Support Us

ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

ކ. ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވައި، ފުރިހަމަކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާލެ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކާށިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫގެ ތަރައްޤީއާ ގުޅުންހުރި އުންމީދީ ޚަބަރުތަކެއް ދެއްވައިފައެވެ. ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުއި ފަސޭހަ ގޮތެއްގައި ޞިއްޙީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހެލްތު ސެންޓަރުގެ އައު ޢިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫޢެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ، ބަނދަރުގެ މަޝްރޫޢު ކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކާށިދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރުމަށް ލުއިތަކާއެކު ދެ ވަނަ ފަހަރަށް ހުޅުވާލެއްވި ފުރުޞަތުގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްޤީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް އާރް.ޓީ.އެލްގެ ޚިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށާއި، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ހިންގުމުގެ މަޝްރޫޢުގައި މިއަދު ސޮއިކުރައްވާފައިވާއިރު، މިއީ ރަށުގެ ރައްޔިތުންނާއި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *