Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ހިތްތިރިކުރުމުގެ އާދައިގެ ތެރެއިން- ދުވަހަކުވެސް އެދުރުނުވާނޭކަން ގަބޫލުކުރުން

ގިނަ ފަހަރަށް އިންސާނުންނަށް ހިތްތިރިކޮށްގެން މެނުވީ ކުރިޔަށްދެވެން ނެތްކަން އެނގެނީ އުމުރު ދެބައިވާ ހިސާބުންނެވެ. ކޮންމެވެސް ސަބަބަކާ ހެދި ދިރިއުޅުމުގެ ކަންކަން މާ ރަނގަޅަށް ނުދާކަން އެނގުމުންނެވެ. ނުވަތަ ކިތަންމެ ރަނގަޅަށް ކަންކަން ދާކަމަށް ހީވިނަމަވެސް އެތެރޭގައިވާ ހުސްކަން ނުފިލާކަން އެނގުމުންނެވެ. ބައެއް ފަހަރު މި ހިސާބަށް ދަނީ މީހާގެ ކައިވެނި ރޫޅުމުންނެވެ. ވަޒީފާ ގެއްލުމުންނެވެ. ގާތް މީހަކު ބޭވަފާތެރިވުމުންނެވެ. ނޫނީ މީހާގެ އަމަލުތަކުގެ ސަބަބުން ބޮޑު އަނދަވަޅަކަށް މީހާ ވެއްޓޭ ހިސާބުންނެވެ.

ގިނަ މީހުންނަށް އެހިސާބަށް ކަންކަން ދިޔުމުން ދެން އަމިއްލަ ވިސްނުމަށް ބަރޯސާވެގެން ކުރިޔަށް ދެވެން ނެތްކަން ގަބޫލުކުރެވެއެވެ. އުމުރު ދުވަހު ކަންކަމުގައި ބަރޯސާވެ ގޮތްކިޔައިދެމުން ގެންދިޔަ ސިކުނޑި އެހިސާބަށް ދާއިރުގައި ޕްރޮގްރާމުވެފައިވަނީ ދުނިޔޭގެ ރުހުން ހޯދުމަށާއި ދުނިޔޭގެ އަރާމު ހޯދާށެވެ. ސިކުނޑީގެ ލަފަޔަށް މިހާލަތުގައި އަމަލުކުރުމުން އިތުރަށް މީހާއަށް ގެނުވަނީ ބޭގަރާރުކަމެވެ. އިންތިހާއަށް ހިތްދަތިކަމެވެ.

ވަކި ހިސާބަކުން މީހާގެ ކިބައިގައި އަމިއްލަ މައްސަލައަށް ޖަވާބު ހޯދުމުގެ ގާބިލުކަން ނެތްކަން ގަބޫލުކުރަން މަޖުބޫރުވެއެވެ. އަދި ކިތަންމެ ވަރަކަށް ޖަވާބު ލިބޭތޯ މަސައްކަތް ކުރިނަމަވެސް ލިބޭ އެއްވެސް ޖަވާބަކުން ހިތަށް ފިނިކަމެއް ނުލިބޭކަން އެނގެއެވެ. މީހާ ކުޑަކަކޫމައްޗަށް ތިރިވެ އިސްޖަހައި ހެއްދެވި އިލާހަށް އެ ވޭނުން މިންޖުވާން އެދި ދުއާ ދަންނަވާ ހިސާބަށް ދެއެވެ.

އެ ހިސާބަށް ކަންކަން ދިޔުމުން ގިނަ މީހުން އެމީހުންނަށް ވުރެން މަތިވެރި ނިޒާމެއްގެ ހިމާޔަތް ހޯދަން މަސައްކަތްކުރެއެވެ. ގިނަ ފަހަރަށް މީހުން ދޯޅުވަނީ ދީނީ ކަންކަމަށެވެ. އިލާހާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތް ކުރަން ފަށައެވެ. ނަމާދުކުރުމާއި ދުއާކުރުމުން ހިތަށް ހަމަޖެހުން ލިބޭކަން އެނގެއެވެ. މީހާގެ ކަންކަމުގައި އިރުޝާދު ދެވޭނޭ ވަރުގެ މީހުން ހޯދައެވެ. އަދި އެމީހުންނާއި މަޝްވަރާކުރުމުން ކަންކަމުގައި ކުރިޔަށް ދާންވީ ގޮތް ނިންމަން ފަށައެވެ. ހިމޭންކަމާއި ޒިކުރުން މީހާގެ ހަލަބޮލި ސިކުނޑިއަށް މަޑުމޮޅިކަން ގެނުވައެވެ. ނަމަވެސް އެ ހިސާބަށް މީހާއަށް އާދެވެނީ ގޮތް ހުސްވެގެންނެވެ. ދެން ކުރިޔަށް ދާނޭ އަދި ދެވޭނޭ ގޮތެއް ވެސް ނެތިގެންނެވެ.

ނަމަވެސް އިސާހިތަކު މީހާގެ ހިތާމަތައް ފިލައި ހިތްހަމަޖެހުމުގެ ވައިރޯޅިން ހަޔާތް ތާޒާވެގެން ދެއެވެ. އޮޔާއި ވަޔާ ތެޅެމުން، ނެތެމުން ދިޔަ ދިރިއުޅުމަށް ބާހަރު މޫސުމުގެ ދޯދިތަކުން އާރާސްތުކަން ގެނުވަން ފަށައެވެ. އޭރު ބަރުބާދުވަމުންދިޔަ ގުޅުންތަކުގެ ބަދަލުގައި އާ ގުޅުންތައް އުފެދި، އާ ރާގުތަކަށް ލަވަކިޔައި ހަދާ އާ ރަހުމަތްތެރިން ލިބިގެން ދެއެވެ. ކުރީގެ ހަޔާތުން ގެއްލުނު އެއްޗެހީގެ ބަދަލުގައި އެހެން ނިއުމަތްތަކަކުން ދިރިއުޅުން ފުރިގެން ދެއެވެ.

މި އުފާވެރިކަމުގެ ސަބަބުން މީހާއަށް އެ ހަޔާތް ލިބެން މެދުވެރިވި ހާލަތު ހަނދާން ނެތުން ގާތްވެއެވެ. އިސާހިތަކު އެ ހިތްހަމަ ޖެހުން ގެނުވި ކަންކަމާ ދުރުވާން ފަށައެވެ. ނަމާދާއި އަޅުކަމާ ދުރުވަނީ ދުރުވާން ބޭނުން ވެގެންނެއް ނޫނެވެ. ހާލަތާއި ވަގުތު ނިޔާކުރާ ގޮތުން އެކަންކަމަށް ވަގުތު ނުދެވެނީއެވެ. ހެޔޮލަފާ، އިރުޝާދުދެވޭ މީހުންނާ ކުޑަކޮށް ދުރުވެލެވެނީ ގަސްތަކުނޫނެވެ. އެމީހުން ދައްކާ ވާހަކައިން މީހާއަށް އުފާލިބޭ ކަންކަމާ ދުރަށް ދާންޖެހޭކަން ވިސްނޭތީއެވެ. މުސްކުޅިކޮށްފައި ދުރުގައި ބޭންދި ކުރީގެ ސިކުނޑި މީހާއަށް ކުރީގައި އުޅުނު ގޮތަށް އުޅެގެން އެ އުފާވެރި ދިރިއުޅުން ދެމެހެއްޓޭނޭ ކަމުގައި ވިސްނައިދޭން ފަށައެވެ. ހަމަޖެހުމަށް މީހާ ކުރަމުން ދިޔަ ކަންކަމުން ފުރަތަމަ ދުރުވަނީ ކުޑަކޮށެވެ. ދެން ބޮޑަށެވެ. ވަކި ހިސާބަކުން ކުރީގައި ހުރި ހިސާބަށް އަލުން އަނބުރާ ރުޖޫއަވަނީ ނޭނގި ހުއްޓައެވެ. މީހާގެ އަތުން ކަންކަން ބީވެގެން ދާން ފަށައެވެ. އެއްޗެހި ގެއްލެން ފަށައެވެ. މިވަނީ ކީއްބާއޭ ހިތަށް އަރަން ފަށައެވެ.

އެ ހިސާބަށް ދިޔުމުން އަނެއްކާވެސް ފުރާނަ ރޯން ފަށައެވެ. އަލުން އަނބުރާ ހަމަޖެހުމާ ހަމަހިމޭން ކަމުގެ ތެރެއަށް ރުޖޫއަވުމަށް ހިތް އެދި ގޮވަން ފަށައެވެ. ހިތާއި ރައްބާ މެދު އޮންނަ ގުޅުން އިހުސާސްކުރެވޭ މީހާއަށް އެ ގުޅުން ހީނަރުވާކަން އެނގުމަކީ މަރު އިހުސާސްކުރެވޭ ކަމެކޭ މީހުން ބުނަނީ ތެދެކެވެ.

އެ ހިސާބަށް އަލުން ދިޔައީ މީހާގެ ބޮޑާކަމުންނެވެ. މީހާއަށް ލިބުނު ހިތްހަމަޖެހުމާއި އުފަލަކީ ވަކި ހަމަތަކެއްގައި މީހާ އުޅުމުން ލިބުނު އެއްޗެއްކަން ހަނދާން ނެތުނީއެވެ. އެ ހިތްހަމަޖެހުން ކުރީގެ އުޅުމަށް ރުޖޫއަވެގެން ލިބޭނޭ ކަމަށް ގަބޫލުކުރެވުނީއެވެ. ދުނިޔެ ހޯދުމަށް މާބޮޑަށް އެދެވުނީއެވެ. އަލުން އަނބުރާ ކުޑަކަކޫ މައްޗަށް ތިރިވެ އަތްމައްޗަށް އުފުލާ އެ މާޔޫސްކަމުން ދިންނެވުން އެދި ދުއާ ދެންނެވުން ނޫންގޮތެއް ނެތްކަން ގަބޫލުކުރެވެނީ ދެނެވެ. ދުއާކުރަން ފަށަނީ ސީދާ މަގުން ކައްސައިލިޔަ ނުދެއްވުމަށް އެދިއެވެ. އަމިއްލަ ބޮޑާ ކަމުން ރައްކާތެރިކޮށްދެއްވުމަށް އެދިއެވެ. ހިތްތިރި ކަމަށް އެދިއެވެ. ހަގީގަތުގައި މީހާގެ އެއްވެސް ބާރެއް ނެތްކަން ގަބޫލުކޮށް އެ ފަރާތުގެ ވާގިއަށް ކޮންމެ ކަމެއްގައި އެދެން ޖެހޭކަން އެ ހިސާބުން ވިސްނެއެވެ.

މި ވިސްނުން ވިސްނާ މާގިނަ ބަޔަކު މީހާގެ ހަޔާތުގައި ނެތެވެ. ސަބަބަކީ އެކި މީހުން އުޅެނީ އަދި މި ވިސްނުން އަންނަން އެކި ހިސާބުގައެވެ. ބައެއް މީހުން އުމުރު ހުސްވެ ދަނީ އެ ވިސްނުން ނައިހެވެ. އެ ފަދަ މީހުން މީހާގެ މި ވިސްނުމުގެ އަޑު އަހައިފައި މަލާމާތުގެ ބަސްތައް ދުލުން ބޭރުކުރާނޭކަން ކަށަވަރެވެ. ވަކި ހައްދުތަކަކާއި ހުދޫދުތަކެއްގައި އުމުރު ނިމެންދެން އުޅެން ޖެހޭކަން ބުނެދިނުމުން "ތީ ދެން ބޮޑުވަރޭ" ބުނާނެއެވެ. ތިއީ ވިސްނޭ މީހުން ގަބޫލުކުރާ ކަހަލަ ބިލާހެއް ނޫނޭ ބުނާނެއެވެ. އެފަދަ އަޑުތައް އަހާކަށް ވަކި ހިސާބަކުން އުނދަގުލެއް ނުވާނެއެވެ. އެމީހުންނަށް ކަން އޮތްގޮތް ވިސްނައިދޭން އުޅުމަކީ ބޭކާރުކަމެއް ކަން އެނގި ހަނު ހުންނަން ދަސްވާނެއެވެ. އެއީ ވެސް ހިތްތިރި ކަމުގެ ބަޔެކެވެ. މީހާއަށް ސީދާމަގުގައި ދެމިހުރުމުގެ ތައުފީގު ދެއްވި ފަރާތަށް އެމީހުންނަށް ސީދާ މަގުދެއްކެވުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. މީހާ މި ދުނިޔޭގައި އުޅެން ޖެހެނީ ދުވަހަކުވެސް އެދުރުނުވާނޭކަން ގަބޫލުކޮށްގެންނެވެ.