އަސާސީ ކަބޯތަކެތީގެ 23 ބާވަތެއް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނާ ގޮތުގައި ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި ލިބެން ހުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރުކުރެވިގެން ދިޔަ 23 ބާވަތް، މިއަދު ވަނީ ބާޒާރަށް ނެރެ ވިއްކަން ފަށައިފައެވެ.
މި ހުރިހާ ބާވަތެއް ވެސް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ވިއްކާ ކާބޯތަކެތި
މޭވާ
• ދޮންކެޔޮ
• އާފަލު
• އޮރެންޖު
• ލުނބޯ
• ޖުމްހޫރީމޭވާ
• އަނބު
• ފަޅޯ
• ކަރާ
• މިރުސް
• މޭބިސްކަދުރު

ތަރުކާރީ
• ފިޔާ
• އިނގުރު
• ކެރެޓު
• ބަށި
• ކައްޓަލަ
• އަލުވި
• ކެބެޖު
• ބަރަބޯ
• ބޯވެލި
• ލޮނުމެދު
އެހެނިހެން 3 ބާވަތުގެ ކާބޯތަކެތި
• ރީނދޫ މުގު
• ކުކުޅު ބިސް
• ކާށި
އެސްޓީއޯއިން ބުނީ މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅައިފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އަދި އަންނަ ބަދަލުތަކާ އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށާއު އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިޤްތިޞާދީ ވުޒާރާގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
"ހަމަ މިއާ އެކު، ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު ދަނީ މަޝްވަރާ ކުރެވެމުންނެވެ." އެސްޓީއޯއިން ބުނެއެވެ.
"އެސްޓީއޯގެ އަމާޒަކީ ސިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދުވެސް ރައްޔިތުންނަށް ލިބެން ހުރުމެވެ."



advertisment

