އެޗްޑީސީގެ ސްޓާފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގެ ފަރަތަމަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށައިފިއެވެ.
އެކަމަށްޓަކައި، ހުޅުމާލޭގެ ރީތިގަސް މަގުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައެއް ސްޓާފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، އެޗްޑީސީގެ ސްޓާފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ސްޓާފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި އެ މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.

މިރޭ ހަވާލުކުރަން ފަށައިފައިވަނީ، ނިމިފައިވާ ޓަވަރު A އާއި B ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. އަދި ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް ވަނީ އަމާޒުހިފައިފައި ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
"އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ގާއިމްކޮށްފައިވާއިރު، ޓަވަރުތަކުގައި ކޮމަން އޭރިއާއާއި ސެކިއުރިޓީ ރޫމްގެ އިތުރުން ކޮންމެ ޓަވަރެއްގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ. އަދި އޭގެ އިތުރުން ޖުމްލަ 54 ކާރު ޕާކިންގ ސްލޮޓާއި 782 ސައިކަލް ޕާކިންގ ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅައިފައެވެ." އެޗް.ޑީ.ސީން ބުނެއެވެ.



advertisment

