Support Us

ޒުވާނުންގެ ދައުވަތަކަށް މަންދޫ ފުޓްސަލް ދަނޑު ރައީސް ހުޅުވައިދެއްވައިފި

ޒުވާނުންގެ ދައުވަތަކަށް އދ. މަންދޫ އަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

މަންދޫ ޒުވާނުންގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަންދޫއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. މަންދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަންދޫގެ ފުޓްސަލް ދަނޑަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދުމުން އެކަމަށް އިޖާބަދެއްވައި، އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރައްވައި، ލައިޓް ޖަހައި، ފުރިހަމަކުރައްވައި ނިންމެވި ދަނޑެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެންވަރު ރަނގަޅު ޓަރފަކާއެކު މަންދޫގައި ސަރުކާރުން ތަރައްޤީކުރެއްވި ފުޓްސަލް ދަނޑު ހުޅުވައިދެއްވައި، ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6–2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *