Support Us

އަންނަ އަހަރު ވާނީ ރައްޔިތުންގެ ވެރިކަން އިތުރަށް ހަރުދަނާކުރެވި، ކޮރަޕްޝަންގެ ވަބާއިން ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން ޚިދުމަތް ދެވޭ އަހަރަކަށް: ރައީސުލްޖުމްހޫރިއްޔާ

 އަންނަ އަހަރު ވެގެންދާނީ ރައްޔިތުންގެ ވެރިކަން އިތުރަށް ހަރުދަނާކުރެވި، ކޮރަޕްޝަންގެ ވަބާއިން ވީހާވެސް ބޮޑަކަށް ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން އެންމެހާ ރައްޔިތުންނަށް ޚިދުމަތް ދެވޭ އަހަރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

އަންނަ އަހަރަށް ދަޢުލަތުން ހުށަހެޅުއްވި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ އެއް ކަމަކީ މޯލްޑިވްސް 2.0 ނުވަތަ ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށާއި، މިއީ އެންމެ ހަރުދަނާ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްތައް ލިބުމަށް އޮތް ހުރަސް ކަމުގައިވި ކޮރަޕްޝަންގެ ވަބާ ވީހާވެސް ބޮޑަކަށް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް 2.0ގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި 2026 ވަނަ އަހަރު ކުރިއަށް ގެންދަވަން ތަރުތީބުކުރައްވާފައިވާއިރު، މިއީ ތިނަ އަހަރު ދުވަހުގެ މަޝްރޫޢެއް ކަމަށާއި، 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދެވޭއިރު މި އަމާޒަށް ވާސިލުވެވޭނެކަމުގެ އުންމީދު ރައީސުލްޖުމްހޫރިއްޔާ އައުކުރެއްވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަ، އިންސާފުވެރި، އަދި ޢަދުލުވެރި ގޮތެއްގައި ޚިދުމަތް ދެވުމުގެ ސިފަ އަށަގަނެފައި އޮތުން ކަމަށާއި މިކަމަށް އޮތް އެންމެ ބޮޑު ހުރަސްކަމުގައިވި ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދިއުމަށް ނިންމެވި ނިންމެވުމަށް ޙަޤީޤީ ކާމިޔާބު އޮތީ، ހުރިހާ ރައްޔިތުން މިކަން ބަލައިގަނެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޑިޖިޓަލައިޒް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެވެމުންދާ ދިއުމުގައި މުޖުތަމަޢުގެ އިސްރަށްވެހީންނަށް، ޒުވާނުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިންގުމުގެ ނިޒާމު ދެފުށް ފެންނަ ގޮތް ހަދައި، ޖަވާބުދާރީ ކުރެވޭ މިންވަރު އިތުރުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މޯލްޑިވްސް 2.0 ގެ މަޝްރޫޢަކީ މިމޭރުމުން ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެން ގުޅިގެން، އެއް އަމާޒަކަށް މަސައްކަތް ކުރަމުންދަނީނަމަ، ނަތީޖާ ރަނގަޅުވާނެ ކަމަށާއި، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާ އަދާކުރެއްވުމުގައި އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއެކު ކުރިއަށްވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެއްވިއެވެ. އަދި މިހާ ހިސާބަށް ވަޑައިގަތުމުގައި ދިވެހި ދަޢުލަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކާއި ރައްޔިތުންގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނު ވަނީ، ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވުމުގެ ރޮނގުން އެވޯޑް ހާސިލުކުރެއްވި ފަރާތްތަކާއި، ޤައުމަށް ރީތި ނަން ހޯއްދަވައިދެއްވި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *