Support Us

ސަމާލު! މިއީ ލޯބީގައި އަންހެނުން ހޭލުންތެރިވާންޖެހޭ ކަންތައްތައް

ތިރީގައި މި ވަނީ ލޯބީގެ ގުޅުންތަކުގައި އަންހެނުން ހޭލުންތެރިވާންޖެހޭ 11 ކަންތަކެވެ. ސަމާލުވާާށެވެ.

1. އޭނާގެ ފަހަތުން ނުދުވާށެވެ. ދުރުގައި ހުރެގެން އޭނާގެ ގައިގައި ހުރި ރަނގަޅު ސިފަތައް ފާހަގަކުރާށެވެ. ނަމަވެސް އޭނާގެ ފަހަތުން ދުވެ ގުޅުމެއް ގާއިމުކުރުމުގެ މަގުސަދުގައި އާދޭސް ނޫޅޭށެވެ. އެ ފިޔަވަޅު ނަގަން ޖެހޭނީ ފިރިހެން މީހާއެވެ. އެނޫން ގޮތަކަށް ގުޅުމެއް ކާމިޔާބެއް ނުވާނެއެވެ.

2. ގުޅުމެއް ދެމެހެއްޓުމުގެ ނިޔަތުގައި ތިމާގެ އަސްލު އޮޅުވައިލާން ނަހަދާށެވެ. ދޮގާއި އޮޅުވާލުމުގެ މައްޗަށް ބިނާކުރެވޭ ގުޅުމަކީ ދެމިގެންދާނޭ ގުޅުމެއް ނޫނެވެ. ކޮންމެވެސް އެއްދުވަހަކުން އެ ބިނގާހެލެން ފަށާނެއެވެ. ހަގީގަތް ހާމަވާ ހިނދު އިތުބާރު ގެއްލޭނެއެވެ.

3. އޭނާ ޝައުގުވެރިކަން ހާމަކުރުމުން އެ ދަޅައަށް ނުހެއްލި އޭނާ ބޭނުން ވަނީ ކޮންކަމެއްތޯ އޮޅުންފިލުވާށެވެ. މިއީ ފިރިހެނުން އަންހެނުންގެ ފަރާތުން ވަގުތީ ސަމާލުކަން ބޭނުން ވެގެން އުޅޭ ޒަމާނެވެ. އޭނާ ބޭނުންވަނީ މަސައްކަތުން ހަޔާތެއް ބިނާކުރަން ނޫން ކަމަށް ވާނަމަ ކޮންމެވެސް އެއް ދުވަހަކުން އޭނާގެ ހިޔާލު ބަދަލުވާނޭ ކަމަށް މަޑު ނުކުރާށެވެ.

4. ހަޔާތެއް ފަށަން ބޭނުންވާނަމަ ކުރިޔާލައި މުހިންމު ސުވާލުތައް ކުރަން ޖެހިލުން ނުވާށެވެ. އޭނާ އާމްދަނީ ހޯދާގޮތާއި، ސިއްހީ ހޭލުންތެރިކަމާއި، އާއިލީ ކަންކަން އަދި އެންމެ މުހިންމު ކަމަކަށް އަގީދާގެ މަތީގައި ދެމިހުންނަ މިންވަރު އޮޅުންފިލުވާށެވެ.

5. ރައްޓެހިވެގެން އުޅޭ އިރުގައި އޭނާއާ އެހެން މީހުންނާ ދެމެދު ޖެހޭ މައްސަލަތަކުގައި، ހާއްސަކޮށް އޭނާގެ އާއިލާއާ ދެމެދު ޖެހޭ މައްސަލަތަކުގެ ތެރެއަށް ނުވަންނާށެވެ. އޭނާ ދައްކާ ވާހަކަ އަޑުއަހާށެވެ. ލަފަޔަކަށް އެހިޔަސް ލަފާދިނުމަށް ދުރުހެލިވާށެވެ. ފަހުން އޭގެން ނުކުމެދާނޭ މައްސަލަތައް ހުންނާނެއެވެ.

6. އޭނާގެ ރައްޓެހިންނަކީ އޭނާގެ ރައްޓެހިންނެވެ. އެއީ ތިމާގެ ރައްޓެހިންނެއް ނޫނެވެ. އެކަން ހަނދާން ބަހައްޓާށެވެ. އެމީހުންނާ މާ ގާތްވާން މަސައްކަތް ނުކުރާށެވެ. ހަމަ އެ މޭރުމުން ތިމާގެ ރައްޓެހިންނާ އޭނާއާ މާބޮޑަށް ގުޅުވަން ނަހަދާށެވެ. އެއީ ދެމީހުންގެ ރަނގަޅަކަށެވެ.

7. ދުވަހަކުވެސް އޭނާއާ އެހެން ފިރިހެނުންނާ އަޅައި ނުކިޔާށެވެ. އެފަދަ ކަންކަން ކުރުމުން އޭނާއަށް ތިމާގެ ވަފާތެރިކަމާ މެދު ސުވާލު އުފެދޭނެއެވެ.

8. ކައިވެންޏަށް ފަހުގައި އަނބިމީހާ ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހެނީ ފިރިމީހާ ކަމުގައި ވިޔަސް ހުރިހާ ކަމަކަށް އޭނާއަށް ބަރޯސާނުވާށެވެ. އަމިއްލައަށް ކަންކަން ކުރެވޭ ވަރަށް އަބަދުވެސް އަތުގައި އެއްޗެއް ބަހައްޓާށެވެ. ދެމީހުންގެ ދިރިއުޅުން އާރާސްތުކުރުމަށް ވީ ވަރަކުން ތިމާ ވެސް ހަރަދު ކުރާށެވެ.

9. ކައިވެންޏަކަށް ފަހުގައިވެސް ތިމާގެ ނަފުސަށް ފަރުވާތެރިވެ، ނަފުސު ރީއްޗަށް ބެހެއްޓުމަށް ފަރުވާތެރިވާށެވެ. އެއީ ކޮންމެހެން އޭނާއަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ ތިމާގެ ނަފުސުގެ ޒިންމާ އަބަދުވެސް ނަގާނީ ތިމާކަން ހަނދާން ނަތުނަ ނުދޭން ނަގާ ފިޔަވަޅެކެވެ. ރީތިވާށެވެ. ރީއްޗަށް ހެދުން އަޅައިށެވެ. ރީތިވެލައިގެން އަބަދުވެސް ހުންނަން އާދަކުރާށެވެ.

10. އޭނާގެ ގޯސްވާހަކަ، އޭނާގެ ގައިގައި ހުންނަ ކަމު ނުދާ ސިފަތައް، އެހެން މީހުންގެ ކުރިމަތީގައި ނުދައްކާށެވެ. ހާއްސަކޮށް ތިމާގެ ރަހުމަތްތެރިންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓޭ ވާހަކަތައް ނުދައްކާށެވެ. ފަހުން ހިތާމަކުރަން ޖެހޭނެއެވެ.

11. އޭނާގެ ފަރާތުން އަނިޔާވެރިކަން ނުވަތަ ގަސްތުގައި އޭނާ އިހާނާތްތެރިކޮށް ހިތާނަމަ އެ ގުޅުމާ ދުރަށް ދާށެވެ. އަނިޔާވެރި ގުޅުމެއްގައި އޭނާ ރަނގަޅުވާނޭ ކަމަށް ބުނެގެން މަޑުކުރަން ނަހަދާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *