Support Us

ޕާސްޕޯޓް ހެއްދުމަށާއި ވިސާ ހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް

ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ގެނެސް، "މޯލްޑިވްސް 2.0″ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ބާސެލޯ ނަސަންދުރައިގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ "އީ-ވިޒާ"ގެ ޚިދުމަތް ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. "އީ-ވިޒާ" ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަން ފަށައިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް ތިން އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0′ މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ 2.0 ގެ ތަޞައްވަރަށް ޢަމަލީ ސިފަ ގެނެސްދެއްވައި، އެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައި، ތަރައްޤީއަށް ފަހެލި ބަދަލުތަކެއް ގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ވަނީ ހަނދާނީ ހަދިޔާއެއް އަރުވައިފައެވެ. މި ހަދިޔާ އެމަނިކުފާނަށް އެރުއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *