Support Us

ޒަހްރާން މަމްދާނީގެ ކާމިޔާބީ: އެމެރިކާގެ އާ ސިޔާސީ މަންޒަރުގެ ފެށުން

އެމެރިކާ އާއި ހުޅަނގުން މުސްލިމުންނާމެދު ފަތުރަމުންދާ ނަފުރަތާއި އިސްލާމު ދީނާ މެދު ގެންގުޅޭ އަދާވާތްތެރިކަން ސިއްރުވެފައެއް ނެތެވެ. އަދި އިޒުރޭލުގެ ހިމާޔަތުގައި އެމެރިކާއާއި ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތާއި އެމެރިކާގެ އިންތިޚާބުތަކާއި ސިޔާސީ ލީޑަރުންގެ މައްޗަށް ޔަހޫދީ ވިޔަފާރި ކުންފުނިތަކާއި ޔަހޫދީ ލޮބީ ގުރޫޕުތަކުގެ ނުފޫޒާއި ބާރު އޮންނަ މިންވަރަކީ ވެސް ދުނިޔެއަށް ސިއްރެއް ނޫނެވެ. އެހެން ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ޒުވާނުން ތިބީ މި ސިއްރުތަކުގެ ކުރިމަތީގައި ނިދާފައެވެ. ނުވަތަ ނިންދާފައެވެ. އެ މީހުންނަށް ހޭލެވުނީ ޣައްޒާގެ ހަމާސް ޖަމާޢަތުގެ ޢަޒުމު ވަރުގަދަ މުޖާހިދުންގެ ހިތްވަރުންނެވެ. އެ ޒުވާނުންނަށް އެ މީހުން "ދިރިތިއްބާ ވަޅުލާފައިވާ ކައްވަޅުތަކުން" ތެދުވެވުނީ ޣައްޒާގެ ރައްޔިތުންގެ އީމާންތެރިކަން ފެނިފައެވެ. އެ ޒުވާނުންގެ ލޯތަކާއި ސިކުނޑިތައް ހުޅުވިއްޖެއެވެ. އެމެރިކާގައި ޔަހޫދީ ލޮބީ ގުރޫޕްތަކުގެ އެންމެ ނުފޫޒު ގަދަ އެއް ސިޓީ ކަމުގައިވާ ނިއުޔޯކުގެ މޭޔަރުކަމުގެ ރޭހުން މުސްލިމެއް ކަމުގައިވާ ޒަހްރާން މަމްދާނީ ކުރި ހޯދީ ޔަހޫދީ ޒަޔަނިސްޓުންގެ ހުރިހާ ބާރެއް ބިމާ ހަމަކޮށް، ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދައިގެންނެވެ. 34 އަހަރުގެ މަމްދާނީގެ މި ކާމިޔާބަކީ ޒަމާނުއްސުރެ އެމެރިކާއިން ގެންގުޅުނު އިޒުރޭލު ގިރިޓީ ކުރުމުގެ ސިޔާސަތު ބޮލާލައި ޖަހައި، އެމެރިކާގެ ޒުވާން ޖީލުގެ ތާއިދާއެކު ހޯދާފައިވާ ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ. މިއީ އެމެރިކާގެ ސިޔާސީ މަޝްރަޙު ބަދަލުވާން ފެށުމެވެ.

އެމެރިކާގައި އިޒުރޭލަށް ފާޑުކިޔުން ނިމުމަކަށް އައިސްފިއެވެ. މަނާކޮށްގެން ގެންގުޅުނު ފަލަސްތީނުގެ ދިދަ އެ ޤައުމުގައި ގެންގުޅުން އާންމު ވެއްޖެއެވެ. ފާޅުގައި އިޒުރޭލުގެ އުދުވާނުތަކާއި އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރަން ފަށައިފިއެވެ. އިޒުރޭލުގެ އަނިޔާވެރި ވެރިންނާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ. މަމްދާނީ ނިއުޔޯކުގެ މޭޔަރުކަމަށް އެމެރިކާގެ ރައްޔިތުން މި ހޮވީ ޒަޔަނިސްޓް އިޒުރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ނިއުޔޯކަށް އަރައިފިނަމަ ހައްޔަރުކުރާނެ ކަމަށް ހޮވާލާފައި ވަނިކޮށެވެ. އަދި ތިމަންނަކީ މުސްލިމެއް ކަމަށް ފާޅުގައި ގޮވަމުން ދަނިކޮށެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި ސަރުކާރުގެ ފިއްތުންތަކާއި އިންޒާރުތައް ދެމުން ދަނިކޮށެވެ. މި ކޮންމެ ކަމަކުން މި ފެންނަނީ އެމެރިކާ ބަދަލުވަމުންދާ ގޮތެވެ. ޒުވާން ޖީލުގެ ވިސްނުމާއި ފިކުރަށް އަންނަމުންދާ ބަދަލުތަކެވެ. މިއީ ސެޕްޓެންބަރު 11 ގެ ހާދިސާއަށްފަހު މުސްލިމުންނާމެދު ހުޅަނގާއި އެމެރިކާއިން އުފައްދާފައިވާ އިސްލާމިކް ފޯބިއާގެ ބިރުވެރިކަން ނިމުމަކަށް އަންނަމުން ދާކަމުގެ ވެސް ހެއްކެކެވެ.

ޒަހުރާން މަމްދާނީ ފަދަ މުސްލިމަކު މިފަދަ ބޮޑު ކާމިޔާބެއް ހޯދުމަކީ އެމެރިކާއާއި ހުޅަނގުގެ ހަރުކަށި މީހުންނަށާއި ޔަހޫދީންނަށް ހަޖަމުވާނެ ކަމެއް ނޫނެވެ. އެހެންކަމުން މިއީ އެމެރިކާގައި ކަޅުނަސްލުގެ ދިފާޢުގައި އަޑުއުފުލެއްވި މާޓިން ލޫތާ ކިންގު ފަދަ ބޭފުޅުން އަވަހާރަކޮށްލި ފަދައިން އެ ނުރައްކާ މިއަދު އެމެރިކާގައި އެންމެ ބޮޑަށް އޮތް ޝަޚްޞިއްޔަތެވެ.

ޒަހުރާން މަމްދާނީގެ މި ކާމިޔާބީން ދައްކައިދެނީ އެމެރިކާގެ ރައްޔިތުން މިހާރު އެ މީހުންގެ ދީނާއި ނަސަބަށްވުރެ، އެމީހުންގެ ޤާބިލިއްޔަތާއި ވިސްނުންތެރިކަމަށް އިސްކަންދޭން ފަށާފައިވާ މަންޒަރެވެ. މި އިންތިޚާބުގެ ސަބަބުން އެމެރިކާގެ ސިޔާސީ މަންޒަރުގައި އާ ކުލައެއް ޖައްސައިފިކަމެވެ. ތަފާތު ދީންތަކާއި ނަސްލުތަކަށް ނިސްބަތްވާ މީހުންނަށް ވެސް އެމެރިކާގެ ސިޔާސީ ދާއިރާގައި ބޮޑެތި އިސް މަޤާމުތަކަށް އާދެވޭނެކަމެވެ. ޒަހުރާން މަމްދާނީގެ މި ކާމިޔާބީގެ ސަބަބުން އެތައް ބަޔަކަށް އުންމީދާއި ހިތްވަރު ލިބިގެންދާނެވެ. ހަމަ އެހެންމެ، މިއީ މުސްލިމު ޒުވާނުންނަށް އެމެރިކާގައި ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ވެސް ދެކެވިދާނެއެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *