ޓްރީ ޓޮޕް ހޮސްޕިޓަލުން މ. މުލީގައި ބޭއްވި ހެލްތު ކޭމްޕުން 362 މީހަކު ފަރުވާ ހޯދައިފިއެވެ.
ޓްރީ ޓޮޕުން ބުނިގޮތުގައި މި މަހުގެ 17 އިން 18 އަށް މުލީ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި މި ކޭމްޕުން އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށާއި ރިސޯޓުތަކުގެ މުވައްޒަފުންނަށް ވަނީ ފަރުވާ ދީފައެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ސްޕެޝަލިސްޓުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އީ.އެން.ޓީ، އޯތޮޕީޑިކްސް އެންޑް ޓްރޯމާ، ނެފްރޮލޮޖީ، ޔޫރޮލޮޖީ، ކާޑިއޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އަދި ނިއުރޯސަރޖަރީގެ ދާއިރާތަކުން ކޮންސަލްޓަންޓުން ހިމެނެއެވެ.
"މި ކޭމްޕުގެ ބޭނުމަކީ ރަށުގައި ތިބެގެން ޓީޓީ އެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ." ޓްރީ ޓޮޕުގެ ބަޔާނެއްގައިވެއެވެ.
"މިއީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ މެޑިކަލް ޓީމުން ކުރާ ދެމެހެއްޓެނިވި މަސައްކަތުގެ ހެއްކެކެވެ. މިފަހަރުގެ ކޭމްޕްގައި މ. އަތޮޅުގެ 362 ފަރާތަކަށް ޚިދުމަތް ފޯރުކޮށްދެވުނުކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ،" ޓްރީ ޓޮޕުގެ ސީ.އީ.އޯ އާދިލް މޫސާ ވިދާޅުވިއެވެ.
މި ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލުމުގައި މުލީ ރީޖަނަލް ހޮސްޕިޓަލާއި، މުލީ ކައުންސިލް، މުލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ އެހީތެރިކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މުލީ ކޭމްޕަކީ ޓްރީ ޓޮޕުން މި އަހަރު ބޭއްވި ހަތަރުވަނަ މެޑިކަލް ކޭމްޕެވެ. މީގެ ކުރިން މި އަހަރު ވަނީ ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ އަދި ހއ. ދިއްދޫގައި ކޭމްޕްތައް ބާއްވައިފައެވެ. އަދި މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވުނު ކޭމްޕްތަކުން 3,800 އަށްވުރެ ގިނަ ބަޔަކަށް ވަނީ ފަރުވާ ދީފައެވެ.



advertisment

