ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑޮކްޓަރ ޢާމިނަތު ޒާހިރާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީ.އެޗް.ޑީ. ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑޮކްޓަރ އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ. އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ޚިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުންގެންދަވާކަން ފާހަގަކުރައްވަމުން، މިގޮތުން އިސްކަން ދެއްވަމުން ގެންދަވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ އާމިނަތު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަކޮށްލެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި މި ފުރުޞަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ދިވެހިބަސް ކުރިއެރުވުމަށާއި، ދިވެހިބަހުގެ ރޮނގުން މީހުން ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދެއްވާ އަހައްމިއްޔަތު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރެއްވިއެވެ.



advertisment