...

Support Us

ކޮލަމް: ކެޔޮނިރު

ހަލާލް ޓޫރިޒަމްގެ ސިނާއަތު 2021ގައި ތައާރަފްކުރުން

ރާއްޖޭގައި އިސްލާމީ ކޮންސެޕްޓަށް "ހަލާލް" ރިސޯޓެއް ހަދަން ށ. ގާކޮށިބީގައި އޭ.ޑީ.ކޭ ކުންފުނިން 2007 ވަނަ އަހަރު މަސައްކަތް ފެށިއެވެ. ތުރުކީގެ ކުންފުންޏެއް ކަމުގައިވާ ކެޕްރިސް ގޯލްޑާ ގުޅިގެން އެ މަސައްކަތް ފެށިކަމުގައި ވިއަސް ރަށް ނުހެދި ދިގުލައިގެން ގޮސް 10 އަހަރު ވީއިރު އެރަށުގެ "އިސްލާމިކް" ޓެގް ބަދަލުކޮށް، އާއްމު ރިސޯރޓެއްގެ ގޮތުގައި އެރަށް ފަހުން ވަނީ ހުޅުވައިފައެވެ. ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރު ވެފައިވާއިރު، "ހަލާލް" ނުވަތަ "މުސްލިމް ފްރެންޑްލީ" ރިސޯރޓެއް މިހާތަނަށް ރާއްޖޭގައި ހަދާފައި ނުވިއަސް މިއީ ދުނިޔޭގައި ވަރަށް ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ވައްތަރެއްގެ ފަތުރުވެރިކަމެކެވެ.

ވިޔަފާރިވެރީންނަށާއި ވިޔަފާރިތަކަށް އިލްމީ އަދި ދިރާސީ މައުލޫމާތު ފޯރުކޮށްދޭ ޖަމާއަތެއް ކަމުގައިވާ ތޮމްސަން ރޮއިޓާސް އިން 2017 ވަނަ އަހަރު އާއްމުކުރި ރިޕޯޓެއްގައި،ވާގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ގާތްގަނޑަކަށް 12 ޕަސެންޓް ހިއްސާކުރަނީ މުސްލިމް ފަތުރުވެރީންނެވެ. އަދި މި މުސްލިމް ފަތުރުވެރީން ވަނީ މިދިޔަ އަހަރު ފަތުރުވެރިކަމުގައި ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއަދަދުތަކުން މުސްލިމް ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން ދޭހަވެގެން ދެއެވެ.

ހަލާލް ޓޫރިޒަމްގެ ހިދުމަތްދޭ ރިސޯރޓެއް ނުވަތަ ހޮޓަލެއް ނަމަ އެތަނުގައި ވިއްކަންޖެހޭނީ މުޅިންވެސް "ހަލާލް" ލޭބަލް ހުރި ކާނާއެވެ. އަދި ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކޭނެއެވެ. އަދި ހަމަ އެފަދައިން ކައިވެނި ނުކުރާ މީހުނަށް އެއްކޮޓަރި ނުވިއްކޭނެއެވެ. ތޮމްސަން ރޮއިޓާސްގެ ރިޕޯރޓްގައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މުސްލިމް ފްރެންޑްލީ ނުވަތަ ހަލާލް ޓުރިޒަމްގައި މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ. ޔޫ.އޭ.އީގެ ފަހަތުން ދެވަނާގައި މެލޭޝިއާ، ތިންވަނާގައި ތުރުކީ، ހަތަރު ވަނާގައި ސިންގަޕޫރު އަދި ފަސް ވަނާގައި އޮތީ ޖޯރޑަން އެވެ. ހަލާލް ޓޫރިޒަމްގައި ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އޭ.ޑީ.ކޭ އިން މީގެ 12 އަހަރު ކުރީން ކުރަން އުޅުނު މަސައްކަތް ކާމިޔާބް ނުވިއަސް މިހާރު ދުނިޔޭގައި އިސްލާމިކް ޓޫރިޒްމް ފުޅާވެ، އަހަރަކު 200 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ބަދަލު ވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިސްލާމިކް ނުވަތަ ހަލާލް ޓޫރިސްޓް ރިސޯރޓް ތައާރަފް ކުރުމަށް ދިވެހި ސަރުކާރުން މީގެ އަހަރުތަކެއް ކުރީން ނިންމިއެވެ. ހިތާމައަކީ މިނިންމުމަށް އެއްވެސް ވަރެއްގެ އަމަލީ ސިފައެއް ނައިސް އަހަރުތައް ފާއިތުވަމުން ދިއުމެވެ.

ހަލާލް ޓޫރިޒަމްއާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް 2020 ވަނަ އަހަރު ނިންމުމަށާއި، މިބާވަތުގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން 2020 ވަނަ އަހަރު އިންވެސްޓަރުންނަށް ހާއްސަ ހަރަކާތް ތަކެއް ހިންގުމަށާއި، ހަލާލް ޓޫރިސްޓް ރިސޯރޓް ހަދަން 2020 ގައި ރަށްތައް ދޫކުރަން ހުޅުވާލުމަށް ސަރުކާރުން މިދިޔަ އަހަރު ނިންމިއެވެ. ނަމަވެސް މިއަހަރު ކުރީކޮޅު ކޮވިޑް19 ބައްޔާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް އައި ލޮޅުމާއި އެކު ސަރުކާރުގެ މިޕްލޭނަށް އެއްވެސް ވަރެއްގެ އަމަލީ ސިފައެއް ނައިސް އަހަރުގެ ފަހުކޮޅަށް މިވަނީ އަޅާފައެވެ.

ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހަލާލް ޓުރިޒަމް ތައާރަފްވާތަން ދެކެން ބޭނުންވާ އިންވެސްޓަރުންގެ އުއްމީދަކީ ދިވެހި ސަރުކާރުން މިވާހަކަތައް އަލުން ދައްކައި ހަލާލް ޓޫރިޒަމްއާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް 2021 ވަނަ އަހަރު ހަދައި ނިންމުމެވެ. އަދި މިބާވަތުގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތައް ގުޅިގެން 2021 ވަނަ އަހަރު އިންވެސްޓަރުންނަށް ހާއްސަ ހަރަކާތް ތަކެއް ހިންގާތަން ފެނުމަކީ ވެސް އުއްމީދެކެވެ. ހަމައެއާއެކު ހަލާލް ޓޫރިސްޓް ރިސޯރޓް ހަދަން 2021 ގައި ރަށްތައް ދޫކުރަން ފަށާތަން ފެނުމަކީ ވެސް އުއްމީދެކެވެ. ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ކުރަން ކަނޑައަޅާފައިވާ ކަންކަން ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވެސް ހަލާލް ޓޫރިޒަމް ތައާރަފް ކޮށް ތަރައްޤީ ކުރުމުގެ ބައިވަނީ ހިމެނިފައެވެ. އެހެން ކަމުން މިދާއިރާ އަށް ޝައުގުވެރިވާ އިންވެސްޓަރުންނާއި ފަތުރުވެރީން ތިބބޭނީ ހަލާލް ދިވެހި ރިސޯރޓެއް ފެންނާނެ ދުވަހެއްގެ އިންތިޒާރުގަކަން ޔަޤީނެވެ.

އެގޮތުން ހަލާލް ޓުރިޒަމްގެ ސިނާއަތާ ގުޅޭ ގަވާއިދުތަކާއި ގާނޫނުތައް އަވަސް ގޮތެއްގައި ހަދައި ނިންމުމަށް އެޓާނީ ޖެނެރަލް އޮފީހާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއާ ހަވާލުވެފައި ވިއަސް މިކަމުގައި އެއްވެސް ކުރިއެރުމެއް އައިކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނެތެވެ. އަދި ހަލާލް ޓޫރިޒަމްއަށް ރާއްޖޭގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯދުމަށް ހަރަކާތްތަކެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެފައި ވިއަސް އެދެމިނިސްޓްރީއިން މިހާތަނަށް މިފަދަ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހަލާލް ރިސޯރޓް ހިންގުމުގެ ޤަވާއިދު ހަދައި އެކަމަށް ރާއްޖެއިން ތައްޔާރު ވުމުން، ޝައުގުވެރިވާ އިންވެސްޓަރުންނަށް ރަށްތައް ދޫކުރާނީ ޓުރިޒަމް މިނިސްޓްރީގެ ފަރާތުންނެވެ. ނަމަވެސް ކޮވިޑް19 އުޒުރަކަށް ދައްކާފައި ސަރުކާރުން މިވަނީ ހަލާލު ޓޫރިޒަމް ތައާރަފް ކުރުމުގެ މަސައްކަތް ވަޅުޖައްސާލާފައެވެ.  މުސްލިމް ފަތުރުވެރީން، ހަލާލް ޓޫރިޒަމް ސިނާއަތުގައި 2018 ވަނަ އަހަރު ގާތްގަނޑަކަށް 200 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވާއިރު މިފަދަ ބޮޑު ސިނާއަތެއްގެ ފައިދާ ނުނަގައި ރާއްޖެފަދަ ޤައުމަކުން އޮތުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެކެވެ. ހަލާލް ޓޫރިޒަމް ސިނާއަތުގައި ސައުދި އެރެބިއާ، ޔޫ.އޭ.އީ، ތުރުކީ، ސިންގަޕޫރު ފަދަ ޤައުމުތަކުން އިންވެސްޓަރުން އައިސް ރާއްޖޭގައި އިންވެސްޓް ކުރުމަކީ މިދާއިރާގެ ތަރައްޤީއަށް ހުޅުވިގެންދާނެ ވަރަށް މުހިއްމު ދޮރަކަށް ވާނެކަން ޔަޤީނެވެ.

ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރު ކުރަން ކަނޑައަޅާ ކަންކަން ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައިވާ ގޮތުން ހަލާލް ޓޫރިޒަމް ތައާރަފު ކުރުމުގެ ގޮތުން ޝަރިއާ ހުއްދަ ކުރާ ފައިނޭންސިންގ ސްކީމް ތަކެއް ބޭންކްތަކާ ގުޅިގެން 2021 ގައި ތައާރަފު ކުރާނެ އެވެ. އޭގެ މާނައަކީ ހަލާލް ޓުރިޒަމްގެ ސިނާއަތުގައި އިންވެސްޓް ކޮށް، ރިސޯރޓް ބިނާކުރާ ފަރާތްތަކަށް އިސްލާމިކް ފައިނޭންސިންގެ އުސޫލުން ލޯނު ދޫކުރާނެ ސްކީމްތަކެއް ސަރުކާރާ ބޭންކްތަކާ ގުޅިގެން 2021 ގައި ތައާރަފް ކުރާނެއެވެ. ނަމަވެސް ހަލާލް ޓޫރިޒަމްގެ ޤަވާއިދެއްސް ކުޑަމިނުން އަދި ހެދިފައިނުވާއިރު ބޭންކްތަކާ ގުޅިގެން އިސްލާމިކް ފައިނޭންސިންގެ އުސޫލުން ލޯނު ދޫކުރާނެ ސްކީމްތަކެއް ހެދުން އޮތީ އަދި މާދުރުގައެވެ.

ހަލާލް ޓޫރިޒަމް ތައާރަފް ކުރާ ވާހަކަ ދައްކާއިރު ވިސްނާލަން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް، ހަލާލް ޓުރިޒަމް އާއި އެކު ތަފާތު އެކި ވައްތަރުގެ ޓޫރިޒަމް ތައާރަފްކޮށް، މިދާއިރާ އާރޯ ކުރަން ޖެހިފައިވާ ކަމެކެވެ. މިސާލަކަށް، ރެއަކަށް ދެހާސް ޑޮލަރަށް ވިއްކާ ކޮޓަރި ހުންނަ ރިސޯރޓްގައި ލިބޭ ހަމައެކަނި ހިދުމަތަކީ މޫދާއި، ބީޗާއި، ސްޕާ އާއި، ވޯޓަރ ސްޕޯރޓްސް ކަމުގައި ވާނަމަ އެހެން ޤައުމުތަކުން ނިކަން އަވަހަށް ދިވެހި ވައްތަރުގެ ޓޫރިޒަމް ދަސްކޮށް، ކޮޕީކޮށްފާނެއެވެ. ރާއްޖޭގައި އާރިސޯރޓެއް ހުޅުވުމުން އެޙަބަރު ނޫހުގައި ޖަހާއިރު އާރިސޯރޓްގެ ތައާރަފްގައި އަބަދުކަހަލަ ގޮތަކަށް އޮންނާނީ އެއްވާހަކަ އެކެވެ. އެރިސޯރޓުން ދުނިޔޭގެ އެކި ޤައުމުތަކުގެ ކެއުން ލިބޭ ތަފާތު ރެސްޓޯރެންޓް ހުންނާނެ ވާހަކަ އާއި، ވޯޓަރ ސްޕޯރޓްސް އާއި ސްޕާ ހުންނާނެ ވާހަކައެވެ. އަދި، މޫދު ކޮޓަރި ހުންނާނެ ވާހަކައެވެ. އެނިމުނީ އެވެ. ދިވެހިރާއްޖޭގެ ޓުރިޒަމަށް 48 އަހަރު ފުރި، ބައި ޤަރުނު ފުރެން ކައިރިވެފައި ވާއިރު ރިސޯރޓް ތަކުގެ ކޮންސެޕްޓް ބަދަލު ވަނީ ވަރަށް މަޑު ދުވެލީގައެވެ. މިއަށްވުރެ ހަލުއިކަމާއި އެކު ދިވެހި ޓޫރިޒަމް ރީބްރޭންޑް ކުރަން އެބަޖެހެއެވެ. ދިވެހި ޓޫރިޒަމްގެ މައިގަނޑު ޕްރޮޑަކްޓަކީ ސާފު މޫދާއި ބީޗް އަދި މޫދު ކޮޓަރިއާއި ވޯޓަރ ސްޕޯރޓްސްކަން ޔަޤީނެވެ. މި ޕްރޮޑަކްޓް ހިމެނޭގޮތަށް އާކަންކަން ތައާރަފް ކޮށް، ރީބްރޭންޑް ނުކުރާނަމަ ދުވަސް ކޮޅަކުން އެހެން ޑެސްޓިނޭޝަން ތަކުން މިގޮތް ކޮޕީކޮށް، ދިވެހި ޓޫރިޒަމްގެ ތަފާތުކަން ގެއްލިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ.

ހަލާލް ޓޫރިޒަމް އަކީ ވެސް މިފަދަ ތަފާތު، އާ ކޮންސެޕްޓެކެވެ. ދުނިޔޭގައި އަހަރަކު 200 ބިލއަން ޑޮލަރުގެ ބިޔަ ސިނާއަތެކެވެ. ރަލާއި އޫރުމަސް ފަދަ ތަކެތި ނުވިއްކާ ގޮތަށް ހިންގާ ހަލާލް ޓޫރިޒަމްގެ ވިޔަފާރި އަކީ މެލޭޝިޔާ ފަދަ ޤައުމުތަކުން ގަދަޔަށް މާރކެޓް ކުރަމުންދާ ނިޝް މާރކެޓެކެވެ. ހަލާލް ޓޫރިޒަމްއަކީ ދިވެހި ޓުރިޒަމް އިންޑަސްޓްރީއަށް ކޮންމެހެން ތައާރަފް ކުރަން ޖެހޭ އާ ކޮންސެޕްޓެކެވެ.

ރާއްޖޭގެ ޓުރިޒަމް އިންޑަސްޓްރީއަށް ތައާރަފް ކުރަން ޖެހޭ މިފަދަ ތަފާތު އެހެން ކޮންސެޕްޓްތަކުގެ ތެރޭގައި: ބޭސިކް ހިދުމަތާއެކު ބެކް ޕެކާރސްއަށް ހާއްސަކޮށް، އަގުހެޔޮ ޓޫރިޒަމްއަށް ހާއްސަ، ރިސޯރޓް ހެދުމާއި، ޑިއުޓީ ފްރީ ޝޮޕިންގ އަށް ހާއްސަކޮށް، ޗައިނާ ފަދަ ޝޮޕިންގ މާރކެޓްތަކަށް ޙާއްސަކޮށްގެން، ޝޮޕިންގ މޯލްއާއެކު އިންޓެގްރޭޓެޑް ޓޫރިޒަމް ތައާރަފް ކުރުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. އެނބޫދޫ ފަޅުގައި ހުޅުވާފައިވާ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ މިފަދަ ތަނެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ރައީސް ސޯލިހު މިދިޔަ އަހަރު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތައް ކަމަށާއި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އާލާކުރެވޭނެ ކިތަންމެ ބާވަތެއްގެ ފަތުރުވެރިކަން ހުންނާނެ ކަމަށެވެ. ނަމަވެސް ރައީސްގެ ވާހަކަ ތަކަށް އަހަރު ފުރިގެން ދިޔައިރު އެބަސްތައް ވެފައިވަނީ ހަމައެކަނި ބަސްތަކަކަށެވެ. އަމަލީ މަސައްކަތެ މިވެރިކަމަށް ދެއަހަރު ފުރޭއިރު މިފެންނަނީ އަލީ ވަހީދު ކަހަލަ ޕްލޭބޯއި ޓޫރިޒަމް މިނިސްޓަރެއް ލައިގެން ޑްރާމާތަކާއި ޕަބްލިސިޓީ ސްޓަންޓް ޖެއްސިތަނެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް މައުނަވީ އެއްވެސް ކަމެއް ކުރެވުނު ތަނެއް ނުފެނެއެވެ.

އާވައްތަރުގެ ޓުރިސްޓް ވިޔަފާރިތަކަށް ބަލާއިރު: މިސާލަކަށް، ބޭރުގެ ބޮޑެތި ފުޓްބޯޅަ ކްލަބްތަކުން ވިންޓަރ ބްރޭކްގައި ހޫނު މާހައުލެއްގައި ޓްރެއިނިން ކޭމްޕް ހަދަން ޤަތަރު ފަދަ ޤައުމުތަކަށް ވަރަށް ގިނައިން ދެއެވެ. މިފަދަ ފުޓުބޯޅަ ކޭމްޕް ހެދޭނެގޮތަށް ފަރުމާ ކުރެވޭ ހާއްސަ ރިސޯރޓެއް ރާއްޖޭގެ ބޮޑު ފަޅުރަށެއްގައި ތަރައްޤީކޮށް "ފުޓުބޯޅަ ކޭމްޕް ރިސޯރޓެއް" ތަރައްޤީ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމް ނުވަތަ ކްރިކެޓް ސްޓޭޑިއަމް އަޅައިގެން ބޭރުގެ ބޮޑެތި މުބާރާތްތައް ބޭއްވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އަދި މެޑިކަލް ޓޫރިޒަމް ވަރަށް ތަފާތު އާގޮތަކަށް ގެނައުމަށްޓަކައި ބޭރުގެ ފައިސާވެރިން މުސްކުޅިވެ، ރިޓައާރ ކުރަންވުމުން އައިސްތިބޭ "އޯލްޑް އޭޖް ލަގްޒަރީ ހޯމް" ކޮންސެޕްޓަށް، ހޮސްޕިޓަލް ހިމެނޭގޮތަށް، ވަކި ރިސޯރޓެއް ހެދުމަކީ މެޑިކަލް ޓޫރިޒަމްގެ އާ ކޮންސެޕްޓަކަށް ވެދާނެއެވެ.

ހަމަ އެފަދައިން ބިޔަ ބޮޑުރަށެއް، ކިޔަވާ ކުދިން ނިދާނެ ޑޯރމެޓްރީއާއެކު، ޔުނިވަރސިޓީއާއި، ޕޮލިޓެކްނިކް ފަދަ ތަންތަން ހިމެނޭގޮތަށް ބޮޑު "އެޑިއުކޭޝަނަލް ރިސޯރޓެއް" ވެސް ހެދިދާނެއެވެ. މިއީ އެޑިއުކޭޝަނަލް ޓޫރިޒަމްގެ އާވައްތަރަކަށް ވެދާނެއެވެ. ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި ވިދާޅުވުމަކީ ހަމައެކަނި ސުރުޙީ އަޅުއްވާލެއްވުމަށް ވިދާޅުވި އެއްޗަކަށް ނުހައްދަވާ ތަފާތު ޔުނީކް ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފް ކުރުމަކީ އެމަނިކުފާނުގެ ދައުރުގެ ބާކީއޮތް ދެތިން އަހަރުގެ ލަނޑުދަނޑިއަކަށް ހައްދަވާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރަން ޖެހެނީ ދުނިޔޭގައި އަހަރަކު 200 ބިލިއަން ޑޮލަރުގެ ބިޔަ ސިނާއަތާ ގުޅުން ހުރި ހަލާލް ޓޫރިޒަމް އިންޑަސްޓްރީ އެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.