Support Us

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީ.އެމް.އެލް އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ލ. ކަލައިދޫގައި ސެލްފް ސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ލ. އަތޮޅުގައި މިއަދު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 19 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުނީ ކަމަށެވެ.

"ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން،" ޝަރީފު ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.