Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ސިންގަޕޫރާއި ދުބާއީ އަށް ވުރެ ރާއްޖެ ބޮޑު، ވަސީލަތްތައް ވެސް މާ ގިނަ! ދެނޯ؟

ވަރަށް ހައިރާން ކުރުވަނިވި ތަފާސްހިސާބެއް ދެންތޯއެވެ؟ މަޝްހޫރު ދުބާއީގެ އާބާދީއަކީ ފަސް މިލިއަނެވެ. އޭގެ ތެރެއިން 90 އިންސައްތަ، ނުވަތަ 4.5 މިލިއަން މީހުންނަކީ ދުބާއީގައި މަސައްކަތް ކުރާ ބޭރު ޤައުމުތަކުގެ މީހުންނެވެ. މި 4.5 މިލިއަން ބޭރު މީހުންގެ ތެރޭގައި 1.75 މިލިއަން އިންޑިއާ މީހުން ހިމެނެއެވެ. ދުބާއީގެ ކޮންމެ ރައްޔިތަކަށް ނުވަ ބިދޭސީން އެ ޤައުމުގައި އުޅެއެވެ. ދުބާއީގެ އާބާދީގެ ފަސް މިލިއަންގެ ތެރެއިން އެ ޤައުމުގެ އަސްލު ރައްޔިތުންގެ އަދަދަކީ އެންމެ ފަސް ވަރަކަށް ލައްކަ އެވެ. ގާތްގަނޑަކަށް ދިވެހި ރައްޖޭގެ އާބާދީ އެވެ.

މައުމޫން އަބްދުލް ޤައްޔޫމް 1978 ވަނަ އަހަރު ދިވެހި ރައްޖޭގެ ވެރިކަމަށް ވަޑައިގަތް އިރު ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް 180،000 އެވެ. އެއިރު ރާއްޖޭގެ އާބާދީގައި އުމުރުން 65 އަހަރުން މަތީގެ ނިސްބަތަކީ އެންމެ ދެ ޕަސެންޓެވެ. އެއީ އުމުރުން ދުވަސްވީ އެންމެ 3،500 ވަރަކަށް މީހުންނެވެ. ނަމަވެސް ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެން "ދޭތެރެ ދުރުކުރުމުގެ" ނަމުގައި ޕްރޮގްރާމެއް ފައްޓަވައި، އެންމެ މަދުން އާބާދީ އިތުރުވާ ރަށްރަށަށް އެވޯޑާއި އިނާމު ދެއްވައި، މަދުން ކުދިން ހޯދަން ހިއްވަރު ދެއްވިއެވެ. އ.ދގެ އާބާދީ ކޮންޓްރޯލް ކުރާ ޖަމިއްޔާ ޔޫ.އެން.އެފް.ޕީ.އޭ އިން ފަންޑު ހޯދައިގެން ރައީސް މައުމޫން ހިންގެވި އާބާދީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްގެ ނަތީޖާއަކަށްވީ، މައިގަނޑު ގޮތެއްގައި ޒުވާން އާބާދީއެއް އޮތް ދިވެހި ރާއްޖެ މަޑުމަޑުން "މުސްކުޅި"ވާން ފެށުމެވެ. އެއިރު ދެ ޕަސެންޓުގައި އޮތް ދުވަސްވީ އާބާދީ މިހާރު ފަސް ޕަސެންޓަށް އަރައިފިއެވެ. ރާއްޖޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ގިނަވާން ފެށުމުގެ އިތުރުން، އަބާދީ އިތުރުވާ ނިސްބަތް ވެސް ވަނީ ދަށްވާން ފަށައިފައެވެ. އަދި 1978 ގެ ކުރިން އާއިލާއަކަށް ފަހެއް ނުވަތަ ހަތް ކުދިން ހޯދަމުން އައިއިރު، މިހާރު އެވްރެޖްކޮށް ދެމަފިރިއަކު ހޯދަނީ ދެ ކުދީންނެވެ. ފަހުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތަކީ ސަތޭކައަކުން 1.5 އެވެ. އެއީ އަހަރަކު އަލަށް ވިހާ ހަހާސް ވަރަކަށް ކުދީންނެވެ. ޒަމާނީ ތަރައްޤީގެ ސަބަބުންނާއި، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ވަޒީފާ އަދާކުރާ އަންހެނުން ގިނަވުމުގެ ސަބަބުން ކުދިން ހޯދާ ނިސްބަތް މަދުވެ، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް ދަނީ އަހަރުން އަހަރަށް މަދުވަމުންނެވެ. މިގޮތުން 2050 ވަނަ އަހަރަށް ލަފާކުރާ ރޭޓަށް ބަލާނަމަ ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް 0.9 އަށް ދަށްވާނެއެވެ. ރާއްޖޭގެ އާބާދީ މިދަނީ މަޑުމަޑުން މުސްކުޅިވެ، ޒުވާނުން މަދުވަމުންނެވެ.

މިރޭޓުގައި ކުރިއަށް ދާނަމަ 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ރައްޔިތުންގެ އާބާދީ އަރާނެ ކަމަށް ލަފާ ކުރެވެނީ 700،000 އަށެވެ. މިލިއަނަކަށް ވެސް ނާރާނެއެވެ. ދަރިމައިވުމުގެ ނިސްބަތް ދަށްވުމާއި، އާބާދީ އިތުރުވާ މިންވަރު ދަށްވުމުގެ ސަބަބުން، ރާއްޖޭގެ އާބާދީ އެންމެ މިލިއަނަކަށް އަރާނެ ކަމަށް ވެސް ލަފާ ކުރެވެނީ އަދި 70 ވަރަކަށް އަހަރު ފަހުން، މީލާދީން 2095 ނުވަތަ 3000 ވަނަ އަހަރުހާ ތާނގައެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރަސްމާލެއިން މިހާރު އިއުލާން ކޮށްފައިވާ 15،000 ގޯއްޗާއި، ރަސްމާލޭގައި އަޅާނެ އެތައް ހާސް އެޕާޓްމެންޓާއި، ގުޅީފަޅަށް ބަދަލުވާނެ އާބާދީ އާއި، ތިލަފަޅާއި، އުތުރު ތިލަފާޅާއި، ހުޅުމާލޭގެ އެކި ފޭސްތަކުގައި އާޅާނެ ހައުސިން ޔުނިޓްތަކަށް މީހުން ބަދަލުވެ ނިމޭ އިރު ރާއްޖެތެރޭގެ ރަށްރަށުގައި އުޅޭނެ ދިވެހީން ބާކީ ތިބޭނެތޯއެވެ؟ ނުވަތަ މާލޭ ސަރަހައްދަށް އެންމެން ޖަމާވުމުން ރާއްޖެތެރޭގެ ރަށްތައް ފަޅުވެގެން ދާނީ ތޯއެވެ؟ މިހެން ވެއްޖެ ނަމަ އަލަށް ހިއްކޭ ބިންތަކާއި، އަލަށް އުފައްދަން އާ ޤާނޫނަކުން ހުއްދަދީފައިވާ "ޓައުންޝިޕް" ތަކުގައި އުފެދޭ ވަޒީފާތަކަށް ދާނެ ދިވެހީންނެއް ނުތިބޭނެއެވެ. މުޅިންވެސް ގެންނަން ޖެހޭނީ ބިދޭސީންނެވެ. ދޭތެރެ ދުރުކުރުމުގެ ނަމުގައި 30 އަހަރުވަންދެން ރައީސް މައުމޫނު ކުރެއްވި ކަމަކީ ފިރުއައުނު ބަނީ އިސްރާއީލުގެ ފިރިހެން ކުދީން މެރި ގޮތަށް މައުމޫނުގެ ވެރިކަމަށް ނުރައްކާ ވެދާނެ ވަރުގެ ބޮޑު އާބާދީއެއް އުފެއްދިޔަނުދީ އާބާދީ ގުރުޑުކުރެއްވީ އެވެ. އެހެން ނޫންނަމަ މައުމޫނުގެ އިސްތަށިފުޅަށް ޗިޕު ޖަހައިހެން ޔޫ.އެން.އެފް.ޕީ.އޭ އިން ގަސްތުގައި ރާއްޖޭގެ އާބާދީ އިތުރުވިޔަނުދީ ހިފެހެއްޓީއެވެ. ރާއްޖެ އަކީ ސައިޒުގެ ގޮތުން ބިޔަ ޤައުމެކެވެ. ގުދުރަތީ ވަސީލަތްތަކުގެ ގޮތުން ބިޔަ ޤައުމެކެވެ. މިސާލެއް ބަލައިލަމާ ހިންގަވާށެވެ.

ސިންގަޕޫރުގެ ޖީ.ޑީ.ޕީ އަކީ ގާތްގަނޑަކަށް 600 ބިލިއަން ޑޮލަރެވެ. މިލިއަނެއް ނޫނެވެ. ބިލިއަނެވެ. އެ ޤައުމަކީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސޯދުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ނަމަވެސް ސިންގަޕޫރުގެ ބިމުގެ ޖުމްލަ ސައިޒަކީ އެންމެ 700 އަކަ ކިލޯމީޓަރެވެ. ރާއްޖޭގެ އެންމެ އަތޮޅެއް، މިސާލަކަށް ވ. އަތޮޅަށް ބެއްޔަސް، ވ. އަތޮޅުގެ އޭރިއާ އަކީ 1000 އަކަ ކިލޯމީޓަރެވެ. ސިންގަޕޫރަށް ވުރެ ބޮޑެވެ! ޑިޕްސީ ޑްރެޖިން ހަދައިގެން މުޅި ވ. އަތޮޅު އެއްކޮށް ހިއްކައިގެން ބިޔަ ބޮޑު ޤައުމެއްވަރުގެ ތަނެއް އުފެއްދުމުގެ ހިޔާލު އަޅުގަނޑު ވާނީ މީގެ ކުރިން ފާޅުކޮށްފައެވެ. ވ. އަތޮޅު އެއްކޮޅުން އަނެއް ކޮޅަށް 55 ކިލޯމީޓަރުގެ ދިގުމިން ހުރެއެވެ. ސިންގަޕޫރުގެ ދިގުމިނަކީ 50 ކިލޯމީޓަރެވެ. ވ. އަތޮޅު ނޫނަސް ޅ. އަތޮޅުގެ ޖާވާކަރަ ފަދަ އެތަކެއް ބައިވަރު ބިޔަ، ފަޅުތައް ރާއްޖޭގައި އެބަހުއްޓެވެ. މިއިން އެންމެ ފަޅެއް ހިއްކައިގެން ވެސް ސިންގަޕޫރު ވަރުގެ ބިޔަ، ބޮޑު ޤައުމެއް ވަރުގެ ތަނެއް ރާއްޖޭގައި އުފައްދައި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ހިންގިދާނެއެވެ.

ސިންގަޕޫރަކީ ޤުދުތަރީ ވަސީލަތް ވަރަށް މަދު ޤައުމެކެވެ. އެ ޤައުމުގެ މައިގަނޑު ވަސީލަތަކީ ހުނަރުވެރި މަސައްކަތްތެރީންނާއި، ތަފާތު ބަސްތަކުން ވާހަކަ ދައްކާ، ވަރަށް ތައުލީމީ، ބަވަނަވެފައިވާ ދުނިޔޭގެ ކަންކޮޅުތަކާއި ގުޅިފައިވާ އާބާދީއެއް އޮތުމެވެ. އޭގެ އިތުރުން ސިންގަޕޫރު އޮތް ސަރަހައްދަކީ އިރުމަތީ އޭޝިޢާގެ ވަރަށް މުހިއްމު ސަރަހައްދަކަށް ވުމުގެ ފައިދާވެސް އެޤައުމުން ވިޔަފާރީގައި ކުރިއަރަން ބޭނުން ކުރެއެވެ. އިންސާނީ ވަސީލަތާއި، ޤައުމުގެ ލޮކޭޝަންގެ ބޭނުން ހިފައި، ޓެކްނޮލޮޖީ އާއި ބައިނަލްއަޤްވާމީ މާލީ ވަރުގަދަ ހަބަކަށް ސިންގަޕޫރު ވަނީ ހަދާފައެވެ. މި މަސައްކަތުގެ ބާނީ އަކީ 1959 އިން 1990 އަށް ސިންގަޕޫރުގެ ބޮޑު ވަޒީރުކަން ކުރެއްވި ލީ ކުއާން ޔޫ އެވެ. ސިންގަޕޫރާއި ދިވެހި ރާއްޖެ އަށް ވެސް މިނިވަންކަން ލިބުނީ އެއް އަހަރެއްގަ އެވެ. މެލޭޝިއާއިން ވަކިވެ ސިންގަޕޫރަށް މިނިވަންކަން ލިބުނީ އޮގަސްޓް 1965 ގައެވެ. އަދި އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނީ ޖުލައި 1965 ވަނަ އަހަރުއެވެ. މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުނު އިރު ފުރަތަމަ ދުނިޔޭގެ ޤައުމަކަށް ސިންގަޕޫރު ހަދައިފައި އެވަނީ މާބޮޑު ޤުދުރަތީ ވަސީލަތެއް ނެތި، މައިގަނޑު ގޮތެއްގައި ސިކުނޑި ބޭނުންކޮށްގެންނެވެ. މިނިވަންކަން ލިބުނުތާ 60 އަހަރު ފުރުނުއިރު ރާއްޖެ އަދިވެސް އޮތީ އަވަށްޓެރީނަށް ސަލާން ޖަހައިގެން ޒަރޫރީ ބޭނުންތައް ފުއްދާ، ތިންވަން ދުނިޔޭގެ ޤައުމެއްގެ ގޮތުގައެވެ. މިސާލަކަށް ސްރީލަންކާ އިން ރާއްޖެއަށް، އެހީގެ ގޮތުގައި، 20 ވީލްބަރޯ ދިނަސް ދިވެހީން އެކަން ފާހަގަކުރުމަށް ހަފްލާއެއް ބާއްވައިފައި އެހީ ބަލައިގަންނާނެއެވެ. މިއީ ރައީސް މައުމޫން ތައާރަފް ކުރެއްވި ސަލާން ޖެހުމުގެ އިގްތިސޯދީ ސިޔާސަތެވެ. އަދިވެސް އެކަމުގެ އަސަރު ފިލައިގެން ނުދެއެވެ.

ސިންގަޕޫރަށް ވުރެ ވަސީލަތް ގިނަ، ސިންގަޕޫރަށް ވުރެ ސައިޒުގެ ގޮތުން ބޮޑު، އަދި ދުނިޔޭގެ ޗާޓުގައި ސިންގަޕޫރަށް ވުރެ މާ މުހިއްމު ލޮކޭޝަނެއްގައި އޮތް ދިވެހި ރާއްޖެ ކުރިއަރައި ސިންގަޕޫރު ފަދަ ޤައުމުތަކާއި ފައިހަމަ ކުރުމަށް ބޭނުންވަނީ އާބާދީގައި ސްކިލްޑް، މަސައްކަތްތެރި ވޯކްފޯސް އެއް އުފެއްދުމެވެ. އަދި، ޤައުމު އޮތް ލޮކޭޝަންގެ ފުރިހަމަ ފައިދާ ނަގުމަށްޓަކައި އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމެންޓް ބަނދަރާއި، ބަންކަރިންގެ ހިދުމަތްދީ، ހަލާލް ޓޫރިޒަމްގެ ހަބަކަށް ރާއްޖެ ހަދައި، ބައިނަލްއަޤްވާމީ މާލީ އިންފްރާސްޓްރަކްޗަރ ދިވެހި ރާއްޖޭގައި ވަރުގަދަ ކުރުމެވެ. މާލެ ކައިރި ގުއިފުނަދޫގައި އެފަދަ މާލީ ހަބެއް އުފައްދައި، އެކްސްލޫސިވް އިކޮނިމިކް ޒޯންގެ ގޮތުގައި ސިންގަޕޫރު ވަރުގެ ބިޔަ ތަނެއް، އެއްފަސްވެފައިވާ ގޮތަށް ރާއްޖޭގައި އުފައްދަން ޖެހެއެވެ.

ސިނަގަޕޫރަކީ ތަރައްޤީގެ މިސާލަކަށް ދިވެހީން ބަލާ ފަދައިން، ދުބާއީ އަކީ ވެސް ހަމަ އެފަދަ ރަނގަޅު މިސާލެކެވެ. ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ދުބާއީގެ އިގްތިސޯދު ފުޅާވެގަތީ ތެލުގެ އާމްދަނީއިން ކަމުގައި ވިއަސް، މިއަދު ދުބާއީގެ އިގްތިސޯދުގައި ތެލުގެ ވިޔަފާރީގެ ހިއްސާ އަކީ އެންމެ ފަސް ޕަރސެންޓެވެ. އަނެއް 95 ޕަސެންޓަކީ ބައިނަލްއަޤްވާމީ ވިޔަފާރި، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް ވިޔަފާރި، ވައިގެ އުދުހުމުގެ ވިޔަފާރި، އަދި ބައިނަލްއަޤްވާމީ މާލީ މުއާމަލާތް ތަކެވެ. ސިންގަޕޫރު ފަދައިން ދުބާއީ އިންވެސް ކުރިއަރައިގެން އެދަނީ ހުނަރުވެރި މަސައްކަތުގެ އާބާދީއެއް އުފައްދައި، އެ ޤައުމުގެ މުހިއްމު ލޮކޭޝަނުގެ ފައިދާ ނަގައިގެން، ވިޔަފާރި އާއި ހިދުމަތުގެ ދައިރާ ބޭނުންކޮށްގެންނެވެ. ދިވެހި ރާއްޖެ އަށް ވެސް އޮތީ އެ މަގެވެ. މަސައްކަތްތެރި އާބާދީއެއް އުފެއްދޭނީ އާބާދީ އިތުރުކޮށްގެންނެވެ. ގުރުޑުކުރެވި، ގުރުޑުވަމުންދާ އާބާދީ އާރޯކޮށް އިތުރުކޮށްގެންނެވެ. ކުރިއަށް އޮތް 15 އަހަރުތެރޭ، 2050 އާ ހަމައަށް، ރާއްޖޭގެ އާބާދީ މިލިއަނަކަށް އެރުވުމުގެ ޤައުމީ މަސައްކަތެއް ފަށައި، ހަތަރު ވަނަ އަދި ފަސްވަނަ ދަރިން ހޯދާ ޢާއިލާ ތަކަށް، އަލަށް ވިހާ ހަރަތުވަނަ އަދި ފަސްވަނަ ދަރިފުޅަށް، އުމުރުން 18 އަހަރު ވަންދެން މަހަކު 2000ރ. ދިނުން ފަދަ އިންސެންޓިވް އެއް ތައާރަފް ކުރުން ރަނގަޅު ކަމަށް ފެނެއެވެ.

އާބަދީ އިތުރު ނުވެއްޖެ ނަމަ، ތަރައްޤީއާ އެކު އުފެދޭ ގިނަ ވަޒީފާތައް އަދާކުރާނެ ދިވެހީންނެއް ނުތިބޭނެ އެވެ. އާބަދީ އިތުރު ކުރުމާ އެކު ވޮކޭޝަނަލް ތައުލީމް އިތުރު ކުރަން ޖެހެއެވެ. މަތީގައިވާ ފަދަ ބިޔަ އިގްތިސޯދަކަށް ރާއްޖެ ބަދަލުކޮށް، ދުބާއި އާއި ސިންގަޕުރާއި ފައިހަމަ ކުރެވޭނީ ދިވެހީންގެ އާބާދީ އިތުރުކޮށް، ޤައުމުގައި އުޅޭ ބިދޭސީން ޤާނޫނުގެ އިމުގެ ތެރެއަށް ވައްދައިގެންނެވެ. ދިވެހީންގެ ތެރެއިން ރާނާ މީހުން، ޓައިލްސް ޖަހާ މީހުން، ވަޑިން، ފުރާޅު ހިޔާކުރާ މީހުން، ދަވާދާއި ކުލަ ލާ މީހުން، ކޮންކްރީޓް މަސައްކަތް ކުރާ މީހުން، އެލްމިނިއަމް އާއި ދަގަނޑުގެ މަސަކަތްތެރީން، ބަރު ވެހިކަލް އޮޕްރޭޓް ކުރާ މީހުން، ސާވޭކުރާ ޓެކްނީޝަނުން، ސިވިލް އިންޖިނިއަރުން، އާކިޓެކްޓުން، ވެލްޑަރުން، ލޮކްސްމިތުން، ކާރު މެކޭނިކުން، ސައިކަލް މެކޭނިކުން، އިންޖީނު މެކޭނިކުން، މެރިން އިންޖީނު ޓެކްނީޝަނުން، އިންޑަސްޓްރިއަލް ޓެކްނީޝަނުން، ސޯލަރ އިންސްޓޯލް ކުރާ މެކޭނިކުން، ޓެލެކޮމް ޓެކްނީޝަނުން، ފައިބަރ އޮޕްޓިކް ޓެކްނީޝަނުން، ސެކުރިޓީ ކެމެރާ އަދި އެލާރމް ޓެކްނީޝަނުން، އިންޖީނުގެތައް ހިންގާނެ އިންޖިނިއަރުން، އިލެކްޓްރޯނިކް ޓެކްނީޝަނުން، އެއާރކޯން އަދި ރެފްރިޖަރޭޝަން މެކޭނިކުން، ޕްލަމަރުން، އިންޑަސްޓރިއަލް ފެންވަރުގެ ފެންހޮޅި އަޅާމީހުން، ހައިވޭ ހަދާ މީހުން ފަދަ އެތައް ދާއިރާއަކުން ދިވެހީން އުަފއްދައިގެންނެވެ. އަދި، އެއާރޕޯރޓް ބިނާ ކުރާ މީހުން، ގޭސް ޓެކްނީޝަނުން، ބްރިޖައަޅާ އިންޖިނިއަރުންނާއި، ޓެކްނީޝަނުން، ފެން އުފައްދާ ކާރުހާނާ ތަކާއި ނަޖިސް ފިލްޓަރ ކުރާ ތަންތަން މެނޭޛް ކުރާނެ ޓެކްނިކަލް މީހުން، ސްވިމިންގް ޕޫލް ޓެކްނީޝަނުން، ފަރުނީޗަރ އުފައްދާ މީހުން، ސޯފާގެ ގޮދަޑި ހަދައި ސޯފާ އުފައްދާ މީހުން، ފަހާ މީހުން، ކައްކާ މީހުން، ބޭކަރީ ޝެފުން، ގަހަނާ އަދި ސަގާފީ ތަކެތި އުފައްދާ މީހުން، ޗާޕުހާނާތަކުގެ ޓެކްނިކަލް މީހުން، ދަނޑުވެރީން، ދަނޑުތައް ބަލަހައްޓާ ޓެކްނިކަލް މީހުން، ޒަމާނީ މަސްވެރިން، ލޭންޑްސްކޭޕް ކުރާ މީހުން، ކަނޑު ބޯޓުފަހަރުގެ ކެޕްޓަނުން، ކްރޫއިން، ޑައިވަރުން، ޕައިލެޓުން، މެރިން ސާވެޔަރުން، މަސްވެރިކަމުގެ ކާރުހާނާ ހިންގާނެ ޓެކްނިކަލް މީހުން، ޓެކްސީ ޑްރައިވަރުން، ހެވީ ވެހިކަލް ދުއްވާ މީހުން، ލިފްޓް އިންޖިނިއަރުން ނާއި ޓެކްނީޝަނުން، ޕެސްޓް ކޮންޓްރޯލް ކުރާ މީހުން، ފޮޓޯގްރާފަރުން، މުނިފޫހި ފިލުވާނެ މީހުން، ބޯކޮށާ ސެލޫން ހިންގާނެ މީހުން، ބިއުޓީޝަނުން، ރޮބޮޓިކްސް ޓެކްނީޝަނުން، އައިޓީ ޓެކްނީޝަނުން، ޑޭޓާ ސެންޓަރ ޓެކްނީޝަނުން، ޑްރޯން އޮޕަރޭޓަރުން، ލެބް ޓެކްނީޝަނުން، ޕާމަސިސްޓުން، ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، ނެޓްވޯކް އަޅާ މީހުން، ބޮއިލަރ ޓެކްނީޝަނުން، އަދި މިނޫންވެސް މިފަދަ އެތައް ދާއިރާއެއްގެ މަސައްކަތްތެރީންގެ ގޮތުގައި ދިވެހީން ތަމްރީނު ކުރަން 10 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް ހަދައި، ކުރު މުއްދަތެއްގެ ތެރޭ ވަރުގަދަ ވޯކް ފޯސް އެއް އުފައްދަން ޖެހެއެވެ.

ގުރުޑުކުރެވި، ގުރުޑުވަމުންދާ އާބާދީ އާރޯކޮށް އިތުރުކުރަން ޖެހެއެވެ. ރާއްޖޭގެ އާބާދީ ކުރިއަށް އޮތް 15 އަހަރުތެރޭ، 2050 އާ ހަމައަށް މިލިއަނަކަށް އެރުވުމުގެ ޤައުމީ މަސައްކަތް ފަށައި، ހަތަރު ވަނަ އަދި ފަސްވަނަ ދަރިން ހޯދާ ޢާއިލާ ތަކަށް، އަލަށް ވިހާ ހަތަރުވަނަ އަދި ފަސްވަނަ ދަރިފުޅަށް، އުމުރުން 18 އަހަރު ވަންދެން މަހަކު 2000ރ. ދިނުންފަދަ އިންސެންޓިވް ތައް ތައާރަފް ކުރަން ޖެހެއެވެ. އެކަނިވެރި މައިންނަށް މަހަކު 12،000ރ. ދީގެން ވަރިވާން ހިއްވަރު ދިނުމުގެ ބަދަލުގައި، ދެމަފިރިން އެކުގައި އުޅެ، ގިނައިން ދަރިން ހޯދައި ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ހިއްވަރުދޭން ޖެހެެއެވެ. ހަރަތުވަނަ އަދި ފަސްވަނަ ދަރިފުޅަށް، އުމުރުން 18 އަހަރު ވަންދެން މަހަކު 2000ރ. ދިނަސް، 18 އަހަރު ތެރޭ، ކުއްޖަކަށް ޖެހޭނީ 430،000ރ. އެވެ. މިވަރުގެ އިންސެންޓިވް އެއް އާއިލާތަކަށް ދީގެން ވިއަސް ދިވެހީންގެ އާބާދީ އަވަސް ގޮތެއްގައި އިތުރުކުރުމުގެ ޤައުމީ ބޮޑު މަސައްކަތެއް ފަށަން ޖެހެއެވެ. އެހެން ނޫންނަމަ ކުރިމަގުގައި ދިވެހި ރާއްޖެ ވެސް ވެގެން ދާނީ ދުބާއީ ފަދައިން ކޮންމެ ރައްޔިތަކަށް ބިދޭސީންގެ ނުވަ މީހުން ތިބޭ ޤައުމަކަށެވެ. ބިދޭސީންގެ ޤައުމަކަށެވެ.

ދިވެހި ރާއްޖެ އަކީ ވ. އަތޮޅު ފަދަ ބޮޑެތި އަތޮޅުތަށް ގިނަ، ޅަވިއަނި އަތޮޅުގެ ޖާވާކަރަ ފަދަ ބިޔަ ފަޅުތައް ގިނަ، ގުދުރަތީ ވަސީލަތް ގިނަ، ސިންގަޕޫރަށް ވުރެ ވަސީލަތް ގިނަ ޤައުމެކެވެ. ދުނިޔޭގެ ވިޔަފާރީގެ މައި ހައިވޭމަތީގައި އޮތް ޤައުމެކެވެ. ބޭނުން ވަނީ ސިންގަޕޫރުގެ ލީ ކުއާން ޔޫ، ނުވަތަ މެލޭޝިއާގެ ޑރ. މަހާތީރު، ނުވަތަ ޔޫއޭއީގެ ވެރިޔާ ޝެއިހް މުހައްމަދު ބުން ޒައިދް އަލް ނަހްޔާން ފަދަ ދުރުވިސްނޭ ލީޑަޝިޕަކާއި، ސިންގަޕޫރު ފަދަ ކޮރަޕްޝަން ފްރީ މާހައުލެކެވެ. އެފަދަ ގޮތަކަށް ސިޔާސަތާއި މަސައްކަތް ބަދަލު ކުރެވިއްޖެ ނަމަ ދިވެހި ރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާގެ އެއްވަނަ އިގްތިސޯދަށެވެ. އިންޑިއާ އާއި ލަންކާ އަށް ވެސް އެއިރުން ރާއްޖެއާ ވާދަ ނުކުރެވޭނެއެވެ. މި ރަންގަނޑެއް ފަދަ ޤައުމަކީ އިންޑިއާ ނުވަތަ އެހެންވެސް ޤައުމުތައް ކުރެން ސަލާން ޖަހައިގެން، ނިކަމެތި ވެގެން އޮންނަން ޖެހޭ ވަރުގެ "ކުޑަ" ޤައުމެއް ނޫނެވެ. މިއީ، ވަސީލަތް ގިނަ، މުއްސަނދި، ބިޔަ، ބޮޑު ޤައުމެކެވެ. ބޭނުންވަނީ ވިސްނުން ތޫނު، އިހްލާސްތެރި، ވިޝަނަރީ ލީޑަޝިޕަކުން މިޤައުމުގެ މުސްތަޤްބަލް މުޅީން އެހެން ދިމާލަކަށް ބަދަލުކޮށްލުމެވެ. ބިޔަ ބޮޑު "ރާއްޖެ"އެއް އުފައްދައި އާބާދީ އެއް މިލިއަނަށް އެރުވުމުގެ ޤައުމީ މަސައްކަތެއް ފަށައި، ދިވެހީންގެ ހަޤީޤީ މަޤާމަށް ދިވެހީން ގެންދިއުމުގެ މަސައްކަތް ފަށަންވީ އެވެ. މިސްރާބު ވަރަށް ސާފެވެ.