ހެލްތު އެކްސްޕޯ 2025، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ. އެކަމަނާ ހެލްތު އެކްސްޕޯ ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައެވެ.
ހެލްތު އެކްސްޕޯ އަކީ ދުޅަހެޔޮ ޖީލަކާއި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގައި ހިމެނިގެން، ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމު ކުރައްވައިގެން ކުރިއަށްގެންދަވާ ހަރަކާތެކެވެ.
ހެލްތު އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހެލްތު އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތަކުން ފޯރުކޮށްދެއްވާ މަޢުލޫމާތު އޮޅުންފިއްލުވާފައެވެ.
ޞިއްޙީ ކަންކަމާ ގުޅޭ ޞައްޙަ މަޢުލޫމާތާއި، އެ ލިބޭ މަޢުލޫމާތުތަކަށް ފަހު ދެން ޢަމަލުތައް ބައްޓަންކުރަންވީ ގޮތާއި، ވަކީން ޚާއްޞަކޮށް ބަލިޖެހުމުގެ ކުރީން ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހިމެނޭހެން، ވަށާޖެހޭ ގޮތެއްގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުތައް ހިމެނޭހެން ދާއިރާގެ ކަމާ ގުޅުން ހުރި، 50 އަށްވުރެ ގިނަ ޖަމުޢިއްޔާ، ޖަމާޢަތްތަކުން މި އަހަރުގެ އެކްސްޕޯގައި ބައިވެރިވެއެވެ.
މިއީ ޞިއްޙީ އެކި ކަންކަމަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން، މަސައްކަތުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް، ހުރިހާ ޢުމުރެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް، އާންމުކޮށް ހުޅުވާލައްވައިގެން ބާއްވަވާ އެކްސްޕޯއެކެވެ. "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން، ހެލްތު އެކްސްޕޯ ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވަނީ މި މަހު 13، 15 އަދި 16 މި ތިން ދުވަހުއެވެ.



advertisment