Support Us

ކޮލަމް ނޫވިލު

ދިވެހިން ވެސް ދަތުރުދާން ބޭނުންވޭ، އެކަމަކު…

ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަތުރުވެރިކަމުގެ މަންޒިލެކެވެ. ދިވެހީންގެ ނަސީބެވެ. އެހެނީ އަގުބޮޑު މަޝްހޫރު މަންޒިލަކަށް މި ރާއްޖެވީ ޤުދުރަތީ ގޮތުން ލައްވައިފައިވާ ރީތިކަމެއްގެ ސަބަބުންނެވެ. ސާފު މޫދާއި ހުދު ދޮންވެލީގެ ގޮނޑުދޮށް ތަކުންނެވެ. ނަލަރޯޅި އާއި ހަމަހިމޭންކަމުންނެވެ. ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބެހިލާފައިވާލެއް ފުރިހަމަކަމުންނެވެ. ވަރަށް ފުރިހަމަ ޤުދުރަތީ ހަދިޔާއެއްގެ ސިފަ ލިބިފައިވާ މިފަދަ ދެވަނައެއް ނެތް ކަމަށްވެސް ގަބޫލުކުރެވިގެންނެވެ.

މި ޤުދުރަތީ އަޖާއިބު ދެކިލައި، ގޮނޑުދޮށްތަކުގައި ދުވެލައި، ސާފު ކަނޑުފަޅުގައި ފަތައި ފީނާލަން އެތައް ލައްކަ ބަޔަކު ބޮޑު ހަރަދެއްކޮށް ދުނިޔޭގެ އެތަންމިތަނުން އައިސް ގޮސްވަމުންގެންދެއެވެ. މިގޮތުން 1972 އިން ފެށިގެން 48 އަހަރުވެފައިވާއިރު ހުސްވި 2019 އަހަރުގައި އެކަނިވެސް 1.7 މިލިއަން މީހުން ޗުއްޓީ ހޭދަކޮށްލަން މިރާއްޖެ އަށް ޒިޔާރަތްކުރި ކަމަށް ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ.

ކަން މިހެން އޮތް ނަމަވެސް ބުނެލަން މިއުޅެނީ ވަރަށް ހިތާމަވެރި ވާހަކައެކެވެ. މިހާރަކަށް އައިސް ދިވެހީންނަށް މިރީތި މޫދާއި ނަލަ ގޮނޑުދޮށްތައް ގެއްލި ބީރައްޓެހިވަމުންދާ ވާހަކައެވެ. ހަތަރު ފާރާއި ޓީވީއެއް ނުވަތަ ފޯނެއްގެ ޑިސްޕްލޭގައި ޖެހި ތާށިވެފައި ތިބެންޖެހޭ ވާހަކައެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އާއި ޚާއްސަކޮށް މާލޭ ސަރަހައްދުގައި ދިރިއުޅެމުންދާ އާއިލާތަކަށާއި އާންމު އެންމެންނަށް ޗުއްޓީ ހޭދަކޮށްލަންދާނެ މިފަދަ ރަށެއް ނެތް ވާހަކައެވެ. ދުޅަހެޔޮ ސިއްހަތަކާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަވެސް ކޮށްދޭ ވަރަށް މުހިންމު އަދިހަމަ ކޮންމެހެން ލާޒިމް ކަމަކުން ގިނަ ބަޔަކު މަހްރޫމްވަމުންދާ ވާހަކައެވެ.

ބަސަރާ އަށް ކަދުރު ނުވިއްކެނީ އެމީހުން ހައްދާ ކަދުރު އެމީހުން ކައިފައި އަދި ބޭރަށް ވިއްކާ ވަރަށް ހައްދާތީއެވެ. ނަމަވެސް އެމީހުން ކާން ކަދުރު ނެތި ހުސް އެކަނި ބޭރަށް ވިއްކާނަމަ ބަސަރާ މީހުން ކަދުރު ގަނެގެންވެސް ކާނެތާއެވެ.

ވަށައިގެން ކަނޑޭ ދިވެހީން އެރުން މަނައެއްނޫނޭ ނުވަތަ ކޮންމެ ރަށެއްގައިވެސް ސިމެންތި ފާރެއްލައިފައި ނަމަވެސް ގޮނޑުދޮށް އޮންނާނޭ ގުންފައިޖަހައިފައި ދުވަންވީ ނޫންހޭވެސް ބުނެވިދާނެއެވެ. ނަމަވެސް ބުނަން މިއުޅެނީ އާއިލާތައް ހިތް އުފާކުރާށާއި ސިއްހީ ގޮތުން ނުހަނު ފައިދާ ލިބޭ ގޮތަށް ޗުއްޓީއެއް ހޭދަކޮށްލަން ދާނެ ފަޅުރަށެއް މާލޭ ސަރަހައްދުގައި ނެތް ވާހަކައެވެ. ސިމެންތީގެ ޕާކުތަކާއި ދުވާ ޓްރެކްތައް ހެދި ތައާރަފްވަމުންދާއިރު މިދަންނަވާ ހިތްގައިމު ގޮނޑުދޮށްތަކުން ލިބޭ ފައިދާއިން ދިވެހީންގެ ގިނަ ބަޔަކު ދަނީ މަހުރޫމްވަމުންނެވެ. ހިލޭ ދެވޭނެ ތަންތަނާއި އަދި ކުޑަ އަގެއް ދީގެން ދުވަސްވީ މީހުންނާއި ތުއްތު ކުދީން ގޮވައިގެން އާއިލާތައް ގޮސް އުފާކޮށްލާ މޫދަށް އެރެލާ އުޅެލެވޭނެ ތަންތަން ދިވެހީންނަށް ކޮންމެހެން އޮންނަން ބޭނުންވާ ވާހަކައެވެ. މާލެ ސަރަހައްދުގައި ވަރަށް ފަހަކާ ޖެހެންދެންވެސް ޗުއްޓީއަށް ދާން އޮތް ކުޑަބަނޑޮސް ފަދައިން ފަޅުރަށެއް އޮތުން މުހިންމު ކަމުގެ ވާހަކައެވެ. މިއަދުގެ ސަރުކާރުން ތަސައްވަރު ކޮށްދިން ޖަޒީރާ ދިރިއުޅުންވެސް އެއާ ނުލާ ފުރިހަމައެއް ނުވާނެކަން ޔަގީނެވެ.

ގިނަ ދުވަސް ތަކެއް ވަންދެން ކުޑަބަނޑޮސް ފަތުރުވެރިކަމަށް ނުދީ ދިވެހީންނަށް ހާއްސަކޮށްފައި އޮތްއޮތުން ނިމުމަކަށް އައީ ސިޔާސީ ހުށަހެޅުމެއްގެ ދަށުންނޭ ވެސް ކިޔާއަޑު ތުންތުންމަތިން އިވެއެވެ. އެފަދަ ދެވަނަ ރަށެއް މާލެ ކައިރީގައި ދެން އޮތީ ފޭދޫފިނޮޅެވެ. އެރަށް ދިވެހީން ޗުއްޓީއަށް ދާން ހަމަޖެހޭނެ ކަމަށް އުންމީދު ކުރެވުނު ބަޔަކުވެސް ތިއްބެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީގެ ތަނެކޭ ކިޔާ އަޑާއި ފުލުހުންގެ ބޭނުމަކަށް އޮންނަ ރަށެކޭ ކިޔާ އަޑު އިވިއިވި ހުއްޓާ ދިވެހީންގެ ޗުއްޓީ ނަސީބަށްވުރެ ޗައިނާ މީހުންގެ ޗުއްޓީ ނަސީބު ގަދަވެ ދިގު މުއްދަތަކަށް ޗައިނާގެ ކުންފުންޏަކަށް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ވިއްކާލީއޭ ބުނާ އަޑު އިވި މާލެ ސަރަހައްދުގައި އުޅެމުންދާ ގިނަ ބަޔެއްގެ ހިތަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ. މި ބުނަނީ ޔޫއެސް ޑޮލަރުން ރޭޓު ހަދާ ބޮޑުއަގު ދީގެން ދެވޭނެ ފައިވް ސްޓާރ ހޮޓާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެތް ވާހަކައެއް ނޫނެވެ. އަދި ފަޅުރަށެއް އޮތަސް އެތަންތަންވެސް އޮންނަނީ ހަމައެކަނި ފަތުރުވެރީން ދަތުރުދާން ހާއްސަކުރެވިފައިކަންވެސް ފާހަގަކުރެވެއެވެ.

މީގެ ވިހި ފަންސަވީހަކަށް އަހަރު ކުރީގެ އުފަން ގިނަ ދިވެހީން ފަތަން ދަނެއެވެ. އެކަމަކު ފަތަން ދަސްކޮށްދޭ ޕޫލްތަކާއި ސްކޫލް ތަކެއްވެސް އޭރަކު ނުހުރެއެވެ. އަދި އާންމު ގޮތެއްގައި ޒުވާން އުމުރުފުރައިގެ ގިނަ ކުދީން މުރާލިވެފައި ސިއްހީ މައްސަލަތައް އޭރު މަދޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހަމަ ގައިމުވެސް އެނދުހުރަސް ބަލި ޖެހިފައި ކޮޓަރިތެރޭ ތިބުމެއް ނޯވެއެވެ. އޭރަކު އިންޓަނެޓް ނުލިބެޔޭވެސް ކިޔައިފާނެއެވެ. އެކަމަކު ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު މިއަދު ގޫގުލްގައި ޖަހާލައިގެން އެއްކޮށްލީމާ ބުނަނީ ބޭސްތަކެއް ކެއުމަށްވުރެ ހަށިގަނޑަށާއި ސިކުނޑިއައް ފައިދާ ބޮޑީ ހެލިފެލިވެ އުޅުމާއި ފެތުން ކަހަލަ ކަސްރަތުގެ މުހިންމު ކަމުގެ ވާހަކައެވެ. ހަމަ ގައިމުވެސް ރާއްޖެ އަންނަ ޔޫރަޕްގެ ގިނަ ފަތުރުވެރީންނަކީ މިޒަމާނުގެ އިލެކްޓްރޯނިކްސް ވަސީލަތްތަކާއި ބަލާނެ ޓީވީ ޗެނަލްތައް މަދުވެ ފޫހިވެގެން މޫދަށް އެރެން އަންނަ ބައެއް ނޫނެވެ. އަދި ޗުއްޓީ ހޭދަކޮށްލަން ދާނެ ރީތި އެހެން ތަނެއް ނެތިގެން އަންނަ ބައެއް ވެސް ނޫނެވެ. ހަމައެކަނި ސާފުވަޔާއި ދޮންވެލީގެ ގޮނޑުދޮށާއި ސާފު މޫދުގައި ޖެހިލައި، ކުލަކުލައިގެ މަސްމަހާމެހީގެ ބަގީޗާތައް ހަމަ ލޮލުން ދެކެލުމަށް ދިގު ދަތުރާއި ބޮޑު ހޭދައެއް ކޮށްފައި އަންނަ ބައެކެވެ.

ދެން ފެނުނީ މާލެއާ ދާދި ކައިރީގައި ރަށްތަކެއް ހިއްކަންފެށި ތަނެވެ. އަނެއްކާވެސް ދިވެހީންގެ އުންމީދު އާވިއެވެ. ނަމަވެސް ނަތީޖާ މާ އެދެވޭ ގޮތަކަށް ނުދިޔައެވެ. އަގުބޮޑުކަމުން އާއިލާއެއް ގޮވައިގެން ގޮސް ދަތުރު ދިއުމޭ ކިޔާގޮތަށް ޗުއްޓީއެއް ހޭދަކޮށްލެވޭވަރުގެ ތަނަކަށް އެތަން ނުވިއެވެ. އަދި ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ރަށްރަށުން ލިބޭ ހޭޅިފަށާއި ގޮނޑުދޮށާއި މޫދު ލިބޭކަށްވެސް ނޯވެއެވެ. މަސްބަތާއި ތެލުލި ރިހާކުރު ކައިލުމުގެ ފުރުސަތެއް ވެސް ނުލިބެއެވެ. ލިބެނީ މާ މަތީ ފެންވަރުގައި ހަދައިފައި ހުންނަ ކޮޓަރި އާއި ބިރުން ފިތްކަނޑައިގެން ދާވަރުގެ ބޮޑު ބިލެކެވެ. ދެން ފެންނަނީ ކުލަކުލައިގެ ހެދުން އަޅައި ނަލަވެގެން އަންނަ ދެޖިންސުގެ ކުދީންތަކެވެ. ހަމަ އެހާމެ އެކި ކުލަކުލައިގެ ފާޑުފާޑުގެ ބުއިންތައް ކޮޓަރިތަކަށް ގެންދާތަނެވެ. މި މަންޒަރުތަކަކީ އާއިލީ ޗުއްޓީއަކަށްދާ ގިނަ މީހުން މާ ބަލަން ގަޔާވާ ކަމަކަށް ވެސް ނުވެއެވެ.

ދެން އޮތީ ތިމާވެށީގެ ވާހަކައެވެ. ގޮނޑުދޮށާއި ކަނޑުފަޅަށް ކުނި ނޭޅުމަށް ކެނޑިނޭޅި އިލްތިމާސްކުރާ ވާހަކައެވެ. މިކަމުގައިވެސް އެންމެ އެދެވޭ ނަތީޖާއެއް ލިބޭނީވެސް ދިވެހީންގެ ގިނަ ބަޔަކަށް ގޮނޑުދޮށްތަކާއި ކަނޑުފަޅުގެ އުފާތައް ލިބި ތަޖުރިބާ ކުރެވޭ މިންވަރު އިތުރުވެގެންނެވެ. އެތަންތަން ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަން ގަބޫލުކުރެވޭނީ އެ ތަންތަނުން ލިބޭ އަރާމާއި އުފާތައް ފެނި، އެނގިގެންނެވެ. ސިޔާސީ ވެރީންނަށް މޫދާއި ގޮނޑުދޮށްތައް ޚާއްސަކުރެވިފައި ހުންނަ ގޮތަށް އެފަދަ ވެރީން، ވެރީންނަށް ހަދައިދޭ ނިކަމެތި ރައްޔިތުންނަށްވެސް، ވަށައިގެން ހިދުމަތްދޭނެ މީހުން ލާފައި ނެތަސް، ހުހަށް އޮންނަ ގޮނޑުދޮށަކާއި އެރެލާނެ މޫދެއް އޮތުން މުހިންމު ނޫންބާއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1511

4 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *