Support Us

ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ވަރަށް އަވަހަށް މަސައްކަތް ފަށާނަން: ރައީސުލްޖުމްހޫރިއްޔާ

ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ފަތުރުވެރިކަމުގެ އެނދުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104 ރަސްމިއްޔާތު"ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ފުޅާކުރުމަށް މިހާތަނަށް ޖުމްލަ 6،223 އެނދު ރަޖިސްޓްރީ ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިއުމުގެ ސިޔާސަތުގެ ތެރޭގައި ހިނެނިގެން ހދ. ނާގޯށި ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެހީތެރިކަން ދެއްވައިގެން މަސައްކަތް ފައްޓަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް، އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމޭއިރު ހުޅުވާނެކަމުގެ ޔަގީންކަން އެތަނުގެ އޯނަރުން ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫޢެއްގައިވެސް ސޮއިކުރެވިފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް ހަންކެޑޭގެ މަޝްރޫޢަށްވެސް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާފައިވާ ލުއިތަކުގެ ތެރެއިން އެތައް ފަރާތަކުން ބިޑް ހުށައަޅައިގެން އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށްބަލާއިރު، މި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި ކަމަށާއި މި ސަރުކާރުން މަސްވެރިންނަށް އިސްކަންދީގެން މަސައްކަތް ކުރައްވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އަލަށް ހަތަރު ރަށެއްގައި އައިސްޕްލާންޓް ހުޅުވި، ހަ ރަށެއްގައި މަސައްކަތް ހިނގަމުންދާކަމަށާއި އާރް.އެސް.ޑަބްލިއު ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މި ނިޒާމު ގާއިމުކުރެވިފައިވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ބީ.އެމް.އެލް އިން މިހާރުވެސް އާރް.އެސް.ޑަބްލިއު ގާއިމުކުރުމަށް އައު ފުރުސަތެއް ހުޅުވާލައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ދައުރު ފެށުނުއިރު 9،500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މި ފަސް އަހަރު ނިމޭއިރު 24،500 އަށް އިތުރުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކޫއްޑޫ އިތުރަށް ތަރައްޤީ ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ދުއިސައްތަ އެތައް މިލިއަނެއްގެ ފައިސާ ޚަލާސްކޮށް، މިދިޔަ ޑިސެންބަރު 10 އިން ފެށިގެން އެންމެ ދުވަހެއްވެސް ނުވެއްޓި ބަރާބަރަށް ފައިސާ ދެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރުން އިޢުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަޤީންކަން އެސް.ޓީ.އޯ އިން ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ ޢިއްޒަތްތެރީންނާއި، ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *