Support Us

ޕޯޓް ސެކިއުރިޓީ ޓްރެއިނިން ނިމި ސެޓްފިކެޓް ދީފި

އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލް ގުޅިގެން ހިންގި ޕޯޓް ސެކިއުރިޓީ ޓްރެއިނިން ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

އެމް.އެން.ޑީ.އެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް އިން ގިރިފުށީގައި އެއް މަސް ދުވަހަށް ހިންގި "ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ" ޓްރެއިނިންގައި ޖުމްލަ 30 މީހަކު ބައިވެރިވިއެވެ. އެއީ އެމް.ޕީ.އެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި، ސަރަހައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި މުވައްޒަފުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ރިޝްވާނެވެ.

މިއީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމް.އެން.ޑީ.އެފްއާ ގުޅިގެން ހިންގާ ކޯހެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލްއިން ގުޅިގެން ބާއްވަން ފެށި ކޯހެކެވެ.

"މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމެވެ. އަދި މީގެއިތުުރުން، މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުުރުކުރުމެވެ. މި ކޯހުގައި، ކުއްލި ޙާލަތުގައި ޢަމަލުކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަޚްލާޤު ހިމެނޭ ޢަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް ޢަމަލުކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށްގެންދެވުނެވެ." އެމް.ޕީ.އެލްގެ ބަޔާނުގައިވެއެވެ.

މި ކޯހުގައި އައި.އެސް.ޕީ.އެސް ކޯޑާ އެއްގޮތަށް އޮޕަރޭޝަނަލް ތައްޔާރީ އިތުރުކުރުމާއި، ބަނދަރުގެ ރައްކާތެރިކަމާއި ކުއްލި ހާލަތުގައި ޢަމަލުކުރާނެ ގޮތާގުޅޭ ތަމްރީނުތައް ވަނީ ފޯރުކޮށްދީފައެވެ.

"ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެެ ސަލާމަތީ ފިޔަވަޅުތައް މިހާރަަށްވުރެ ހަރުދަނާކޮށް، އެކަން ބެލެހެއްޓުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް، ކަމާގުޅޭ މުޢައްސަސާތަކާ ގުޅިގެން މި ކުންފުނިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވައިފައެވެ."