ކުއްޑޫސް މިއާ އަކީ ބަންގްލްދޭޝް ރައްޔިތެކެވެ. ރާއްޖެ އައީ އުމުރުން އެންމެ 20 އަހަރުގައި، 2018 ވަނަ އަހަރު އެވެ. މާލޭގެ ކެފޭއެއްގެ ވޭޓަރެއްގެ ވަޒީފާ އަށެވެ. މުސާރަ އަކީ މަހަކު 200 ޑޮލަރެވެ. ފުރަތަމަ ދެއަހަރު ކުއްޑޫސް ހޭދަކުރީ ރާއްޖެއިން ވަޒީފާ ހޯދައިދިނުމުގައި މެދުވެރިވި ބަންގްލަދޭޝް އެޖެންޓަށް ދޭންޖެހޭ ހަތަރު ހާސް ޑޮލަރު ދެއްކުމަށެވެ. އެ ދެ އަހަރުގެ މުސާރަ އެއްކޮށް ކަހަލަ ގޮތަކަށް ދިނީ އެޖެންޓު ފީގެ ގޮތުގައެވެ. އޭނާގެ އާއިލާ އަށް ފޮނުވުނީ މަހަކު އެންމެ ފަންސާސް ވަރަކަށް ޑޮލަރެވެ. އެޖެންޓުފީ ދައްކައި ނިމުނު އިރު ކުއްޑޫސް މިއާވެސް މާލޭގެ ފެނަށް ރަނގަޅަށް ދިރިއްޖެއެވެ. ދިވެހީން ދަސްވެއްޖެ އެވެ. އެންމެ ފުރަތަމަ ކުއްޑޫސް ކުރި ކަމަކީ އޭނާ ވަޒިފާ އަދާކުރާ ކެފޭއަށް ދޯކާ ދީފައި ފިލުމެވެ. އޭގެ ފަހުން، އަމިއްލައަށް، ދުވަހު ރޭޓުން މަސައްކަތް ކޮށްގެން "ފްރީ ވިސާގައި" ދުވާލަކު ފައްސަތޭކަ ރުފިޔާ ހޯދަން ފެށިއެވެ. އެގޮތުން މަހަކު ފަނަރަ ހާސް ރުފިޔާ، ނުވަތަ އެއް ހާސް ޑޮލަރުގެ އާމްދަނީ އެއް ހޯދަން ފެށިއެވެ. ކޮންސްޓްރަކްޝަން މަސައްކަތުން ފެށިގެން ގޮސް ގޭގޭގައި ކައްކައިދިނުމާއި، ހުސް ބިންތަކުން ވިނަ ނޮޅައި ސާފުކޮށްދިނުމާއި ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތަށް ދާންދެން އޭނާ ކުރި އެވެ. މިގޮތަށް އެއް އަހަރު ހޭދަކޮށް، ލާރިކޮޅެއް ރައްކާ ކޮށްގެން ކުއްދޫސް އޭނާގެ "މިޝަން-މޯލްޑިވްސް" ތިންވަނަ ގިއަރަށް ލިއެވެ.
އެގޮތުން، ބަންގްލްދޭޝްގައި ތިބި އޭނާގެ ރައްޓެހިންނާއި، ތިމާގެ މީހުން އަތުން ކުދިކުދި ލޯނު ނެގިއެވެ. އަދި މައިކްރޯ ބޭންކިންގެ އުސޫލުން ބަންގްލަދޭޝްގައި ލޯނުދޭ، ރަޖިސްޓްރީ ނުކުރާ ނުރަސްމީ "ބޭންކް" ތަކުން ކުދި ލޯނު ނެގިއެވެ. އެގޮތުން ރާއްޖޭގެ ދެލައްކަ ވަރަކަށް ރުފިޔާ ހަމަކުރުމަށް ފަހު މާލޭގެ އޯކިޑު މަގުގެ ގެއެއްގެ ސިޑި ދަށުން 150 އަކަ ފޫޓުގެ ކުޑަ ތަންކޮޅެއް، މަހަކު ދިހަ ހާސް ރުފިޔާގެ، ނިސްބަތުން ބޮޑު ކުއްޔަކަށް، ދިވެއްސެއްގެ ނަމުގައި، ނެގިއެވެ. ކުއްޑޫސް އާއި އޭނާގެ އެކުވެރި ބަންގްލަދޭޝް ދެމީހުންނާ ގުޅިގެން އެތިން މީހުންވެގެން ލޯނު ނަގައިގެން، މީހަކަށް ދެލައްކަ ރުފިޔާގެ މަގުން، ޖުމްލަ ހަ ލައްކަ ރުފިޔާ ހަމަކޮށް، ސިޑިދަށުން ކުއްޔަށް ނެގި ތަނުގައި "ބޮކުލް-މިއާ-ކެފޭ"ގެ ނަމުގައި ގާޑިއަލެއް ހުޅުވިއެވެ. ދިވެއްސެއްގެ ނަމުގައެވެ. ނަމަވެސް އެއީ ކުއްޑޫސް އާއި އޭނާގެ ދެ ރަހްމަތްތެރީންގެ އަމިއްލަ ތަނެކެވެ. އެތަނުން ކޮފީ އާއި ލުއި ކާނާ ލިބެން ހުރެއެވެ. ކައްކަނީ ރިސޯޓުތަކުން އުކާލާ ތެޔޮ، ހެޔޮ އަގުގައި ބްލެކް މާކެޓުން ގަނެގެންނެވެ. ދިވެހީން އެކައިގެން ކެންސަރު ޖެހިގެން މަރުވިއަސް ކުއްޑޫސް އަށް ކޮން ކަމެއް ހެއްޔެވެ؟ އޭޏާ މުއްސަނދިވާނީ ދިވެހީން ޤަރުބާން ކޮށްފައެވެ.
ދުވަސްކޮޅަކުން ކުއްޑޫސްމެންގެ ވިޔަފާރި ފުޅާވެ، ބަންގްލަދޭޝް މީހުނަށް ހެޔޮ އަގުގައި ކާންދޭ ކެފޭއެއް ހުޅުވިއެވެ. އޭގެ ފަހުން، ކަންމަތީ މާޓަކާއި، ބަންގްލަދޭޝް މީހުން ނިދާ "ގެސްޓު ހައުސް" އެއް ހުޅުވިއެވެ. އެއަށް ފަހު، ޑޮލަރު މާރުކުރާ ތަނެއް ރަޖިސްޓްރީ ކޮށްގެން އެ ވިޔަފާރި ވެސް ފެށިއެވެ. މިހުރިހާ ކަމެއް ކުރަނީ ދިވެހީންގެ ނަމުގައެވެ. ނަމަވެސް މިއީ މުޅިން ވެސް ކުއްޑޫސްމެންގެ އަމިއްލަ ވިފާރިއެވެ. އަދި 2025 ވަނަ އަހަރު އައި އިރު ކުއްޑޫސް އާއި އަނެއް ދެ ރަހްމަތްތެރީން ހިންގާ ގާޑިޔަލަކާއި، ބަނގްލަދޭޝް ކެފޭ އަކާއި، ބަންގްލަދޭޝް ގެސްޓް ހައުސް އަކާއި، މަނީ އެކްސްޗޭންޖަކާއި، މިނީ މާޓެއް އެބަހުއްޓެވެ. މިހާރު ތައްޔާރުވަމުން ދަނީ ބަންގްލަދޭޝް އާއި އިންޑިއާއިން ތަރުކާރީ އާއި މޭވާ ގެނެސްގެން ރާއްޖޭގެ ހޮޓާ، ފިހާރަ، ރެސްޓޯރެންޓު، އަދި ރިސޯޓު ތަކަށް ސަޕްލައި ކުރުމަށެވެ.
މާލޭގެ މަގުމަތީގައި، ބާ ސޯޓުބުރިއަކާއި ކޮނޑުކެނޑިއެއް ލައިގެން ވެއިޓަރުކަން ކުރަން ފެށި ކުއްޑޫސް އަކީ މިހާރު ރުފިޔާ މިލިއަނަރެކެވެ. އަދި ދިހަ އަހަރު ފަހުން އޭނާގެ އުމުރުން 37 އަހަރު ފުރޭނެއެވެ. ރާއްޖެ އައިތާ 17 އަހަރު ފުރޭނެއެވެ. ކުއްޑޫސްގެ ލަނޑުދަނޑިއަކީ އަންނަ އަހަރު ދިވެއްސަކާ ކައިވެނިކޮށް ރެސިޑެންޓް ވިސާ ހޯދައި، އޭނާގެ ހުރިހާ ވިޔަފާރިއެއް ދިވެހި އަނބިހާގެ ނަމަށް ބަދަލުކޮށް، ފުރިހަމަ ދިވެއްސެއްގެ ގޮތުގައި ފިޔަ ނިއުޅުޅުވާލުމެވެ. އޭނާގެ އަނެއް ދެ ރަހްމަތްތެރީންނާ އެކު، ތިން މީހުން އިންނާނެ ތިން ދިވެހީން ވެސް މިހާރު ހޯދައިފި އެވެ. ލަނޑުދަނޑިއަކީ 2035 ވަނަ އަހަރު އަންނަ އިރު ރާއްޖޭގައި އެމީހުންގެ އަމިއްލަ ރިސޯޓެއް ހުޅުވޭ ވަރަށް ވިޔަފާރި ފުޅާކުރުމެވެ. މަހަކު ދުއިސައްތަ ޑޮލަރުގެ މުސާރައަކަށް މާލެ އައި ވެރިޓަރު ކަލޭގެ، 17 އަހަރު ދުވަސްތެރޭ ޑޮލަރު މިލިއަނަރަކަށް ވުމެވެ. މީގެ އަޑީގައި ވަނީ ހަމައެކަނި ގާޑިޔަލަކުން ކޮފީ ވިއްކުމާއި، ކެފޭ އާއި ބަންގްލަދޭޝް ގެސްޓުހައުސް އެއް ނޫނެވެ. ކުއްޑޫސްމެންގެ މަނީ ޗޭންޖިންގެ ވިޔަފާރީގެ ނިވަލުގައި މަނީ ލޯންޑަރިން އާއި ޑްރަގުގެ ވިޔަފާރި ވެސް ހެސްކިޔައިފައި ކުރެއެވެ. އޭނާގެ ބޭރުފުށުގެ ސިފަ ބަލައިފައި އަދިވެސް އެހާ ބޮޑު މަހުޖަނެއް ކަމެއް ނޭނގޭނެއެވެ. ދިވެހީންނާ ދިމާއަށް "ސާރ" ނުވަތަ "ބޮސް" ކިޔައިފައި ކުޑަވެގެން ހުރެފައި، ދިވެހީން ފަހަތަށް އެނބުރުމުން ކުއްޑޫސް އާއި އޭނާގެ ދެ ރަހްމަތްތެރީން ބިނދިބިނދިފައި ހެއެވެ. ދިވެހީންގެ މޮޔަކަމާ ހެދިއެވެ.
އެންމެ ފަހުގެ ފޯނު ހިފައިގެން ސޯޝަލް މީޑިއާގައި ފޮނު އަރުވަން ކެފޭ ތަކުގައި ދިވެހީން ދުފަދުފާފައި ހަޅޭއްލަވާއިރު ކުއްޑޫސް މިއާ ކަހަލަ "ބަންގާޅީން" ދުވާލަކު 16 ގަޑިއިރު ހެސް ކިޔާފައި މަސައްކަތް ކުރަނީ އެވެ. ހުރިހާ މަސައްކަތެއް ކުރަނީ ރައްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ ހިލާފެވެ. ކުއްޑޫސްމެން ހިންގާ ކަންމަތީ ފިހާރައިން ނުލިބޭނެ އެއްޗެއް ނުހުންނާނެއެވެ. އެންމެ ކުކުޅު ބިހެކޭ ބުންޏަސް ގޭގެ ދޮރާ ހަމައަށް ޑެލިވަރ ކޮށްދޭނެއެވެ. ކުއްޑޫސްމެން ކަހަލަ އެތައް ހާސް ބަންގްލްދޭޝް މީހުން އެކި ފެންވަރުގައި ރާއްޖޭގެ ޤާނޫނާ ހިލާފަށް މިކުރާ ވިޔަފާރިތަކުން ހޯދާ ފައިސާއިން މަހަކު އެތައް މިލިއަން ޑޮލަރެއް އެމީހުންގެ ޤައުމަށް ފޮނުވައެވެ. ރައްޖޭގެ ޑޮލަރުގެ ބްލެކް މާކެޓަށް ލުޔެއް ނުލިބެނީ މި ސަބަބާ ހުރެއެވެ. ޑޮލަރަކަށް 21 ރުފިޔާގެ ރޭޓުންވެސް އެމީހުން ތިބެނީ ޑޮލަރު ގަންނަން ތައްޔާރަށެވެ.
ކުއްޑޫސް މިއާގެ ފަހަތުގައި، އޭނައަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ރާއްޖޭގެ މަޖުލިސް މެމްބަރުންނާއި ފުލުހުން ފަދަ އެކި މުއައްސަސާތަކުގެ ވެރީން އެބަތިއްބެވެ. އެ އެންމެނަށް ކުއްޑޫސްމެން މަހަކު ފަސް ހާހުން ފެށިގެން ގޮސް 30،000ރ. އާ ހަމައަށް ވެސް ލާރި ދެއެވެ. މިއީ ދިވެހީންނާ ގުޅިގެން، ބަންގްލަދޭޝް މީހުން ހިންގާ ބޮޑު ނެޓްވާކް ތަކެވެ. ޤާނޫނަކަށް ޤަވާއިދަކަށް ބެލުމެއްނެތެވެ. ހަރާމަކަށް ހަލާލަކަށް ބެލުމެއް ނެތެވެ. ޤައުމަށް ލިބޭހާ ޑޮލަރެއް ކަހާލަނީ ރާއްޖޭން ބޭރަށެވެ.
ބަންގްލަދޭޝް މީހުންގެ މި ނުރައްކާތެރި ވިޔަފާރީގެ ގޭމް ދަސްކޮށްގެން އިންޑިއާ މީހުންވެސް މި ގޭމަށް މިހާރު ވަދެއްޖެއެވެ. އަދި ނޭޕާލް، ޕާކިސްތާން މީހުންވެސް ދަނީ މި ގޭމް ދަސްކުރަމުންނެވެ. ސްރީލަންކާގެ އިގްތިސޯދީ ދަތިތަކުގެ ސަބަބުން ލަންކާގެ ވަރަށް ގިނަ ބަޔަކު ރާއްޖޭގެ ވަޒީފާ ތަކަށް އައިސް ލަންކާ މީހުންވެސް މި ގޭމް ދަސްކޮށް، ރާއްޖޭގައި "ވަގު" ވިޔަފާރި ފަށައިފިއެވެ. ބިދޭސީން ހިންގާ މިވަގު ވިޔަފާރިތައް ބޮޑެތި މާފިއާ ނެޓްވާކް ތަކަށް ބަދަލުވެ، އެކިއެކި ވަގު ވިޔަފާރިތަކަށް މަގު ހުޅުވި، ބޭރު ފައިސާ ބޭރަށް ގޮސް، ދިވެހީން ބިކަވެ، ޤައުމުގެ އިގްތިސޯދު ފުނޑި، ހުރިހާ މާލީ ބާރެއް ބިދޭސީންގެ އަތްމައްޗަށް ދާއިރުވެސް ދިވެހީން ތިބީ ނިދައިފައެވެ.
ބަންގްލަދޭޝްގެ ކުއްޑޫސް މިއާ، އިންޑިއާގެ ޕައްޕޫ ޓިންކޫ، ނޭޕާލްގެ ކުސޫމް ބަހާދުރު، ލަންކާގެ އައްޕުހަމީ ގުނަޕާލާ ފަދަ ބިދޭސީ އެތައް ބަޔަކު ދިވެހި ރާއްޖޭގެ ކުޑަ އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކޮންޓްރޯލް ނަގައިފިއެވެ. ފަހާ ތަންތަން، ގަރާޖްތައް، ކެފޭތައް، ކަންމަތީ ފިހާރަތައް، އިމާރާތް ކުރުމުގެ މަސައްކަތް ފަދަ އެތައް އިންޑަސްޓްރީއެއްގެ ބޮޑުބައި މިހާރު ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ޤާނޫނީ އިމުން ބޭރުންނެވެ. މިކަން ނޭނގޭ މީހެއް ނެތެވެ. ޤާނޫނުގެ އެބުނާ ދިގު އަތް އޮތީ، ދެއަތް އެކުގައި ރޯނު ފޯއްޔެއްހެން އޮޅި ވާވެފައެވެ. މިކަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުން ހުއްޓުވެނީ މީގެ އެންމެ ޕަސެންޓެކެވެ. އެތައް ސަތޭކަ ގިއަރު މައްޗަށް ޖައްސައިގެން ނޫން ގޮތަކަށް ކުއްޑޫސް މިއާ، ޕައްޕޫ ޓިންކޫ، ކުސޫމް ބަހާދުރު، އައްޕުހަމީ ގުނަޕާލާ ފަދަ ބިދޭސީންގެ އަތްމައްޗަށް ބީހިފައިވާ ދިވެހި އިގްތިސޯދީ ބާރު ކަނޑުވައެއް ނުލެވޭނެއެވެ.
މިކަން ކުރެވޭނީ 1970 ގެ އަހަރުތަކުގެ މެދެއްހާ ތާނގައި، ރައީސް އިބްރާހިމް ނާސިރު، އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ ވޯރާ ވިޔަފާރިވެރިންގެ ނުފޫޒުން ދިވެހި އިގްތިސޯދު މިނިވަން ކުރައްވައި، މާލޭގެ ވެރީންނަށާއި ބޭބޭފުޅުންނަށް ރިޝްވަތު ދީގެން، ދިވެހި ރާއްޖޭގެ ވިޔަފާރި އުނގަށް ލައިގެން ތިބި ވޯރާ ވިޔަފާރިވެރީން މި ޤައުމުން ބޭރު ކުރައްވައި، ދިވެހި ރާއްޖެއަށް އިގްތިސޯދީ މިނިވަންކަން ހޯއްދަވައި ދެއްވި ފަދަ ވަރުގަދަ، ގަޓު ހުރި، އަވަސް ނިންމުންތަކެއް ނިންމައިގެންނެވެ. ރާއްޖެ ޑިޖިޓަލް އިގްތިސޯދަކަށް ބަދަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި "މޯލްޑިވްސް 2.0″ އާ އެކު ކުރަންޖެހޭ މުހިއްމު އަނެއް ކަމަކީ "ވޯރާ ވިޔަފާރިވެރިން ބޭރުކުރުމުގެ 2.0 ފެށުމެވެ.
ކުރިއަށް އޮތް ދެތިން އަހަރު ތެރޭ މިކަން ވަރަށް ވަރުގަދަ އަށް، ދެފުށް ފެންނަ ގޮތަށް ކޮންޓްރޯލް ކުރެވޭނީ ރައީސް ނާސިރު ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ބޭރުކުރައްވަން އެޅުއްވި ފަދަ ވަރުގަދަ، ޖެހިލުން ކުޑަ، އަވަސް ފިޔަވަޅުތަކެއް އެޅިގެންނެވެ. ދިވެހި ރާއްޖެއަށް އިގްތިސޯދީ މިނިވަންކަން ހޯއްދަވައިދެއްވަން މިހާރުގެ ސަރުކާރުން އެވަރުގެ ލީޑަޝިޕެއް މިކަމުގައި ދައްކަވަން ޖެހެއެވެ. އެހެން ނުވެއްޖެ ނަމަ ދިވެހި ރާއްޖޭގެ ކުރިމަގު ވަރަށް، ވަރަށް ބަނައެވެ!

One Response
ރާއްޖޭގެ އިންސާނީ ވަސިލަތް ކޮބާ؟