Support Us

ޖުމްހޫރީ ނިޒާމަކީ ޤައުމަށް އެންމެ ބޭނުންތެރި ސިފަތައް ހުންނަ ވެރިޔަކު އިޚުތިޔާރުކުރުމަށް ރައްޔިތުންނަށް ފުރުޞަތު ލިބޭ ނިޒާމު: އާދަމް ނަޞީރު 

ޖުމްހޫރީ ވެރިކަމުގެ ނިޒާމަކީ، ޤައުމަށް އެންމެ ބޭނުންތެރި ސިފަތައް ހުންނަ ވެރިޔަކު އިޚުތިޔާރުކުރުމަށް ރައްޔިތުންނަށް ފުރުޞަތު ލިބޭ ނިޒާމުކަމަށް ދިވެހިބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަޅިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށާއި ރައްޔިތުންނަށް ލާބައާއި މަންފާ އެންމެ ބޮޑުވާނެގޮތަށް ވެރިކަން ހިންގުން ކަމުގައެވެ. އެ ގޮތުން، ޤައުމުގެ ވެރިޔަކަށް އެންމެ އެކަށީގެންވާ ވެރިޔަކީ އޭނާގެ ސިޔާސީ ނިންމުންތަކުން ދިގު ރާސްތާގައި ނިކުންނާނެ އަޚްލާޤީ ނަތީޖާތައް ޚިޔާލަށް ގެންނަ، އަދި އަޚްލާޤީ ތޫނުފިލިކަން ލިބިފައިވާ މީހެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

އަލްއިމާމް ޣަޒާލީއާއި އިބްނު ޚަލްދޫން ފަދަ ޢިލްމުވެރިންނަށް ހަވާލާދެއްވައި ވަޒީރު ވިދާޅުވީ، ރަނގަޅު ވެރިޔަކީ ދީނާއި ޤައުމަށް އިސްކަންދެއްވައި، ޢަދުލުވެރިކަމާ އެކު ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދީގެން ކަންކަން ނިންމާ ވެރިޔާކަމުގައެވެ. އަދި އަމިއްލަ މަސްލަޙަތަށް ވުރެ ޤައުމުގެ މަސްލަޙަތު އިސްކުރައްވާ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތްކުރާ ވެރިޔާކަމުގައެވެ.

މި ޖަލްސާގައި، ޖުމްހޫރީ ވެރިކަމުގެ ނިޒާމުގެ ތެރޭން ރައްޔިތުންނަށް ލިބޭ ބާރާއި، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ރަނގަޅު ވެރިއެއްގެ ކިބައިން ފެންނަންޖެހޭ ސިފަތަކުގެ މައްޗަށް ވަޒީރު ވަނީ ވަރަށް ބޮޑަށް އަލިއަޅުއްވައިލައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *