Support Us

ނޮވެންބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް، ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ ދެއްވައިފި

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި އެރުވި މި އައްޑަނަތަކަކީ 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެ ދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނައެކެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ނޮވެންބަރު 3 ގެ ޝަހީދުން:

  • ޝަހީދު ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު
    ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތު މަނިކު
    ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު
    ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް
    ޝަހީދު ސާޖަންޓް އާދަމް ނަޞީރު
    ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު
    ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން
    ޝަހީދު ކޯޕްރަލް ޙުސައިން އާދަމް
    ޝަހީދު އިސްމާޢީލް ޙަލީމް
    ޝަހީދު އިބްރާހީމް ޙަމީޒު
    ޝަހީދު ޢުމަރު އަހްމަދު
    ޝަހީދު އަޙްމަދު ލަބީބު
    ޝަހީދު އިބްރާހީމް ޙުސައިން
    ޝަހީދު ޢަބްދުއްޞައްތާރު އާދަމް
    ޝަހީދު ޢަބްދުއްރަޙްމާން އާދަމް
    ޝަހީދު އަޙްމަދު ރަޝީދު
    ޝަހީދު ޙަސަން ޒަރީރު
    ޝަހީދު ޖަވާދު ޢުމަރު
    ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު)

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާ ފެށިގެންއައި ވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރާއި، ދުޝްމަނުން ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވި ގދ. ތިނަދޫ، އަރިނަގާގޭ ޝަހީދު ކޯޕްރަލް ޢަބްދުﷲ އަށް ޚާއްޞަކުރެވިފައިވާ ވީޑިއޯ ކްލިޕެއްގެ އިތުރުން އެކިއެކި ޑިއުޓީތަކުގައި އުޅުއްވަނިކޮށް ޝަހީދުވި ސިފައިންގެ ބޭކަލުންނަށް ޚާއްޞަކުރެވިފައިވާ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލައިގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކާއި އަދި އެ ދުވަހު ދެއްކި އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް، މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ސަރުކާރުން ވަނީ އިނާޔަތް ދޭން ފަށައިފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *