Support Us

އުމުރު ހަމަނުވާ ކުދިންނަށް ދުންފަތް ނުވިއްކާން ހަނދާންކޮށްދީފި

އުމުރު ޔަޤީންކޮށް، ޤާނޫނާ ތަޢާރުޒުނުވާކަން ކަށަވަރުކުރުމަށްފަހުގައި މެނުވީ ދުންފަތުގެ ބާވަތްތައް ނުވިއްކުމަކީ ތަކެތި ވިއްކާ ފަރާތަށް ގާނޫނީ ގޮތުން ލާޒިމުވާ ކަމެއްކަން ހެލްތު މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މެއި މަހު ތަސްދީގު ކުރެއްވި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން 2007 ވަނަ އަހަރު ޖަނަވަރީން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް މަނާވާނެ އެވެ. މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެ އިން މި ޒަމާނުގައި އެޅި އެންމެ ބޮޑު ފިޔަވަޅެވެ. ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ހެދި "ޖެނެރޭޝަނަލް ބޭން" ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.

"ޖެނެރޭޝަނަލް ބޭން"ގެ އުޞޫލަކީ، ކަނޑައެޅޭ ވަކި ތާރީޙަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމެވެ. އެ ޤާނޫނަށް ގެނައި އިޞްލާހުގައި ބަޔާންކުރާ ގޮތުން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ފަރާތްތައް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ ވެސް މަނާކަމެކެވެ. އަދި އުމުރު ޔަޤީންކޮށް، ޤާނޫނާ ތަޢާރުޒުނުވާކަން ކަށަވަރުކުރުމަށްފަހުގައި މެނުވީ ނުވިއްކުމަކީ، އެ ތަކެތި ވިއްކާ ފަރާތަށް ލާޒިމު ކަމެކެވެ.

"ވީމާ، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ފަރާތްތަކުންނާއި ޤާނޫނު ތަންފީޒު ކުރުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތްތަކާއި، އަދި އެންމެހާ ރައްޔިތުން ޤާނޫނަށް މިގެނެވުނު އިސްލާހު ތަންފީޒުކުރުމާ ގުޅޭ ކަންކަމަށް އަހުލުވެރިވެ، ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން މިކަން ހަނދާންކޮށްދެމެވެ." ހެލްތުގެ އިއުލާންގައިވެއެވެ.

"މި ސިޔާސަތު ކާމިޔާބު ކުރުމަށް މުޖްތަމަޢުގެ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވެއެވެ. އަދި ވަކިން ޙާއްޞަކޮށް ދުންފަތުގެ ވިޔަފާރި ކުރައްވާ ހުރިހާ ފަރާތްތަކުން މި ދެންނެވުނު ކަންކަމަށް ސަމާލުކަން ދިނުމަށް ހަނދާންކޮށްދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *