ހައްދުތައް އެނގުން އެންމެ މުހިންމުވަނީ އަމިއްލަ މީހާ ހުސްނުވެ އެހެން މީހުންނަށް ދެވޭނީ ކިހާ ވަރަކަށްތޯ ދެނެގަތުމުގެ ބޭނުމުގައެވެ. އަހަރުމެންގެ ނަފުސު އެންމެ ބޮޑަށް ބަލިކަށިވާން ދިމާވަނީ އަހަރުމެންނަށް ނުވާ މިންވަރުން ކަންކަން ކުރަން ފޫގެޅުމުންނެވެ. މީހުންގެ ރުހުން ލިބިގަތުމަށްޓަކައި ތިމާއަށް ކޮށްދެވެން ނެތް މިންވަރުން ކަންކަން ކޮށްދޭން މަސައްކަތްކުރުމެވެ. އަހަރުމެންނަށް ވާވަރުން ކަންތައް ކޮށްދޭން ފޫގަޅަން ދަސްވާށެވެ. ދޭ މީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެންނޭ ބުނެފައި އޮތަސް ކަންތައް ވެގެން ދަނީ އެހެންނެއް ނޫނެވެ. އަހަރުމެންނަށް ދެވޭނޭ މިންވަރު އަނެއް މީހާކައިރީގައި ބުނެދެވިފައި ނެތްނަމަ އެމީހާ ގިނައިން ކައިގެން އެމީހާ ދެކެ ރުޅިއައުމުގެ ޖާގައެއް އަހަރުމެންނަކަށް ނެތެވެ. ނަމަވެސް އަހަރުމެންނަށް ދެވޭ މިންވަރު އެހެން މީހަކަށް ބުނެދެވޭނީވެސް އެވަރު އަހަރުމެންނަށް ވިސްނިގެންތާއެވެ.