އިންސާނުންގެ ހަށިގަނޑުގެ ބައިތައް ހައްދަވައިފައި ވަނީ އެންމެ ފުރިހަމައަށް މަސައްކަތްކުރާ ގޮތަށެވެ. ނަމަވެސް މި ނިޒާމުގައި އެއްވެސް ބަޔަކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ކަންކަން އުނިވެ އަނެއްބައި ކަންކަން އިތުރުވާ ގޮތް ދިމާވެއެވެ. ގާތުން ލިބޭ ކިރު އެންމެ ގިނައިން ހަދިޔާކޮށްގެން އެލިޒަބަތު އެންޑަސަން ސިއެރާ ގިނިސް ވޯލްޑް ރިކޯޑު ފޮތަށް އެރީ މިގޮތަށް އޭނާގެ ހަށިގަނޑުގައި ހުރި އުނިކަމެއްގެ ސަބަބުންނެވެ.
އެލިޒަބަތަށް ވަނީ ހައިޕަރލެކްޓޭޝަން ސިންޑްރޯމް ކިޔާ، މަދުން ނޫނީ ނުފެންނަ ހާލަތެއް ކުރިމަތިވެފައެވެ. އޭނާގެ ސިކުނޑީގެ ޕިޓުއިޓަރީ ގްލޭންޑް އާދަޔާ ހިލާފަށް ބޮޑެވެ. އެހެންވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން އެހެން މަޔަކަށް ވުރެ ގިނައިން ކިރު އުފައްދައެވެ. އޭނާގެ މި ހާލަތު ފެށުނީ މީގެ 11 އަހަރު ކުރިން އޭނާގެ ފުރަތަމަ ދަރިފުޅު ވިހެއުމުގެ ކުރިންނެވެ.
އާދައިގެ މަޔެއްގެ ގާތުން ކިރު އުފައްދާ ވަރަށް ވުރެ ހަތް ގުނަ އިތުރަށް އެލިޒަބަތުގެ ހަށިގަނޑުން ކިރު އުފައްދައެވެ. އެހެންކަމުން ދުވާލަކު ހަ ފަހަރަށް ޕަންޕުކުރަން ޖެހެއެވެ. ގާތުން ލިބޭ ކިރު ހަދިޔާކުރަން އެލިޒަބަތު ފެށީ އޭނާ މެދުވެރިކޮށް ގުދުރަތީ ގޮތުން ލިބޭ މާތް ހަދިޔާ ބޭނުންވާ އެހެން ކުދިންނަށް ހަދިޔާ ކުރުމުގެ ނިޔަތުގައެވެ. އޭނާގެ ގޭގައި ބޮޑު ފްރީޒަރަކާއި ފްރިޖުތައް ފުރައިލައިފާވަނީ އޭނާގެ ގާތުން ނަގައިފައިވާ ކިރު ޕެކެޓުތަކުންނެވެ. އެކަހަލަ ބޮޑު ފްރިޖެއް ފުރައިލަން އެހެން މަޔަކަށް ދެ އަހަރު ނަގާއިރުގައި އެލިޒަބަތަށް ނަގަނީ އެންމެ 20 ދުވަހެވެ.

މި ހާލަތުގެ ސަބަބުން އެލިޒަބަތުގެ ދިރިއުޅުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އޭނާގެ އެންމެ ޕަންޕިން ސެޝަނެއްވެސް ދޫކޮށްލައިފިނަމަ ބޮޑު މެޑިކަލް އެމަރޖަންސީއަކަށް ވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ މެދުވެރިކޮށް އާދަޔާ ހިލާފު ހަދިޔާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންނަށް ފޯރުކޮށްދެވުނު ނަމަވެސް އެކަމުގެ ސަބަބުން އޭނާ ވަނީ ނުކުޅެދޭ މީހަކަށް ބަދަލުވެފައެވެ. ވަރަށް ފަހާ ޖެހެންދެން އޭނާއަށް ގެއިން ބޭރަށް ކުދިން ގޮވައިގެން ކަންކަން ކުރަން ދިޔުމަށް ވަނީ ނުކުޅެދިފައެވެ. ނަމަވެސް ޓެކްނޮލޮޖީގެ އަލީގައި އުފައްދައިފައިވާ، އެއްތަނުން އަނެއްތަނަށް ގެންދެވޭ ޕަންޕެއްގެ ސަބަބުން އޭނާއަށް މިހާރު އާއިލާއާ އެކުގައި ހަރަކާތްތަކުގައި ބައިވެރިވެ ހެދެއެވެ.
އެލިޒަބަތުގެ ގާތުން ނަގައިފައިވާ ކިރު ވަނީ ޗައިނާއަށާއި ސައުތު އެފްރިކާއަށާއި ޖަރުމަނަށް ފޯރުކޮށްދީފައެވެ. މިގޮތުން 20 ފެބްރުއަރީ 2015 އިން 20 ޖޫން 2018 އަށް، އޭނާ ވަނީ 54,091 ފްލުއިޑް އައުންސް ކިރު ބޭންކަކަށް ހަދިޔާކޮށް ގިނިސް ވޯލްޑް ރިކޯޑް ހޯދައިފައެވެ. ނުކުޅެދުންތެރިކަން ބޭނުންކޮށްގެން އެލިޒަބަތު ދުނިޔޭގެ ރިކޯޑު ފޮތަށް އަރަން ބޭނުންވި އެންމެ ބޮޑު އެއް ސަބަބަކީ މައިމީހާގެ ގާތުން ލިބޭ ކިރުގެ މުހިއްމުކަން އަންގައިދިނުމުވެ.

އެލިޒަބަތު ވިސްނައިފައި ވަނީ އޭނާގެ އެންމެ ހަގު ދަރިފުޅު ބޮޑުވުމުން ސަރޖަރީ ހަދައިގެން އުރަމަތި ނަގާށެވެ. އެއީ މި ހާލަތުން ދާއިމަށް މިންޖެއް ލިބެން އެލިޒަބަތަށް އޮތް ހަމައެކަނި ގޮތެވެ.
