ޖެނެރޭޓިވް އޭ.އައި.ގެ ކުރިއެރުމާއެކު، ހަބަރުތަކުގެ ސައްހަކަން ކަށަވަރުކުރުން ވަނީ ގޮންޖެހުން ބޮޑު ކަމަކަށް ވެފައެވެ. އަސްލާ އެއްގޮތް ފޮޓޯ އަދި ވީޑިޔޯއާއި، ނޫސްވެރިކަމުގެ ހަރުދަނާ އުސޫލުތަކުގެ މައްޗަށް ލިޔެފައިވާ ކަހަލަ ވާހަކަތައް އުފައްދައި މީޑިއާތަކުގައި ޝާއިއުކުރަމުން ގެންދަނީ ހީވެސް ނުކުރާ ބާރުމިނުގައެވެ. ދޮގު މައުލޫމާތު ފެތުރެނީ އެ މައުލޫމާތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަށް ވުރެން ބާރަށެވެ.
މިއަދު ސޯޝަލް މީޑިއާ ހަބަރުތައް ކިޔާ އަހުލުވެރިންނަށް ބޭނުންވާ ހަމައެކަނި ހުނަރަކީ މީޑިޔާ ލިޓަރަސީއެއް ނޫނެވެ. މި ޒަމާނުގައި މީޑިޔާ ބޭނުންކުރާ މީހުންނަށް ދުނިޔޭގައި ސަލާމަތުން ދިރިއުޅުމަށް ޑިޖިޓަލް ދުނިޔޭގައި ދޮގުތެދު ބަލައި ފާސްކުރަން އެނގުން ވެސް މުހިންމެވެ. ދޮގު ވާހަކަތައް އާންމު ގޮތެއްގައި ގެނެސްފައި ހުންނަނީ ކިހިނެތްތޯ، ބޮޑެތި މަކަރާއި ހީލަތްތެރިކަމުން އެތައް މިލިއަން މީހުންނަށް އޮޅުވައިލަން މީހުން ކޮންޓެންޓު ހަދަނީ ކިހިނެތްތޯ ސޯޝަލް މީޑިޔާގެ އަހުލުވެރިންނަށް އޮޅުން ފިލުވައިދިނުމަކީ މި ގޮންޖެހުމުން އަރައިގަތުމަށް އަޅިދާނޭ ފުރަތަމަ ފިޔަވަޅެވެ.

ދޮގު ކޮންޓެންޓް އެހާ ފަސޭހައިން ފެތުރެނީ ކީއްވެ؟
މިޒަމާނުގައި ސޯޝަލް މީޑިޔާގައި ފެތުރޭ ދޮގު ހަބަރުތައް ފުޅާވެ، ފެތުރުމަށް އެހީތެރިވާ ތިން މައިގަނޑު ކަމެއް ވެއެވެ. އެއީ އެ ހަބަރުގައި އެކުލެވިގެންވާ އަސަރު، އޭތި ހަދަން ނަގާ ކުޑާ ވަގުތުކޮޅު އަދި އޭތި ފަސޭހައިން ހިއްސާކުރެވޭ ގޮތަށް މަގުފަހިވެފައި ވުމެވެ. ހަބަރެއް ވައިރަލްވާން އެންމެ ބޮޑަށް ބޭނުންކުރާ އުކުޅުތަކަކީ އޭގައި ސިހުމުގެ ބައެއް ނުވަތަ އާދަޔާ ހިލާފަށް ޖަޒުބާތާ ކުޅެލައި ކަހަލަ ގޮތްތަކެއް ހިމެނުމެވެ.
މިސާލަކަށް، ނިކަމެތި މީހެއްގެ ހިތްވަރުން މުއްސަނދިކަން ލިބުނު ވާހަކައެއް، އިންސާނުން ނުރުހޭ ސިފައެއް ހާމަކުރާ މީހަކަށް ދެރައެއް މެދުވެރިވާ ގޮތްވާ ވާހަކައެއް، އަޅައިލާނޭ ކުޑަކުއްޖަކު ހޮވައިގެން ގެންގުޅެ ބޮޑުކުރި ވާހަކައެއް، ކުއްލި ފަރުވާއެއް ލިބިގެން ބަލިމަޑުކަމަކުން ސަލާމަތްވި ވާހަކަ ފަދަ ވާހަކަތައް މަޝްހޫރުވަނީ އޭގައި އެކުލެވިގެންވާ ހަމްދަރުދީ ނުވަތަ ހިތަށް ގެނުވާ ހިތްދަތިކަމުގެ ސަބަބުންނެވެ. އެ ފަދަ ވާހަކަ ފެތުރިގަންނަ ގޮތް ވަނީ އެއީ ގަބޫލުކުރަން ބޭނުންވާ ކަހަލަ ރީތި ވާހަކައަކަށް ވާތީއެވެ. މިފަދަ ޖަޒުބާތުގައި ޖައްސައި ކޮންޓެންޓު ޕޯސްޓު ކުރާއިރު އޭ.އައި. ބޭނުންކޮށްގެން ރިއަލިސްޓިކް ފޮޓޯތަކާއި، އެ ވާހަކައިގައި އުޅޭ މީހުންނާ ގުޅޭ ސިފަތަކާ ހަދައިލާކަށް މިހާރު އުނދަގުލެއް ނޫނެވެ. ހަގީގީ ހަބަރުތަކާ އެއްގޮތް ޖަޒުބާތީ ބަސްތައް ބޭނުންކޮށްގެން މިފަދަ ވާހަކަތައް އިތުރަށް ގަބޫލުކުރެވޭ ގޮތް ހަދައެވެ. ގިނަ ބަޔަކު މިފަދަ ވާހަކަތައް ޗެކްކުރުމެއް ނެތި ހިއްސާކުރެއެވެ.

މި މައްސަލަ މައްޗަށް ގޮސްފައިވާ މިންވަރު
މިފަދަ އަމަލުތަކުން ފެތުރެނީ ހަމަ އެކަނި ކިޔައިލަން ހިތްގައިމު ވާހަކަ އެކަންޏެއް ނޫނެވެ. މި ފަދަ ވީޑިޔޯތަކުން އަސްލު މީހުންގެ އަބުރާއި އިއްޒަތް ކަތިލެވިގެން ދަނީ މަދެއްކޮށެއް ނޫނެވެ. ދޮގު ހަބަރާއި، ފޮޓޯއާއި ވީޑިއޯއިން ލިބޭ ގެއްލުމުން އަބުރާއި އިއްޒަތް ސަލާމަތްކުރުމަށް މިހާރު މަޝްހޫރު ތަރިންވެސް ދަނީ ގާނޫނުގެ އެހީ ހޯދަމުންނެވެ. މި ފަހުން އައިޝްވާރިޔާ ރާއި އާއި އަބީޝޭކު ބަޗަންވެސް ވަނީ އޭ.އައި ބޭނުންކޮށްގެން އެމީހުންގެ ދޮގުހަބަރު ދައްކައި ވީޑިޔޯ ފެތުރުމަށް ފިޔަވަޅު އެޅުމަށް ގާނޫނީ ވަކީލުންގެ އެހީ ހޯދައިފައެވެ. ނަމަވެސް ގިނަ ފަހަރު މިގޮތަށް ފެތުރޭ ދޮގު ހަބަރު ފެތުރެން ނަގަނީ ވަރަށް ކުޑަ ހިނދުކޮޅެކެވެ. މީހުން ތިބެނީ ގިނަ ފަހަރަށް މަޝްހޫރު މީހުންގެ ވާހަކަ ހޯދުމަށް ފެންބޮވައިގެންފައެވެ. ހާއްސަކޮށް އެމީހުންނަށް ލިބޭ ގެއްލުންތައް ނުވަތަ މަލާމާތް ރައްދުވާ ފަދަ ކަންކަމުގެ ވާހަކައެވެ. ގިނަ ފަހަރު އެ ފެތުރެނީ ދޮގެއްކަން އެނގޭ އިރުގައި އޮންނަނީ އޭގެ ސަބަބުން އެތައް ގެއްލުމެއް ލިބި އެމީހުންގެ އަބުރާއި އިއްޒަތް ގެއްލޭ ހިސާބަށް ގޮސްފައެވެ.
މިފަދަ އަމަލުތައް ސިޔާސީ ޕްރޮޕެގެންޑާ ފެތުރުމުގައި ވެސް ވަރަށް ގިނައިން ބޭނުންކުރެއެވެ. ދާދި ފަހުން ޔޫކްރެއިންގެ ހަނގުރާމައިގައި އެ ގައުމުގެ ރައްޔިތުންގެ ހިތްވަރު އާކުރުމުގެ ނިޔަތުގައި ޔޫކްރެއިންގެ ސޯޝަލް މީޑިޔާގައި "ދަ ގޯސްޓް އޮފް ކިޔެވް" ކިޔާ ދޮގު ފައިޓަރ ޕައިލެޓް ހީރޯއެއްގެ ވާހަކަ ދައުރުވާން ފެށިއެވެ. އެ ވާހަކައިގައި އޭނާ މަރުވުމުގެ ކުރިން ރަޝިޔާގެ ހަ މަތިންދާ ބޯޓު ވައްޓައިލި ވާހަކަ ލިޔެފައިވެއެވެ. އެ ޕޯސްޓު މުޅި ޔޫކްރެއިންގައި ވައިރަލްވެގެން ދިޔައެވެ. ނަމަވެސް އެއީ ދޮގު ހަބަރެއްކަން އެނގުނީ މާފަހުންނެވެ.
މި ފަހަކަށް އައިސް ދުނިޔޭގެ ބައެއް ލީޑަރުން ނުދާ ޖަލްސާތަކުގައި ތިބިކަމަށް ހަދައިފައިވާ ފޮޓޯތައް ވެސް މީޑިޔާގައި ދައުރުކުރަނީ ސިޔާސީ ގޮތުން މީހުން ލޭކެއްކުމުގެ ބޭނުމުގައެވެ.
މިފަދަ އޮޅުވައިލުންތަކުގައި އެންމެ އަވަހަށް ތާށިވަނީ އަވަސްގޮތެއްގައި ލާރި ހޯދުމަށް ބޭނުންވެގެން އުޅޭ މީހުންނެވެ. މިގޮތުން އެލޮން މަސްކް، ޖެފް ބެޒޯސް އަދި އެހެނިހެން މަޝްހޫރު މީހުންގެ ޑީޕްފޭކް ވީޑިއޯތައް ބޭނުންކޮށްގެން އޮޅުވާލައިގެން އިންވެސްޓްމަންޓް ސްކީމްތައް ކުރިއަށް ގެންގޮސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ. އޭ.އައި. ވޮއިސް ކްލޯނިން ބޭނުންކޮށްގެން ދޮގު ޕްރެސް ކޮންފަރެންސްތައް ބާއްވައި، މީހުންގެ އަތުން ހެޔޮ ކަންތައްތަކަށޭ ކިޔައިގެން ފައިސާ ހޯދުމުގެ މަސައްކަތް ވެސް ވަނީ ގިނަ އަދަދަކަށް ކޮށްފައެވެ.
ސޯޝަލް މީޑިޔާ ބޭނުންކުރުމުގައި ގެންގުޅެންވީ އިންސާނީ އަހުލާގީ މިންގަނޑުތަކަށް މީހުން ދޯޅުވުމުގެ ކުރިން އޭ.އައި ކުރިއަރައިގެން ދިޔައީ މީހުން ހީވެސް ނުކުރާ ބާރުމިނެއްގައެވެ. އެހެންވެ މި މުހިންމު އާލާތް ބޭނުންކުރަން ތިބި މީހުންގެ ކިބައިގައި އެ އާލަތް ބޭނުން ކުރާނޭ ހެޔޮ މިންގަނޑު އަށަގަނެފައި ނެތްނަމަ ނިކުންނަ ނަތީޖާ މިއަދު ފެނިގެން މިދަނީއެވެ.
މި ހާދިސާތަކުން އެނގެނީ މިއަދުގެ ދުނިޔޭގައި ދޮގު މައުލޫމާތުން ގެއްލުން ލިބެނީ ހަމައެކަނި ލިޔެފައިވާ ވާހަކަތައް ގަބޫލުކޮށްގެން ނޫންކަމެވެ. ހަމައެކަނި ލިޔެފައިވާ ބަސްތަކަށް ނިސްބަތްނުވާ ކަމެވެ؛ މިހާރު އެއީ ވީޑިއޯ، އޯޑިއޯ، އަދި މާލީ އޮޅުވާލުންތަކަށް ވެސް ވަދެފިކަމެވެ. ދެން އޮތް ގޮތަކީ އެފަދަ އަމަލުތައް ކުރާ އިންސާނުންގެ ހީލަތުގެ ޝިކާރައަކަށް ދެން ތިބި މީހުން ނުވާނޭ ގޮތްތަކެއް ހޯދުމެވެ.

ދޮގު ހަބަރެއްތޯ ކަށަވަރުކުރަން ހަދާނޭ ގޮތްތައް
ދޮގު ހަބަރެއްތޯ ނޫންތޯ ޔަގީން ކުރުމަށް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ.
1. ފޮޓޯތައް ރިވަރސް:
ސޯޝަލް މީޑިއާގައި ބޭނުންކޮށްފައިވާ ފޮޓޮއަކީ އެހެން ތަނެއްގައި ބޭނުންކޮށްފައިވާ ފޮޓޮއެއްތޯ، ނުވަތަ އޭއައި ޖެނެރޭޓަޑް ފޮޓޮއެއްތޯ ގޫގުލް ސާޗް، ގޫގުލް ލެންސް ނުވަތަ ޓިންއައި ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ޗެކު ކޮށްލާށެވެ.
2. ހަބަރު ގެނެސްދީފައިވާ ފަރާތުގެ ސައްހަކަން ދެނެގަތުން:
އެ މައުލޫމާތު ގެނެސްދީފައިވާ ފަރާތަކީ އިތުބާރުކުރެވޭ ފަރާތެއްތޯ ބަލައިލާށެވެ. ހަގީގީ ހަބަރުތައް ގެނެސްދީފައި ހުންނާނީ އަސްލު ރިޕޯޓަރުންނާއި، އެޑިޓޯރިއަލް މިންގަނޑުތައް ބަލައި ސާފުކުރާ ސިޔާސަތު ގެންގުޅޭ މީޑިޔާ އިދާރާތަކުންނެވެ. ގިނަ ފަހަރަށް މިފަދަ ޕޯސްޓުތަކުގައި ނޫސްވެރިޔާގެ ނަން، ތާރީހު އަދި ތަނެއް ލިޔެފައި ނެތްނަމަ އެއީ ސަމާލުވާން ޖެހޭ ޕޯސްޓުތަކެވެ.
3. ފޮޓޯގައިވާ ތަފުސީލުތަކަށް ސަމާލުވާލުވޭ!
އޭ.އައި އިން އުފައްދާ ފޮޓޯތަކުގައި ގިނައިން ހުންނާނީ ވަރަށް ހަމަ މިންތަކަކަށް ހުންނަ މޫނުތަކެވެ. ގިނަ ފަހަރަށް ފޮޓޯގައި ހުރިހައި ދިމާލަކުން އަލި އެޅިފައި ހުންނާނެއެވެ. އަދި ހުންނާނީ ހަގީގަތާ ހިލާފު ބެކްގްރައުންޑުތަކެވެ.
4. ގޫގުލްގެ އެހީ ހޯދުން
ހަބަރެއްގެ ސައްހަ ކަމާ މެދު އޮޅުން އަރާނަމަ ހަބަރުގެ މަސްދަރު ގޫގުލްގައި ޖަހައިލުމުން އެއީ އެއްވެސް އިތުބާރު ހިފޭ މީޑިޔާއަކުން ސަމާލުކަން ދީފައިވާ ހަބަރެއްތޯ ނޫންތޯ އެނގޭނެއެވެ.
5. ހަގީގަތް ދެނެގަތުން
ލިޔެފައި ހުންނަ ވާހަކައިގެ ހަގީގަތް ދެނެގަތުމަށް އެންމެ ފަސޭހަ ގޮތަކީ އޭގައި އެކުލެވިފައިވާ ޖަޒުބާތީ ކަންކަމަށް ނަޒަރު ހިންގައިލުމެވެ. ދޮގު ވާހަކަތަކުގައި މީހުންގެ ހިތާ ކުޅެލުމަށް، މީސްމީހުންނަށް ލިބޭ ފަހުރުވެރި ކާމިޔާބީ، ދެރަ މީހާ މޮޅު މީހަކަށް ބަދަލުވުން، ހިތްދަތިކަމުން އަރައިގަނެ ބާރުވެރިވުން ފަދަ ކަންކަން ހިމެނޭނެއެވެ. އެފަދަ ވާހަކައެއް ހިއްސާކުރުމުގެ ކުރިން ސައްހަތޯ ބަލައިލާށެވެ.
މި ޒަމާނަށް ބޭނުންވާ އަސާސީ ތައުލީމު
ދޮގު މައުލޫމާތު ދެނެގަތުމުގެ ގާބިލުކަމަކީ މިހާރު ކިޔުމުގެ ހުނަރާ އެއްހަމައެއްގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. އޭ.އައި. ބޭނުންކޮށްގެން ގަބޫލުކުރެވޭ ފަދަ ދޮގު ވާހަކަތައް އުފައްދާ ގޮތް ދެނެގަތުމާއި، ސައްހަކަން ކަށަވަރުކުރުމުގެ އާދަތައް އަށަގެންނެވުމުން، ކިޔުންތެރިންނަށް އެމީހުންގެ އަމިއްލަ ނަފްސާއި މުޖުތަމައު ދޮގު މައުލޫމާތުން ރައްކާތެރި ކުރެވޭނެއެވެ. މިކަމަށް ބޭނުންވާ ވަސީލަތްތައް މިހާރުވެސް އެބަހުއްޓެވެ. ކަޑަތުކުރަން ޖެހޭ ގޮންޖެހުމަކީ، މިގޮތަށް ވައިރަލްވާ ދޮގު ހަބަރު ފެތުރުމުގެ ކުރިން އެ ވަސީލަތްތައް ބޭނުންކުރަން ދަސްކުރުމެވެ.
