އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަންނަ އަހަރުގެ ޖަނަވަރީން ފެށިގެން އިތުރުކުރައްވައި، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް ވެސް ތަޢާރަފުކުރައްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، އެކަނިވެރި މައިންނަށް ދޭ އެލަވަންސް ކޮންމެ ދަރިއަކަށް 3،000ރ.ގެ މަގުން އިތުރުކުރެއްވުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުން 211 މިލިޔަން ރުފިޔާ އެކަށައަޅުއްވާފައިވާކަން އެމަނިކުފާނު ރޭ ވަނީ އިޢުލާންކުރައްވާފައެވެ. އަދި ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސްގެ ގޮތުގައި، ތެލަސީމިއާ ބަލީގެ ކޮންމެ ޕޭޝަންޓަކަށް 1،000ރ.ގެ މަގުން، ޖުމުލަ 11.7 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކުރުރެއްވުމަށް މަގުފަހިކުރެއްވުމަށްޓަކައި، މީގެ ކުރިން ސަރުކާރުން ހަވާސާކޮށްފައިވާ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމުގެ ގޮތުން، ތެލަސީމިއާ ޕޭޝަންޓުންނަށް ޚާއްޞަ އެލަވަންސެއް ތަޢާރަފުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އަދި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000ރ. އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000ރ.ގެ މަގުން އިތުރުކުރެއްވުމަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.



advertisment