ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމަށާއި، ޅ. ނައިފަރުގެ ތަރައްޤީ ޙަޤީޤަތަކަށް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްގެ އިތުރުން، އެމަނިކުފާނަށް އޮތް ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމުގައި ވީހިނދު، ރައްޔިތުންނަށްޓަކައި އެކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ދަތުރުފުޅުގައި ޅ.ނައިފަރުގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، ޢަމަލީ މަސައްކަތްތައް ފެއްޓެވުން ހިމެނިފައިވާއިރު، މިއީ ހުރިހާ ގޮތަކުން ހަމަޖެހިފައިވާ ކަންކަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މަޝްރޫޢުތައް ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާ، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރަށުގެ ތަރައްޤީއަށް ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ނައިފަރު ވާނޭ ކަމަށާއި، ހަމަ ޔަޤީނުންވެސް އުތުރުގައި އޮންނަ އެންމެ ބޮޑު ބަނދަރަށް ވާނެކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ނައިފަރަކީ ފަޚްރުވެރި ރަށެއް ކަމުގައި ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރބަން ސެންޓަރެއްގެ ހައިސިއްޔަތުން ރަށުގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޅ.ނައިފަރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ކެމްޕަހެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރޭގެ ޖަލްސާގައި ސޮއިކުރައްވާފައިވާއިރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ކެމްޕަހަކާއި ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، 10 ކުލާސްރޫމާއި އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ތެރޭ ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ މިއާއެކު ނައިފަރުގެ އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ ކަންކަންވެސް ހަމަޖެހިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި، 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. ހަމަ މިއާއެކު އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ޞިއްޙީ ޚިދުމަތްތައްވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ބޯހިޔާވަހިކަމަކީ އަދުގެ ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަމުގައި ވީހިނދު، މި ދައުރުގެ ތެރޭގައި ނައިފަރުގައި 800 ހައުސިން ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށާއި، އޭގެ ތެރެއިން ގިނަ ޔުނިޓްތަކެއް ނިންމަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ނައިފަރަކީ ރަށުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށް ކުރަން ހުރި ބައެއް މަސައްކަތްތަކަކީ ބިން ހިއްކުމުގެ މަޝްރޫޢު ނިމޭ ހިސާބުން ކުރިއަށްގެންދެވެން ހުރި މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރައްވާފައެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 45 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވުމަކީ، ތަރައްޤީގެ އައު ޞަފުޙާއެއް އެއްލިގެން ދިއުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޢުދު ވެވަޑައިގަތީ، އެ ވަޢުދުތައް ފުއްދަވައިދެއްވުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



advertisment