Support Us

އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: މެޑަމް ސާޖިދާ

އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް މިރޭ ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮންމެ އިންސާނެއްގެ ވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ، ޤައުމަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ޤުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާޢީ ޒިންމާތަކަށް އިޝާރާތްކުރައްވަމުން، އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުޞަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތާރީޚުގެ ޞަފުޙާތަކަށް ހަވާލާދެއްވައި، ދިވެހި އަންހެނުންނަކީ، ޢިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ޤާބިލު ބައެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ޤާބިލުކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައިވާ ޤުރުބާނީ ކަމަށް ވިދާޅުވެ އެކަމަނާ ވަނީ، އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

ޖުމްލަ 14 ކަނބަލަކަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކަށް މިރޭ ރެހެންދި އެވޯޑު ލިބުނެވެ. އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދެވެ.

ރެހެންދި އެވޯޑަކީ، ޤައުމީ ޚިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވާ ޚާއްޞަ އެވޯޑެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *