Support Us

13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހިމެނޭ ދެ ކޮންޓެއިނަރު، އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓައިފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް އެމްޕީއެލްގެ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްގެ ބަޔާނެއްގައި މިއަދު ބުނީ އެ ދެ ކޮންޓެއިނަރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެ ކުންފުނީގެ ބެލުމުގައި ދަށުގައި ބަހައްޓައިފައި ހުއްޓައި، އޭގައި ހުރި މުދާ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނުކަން އެނގުނީ މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެހެންވެ އެ ވަގުތުން ފެށިގެން، ކުންފުނީގެ އެތެރޭގެ ތަޙުޤީޤެއް ފަށައިފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

ފުލުހުން ރޭ ބުނީ، މި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓްތައް ވަގަށް ބޭރުކުރުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް "އަދިވެސް" އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލެވެ.

"މި ކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމް.ޕީ.އެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ. މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، މި ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ތަހުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ." އެމްޕީއެލްގެ ބަޔާނުގައި ވެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި އެ ޕޯޓަކީ ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށެވެ.

"މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާ ގުޅިގެން މި ކުންފުނިން ފަށައިފައިވާކަން ފާހަގަކުރަމެވެ. އެގޮތުން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށައިފައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލުކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުޢައްސަސާއެކު މި ދަނީ މަސައްކަތްކުރަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމެވެ. މީގެ އިތުުރުން، އެމް.ޕީ.އެލްގެ ސެކިއުރިޓީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކޯސްޓް ގާޑްގެ ޤާބިލު އަދި ތަޖުރިބާކާރު މެރިޓައިމް ކޮމާންޑަރުން ހިމެނޭ ޓީމެއް ކަނޑައަޅައި، މާލޭ ވިޔަފާރި ބަނދަރު އަދި ހުޅުމާލެ ޓަރމިނަލްގެ ސެކިއުރިޓީ އޮޑިޓެއް މިހާރު ވަނީ ފަށައިފައެވެ. އަދި، މާހައުލަށް އަންނަ ބަދަލުތަކާއި ހާލަތަށް ޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސަލާމަތީ ބާރުތަކާއެކު އިސްތިރާޖީ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާކަން ފާހަގަކުރަމެވެ."

މި މައްސަލައާ ގުޅޭގޮތުން މި ކުންފުނިން މަޢުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް އެމްޕީއެލްގެ ބަޔާނުގައި ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

"ދަންނަވަމެވެ. މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤުކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމުކުރަމުން މި ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް މިކަމާ ގުޅޭ މަޢުލޫމާތު މީޑިއާއާ ޚިއްސާކުރާނެ ވާހަކަ ދަންނަވަމެވެ. މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް މި ކުންފުނިން ފަސްނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. މި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މި ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ދެމެހެއްޓުމެވެ."

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މި ބުނީ ދިގައްޔާއި އާއްޓޭ އަކީ ވަރަށް ސްމާޓު މީހުން ކަމަށް ބެލެވޭ މީހުން! އެއީ ކުރިންވެސް އެކި އެކި ސްކެންޑަލްތަކުގައި އުޅެ ވަރަށް ތަޖްރިބާ ލިބިފައިވާ މީހުން ކަމަށް ބުނެ އުޅޭ މީހުންނެވެ. އަނެއްހެން އާއްޓޭގެވެސް އަދި ދިގަލީގަވެސް އިންނާނީ މީހުން ހީ ނުކުރާ ވަރުގެ ވަރުގަދަ ސިނކުޑި އެކެވެ. އެމީހުންނަށް ރެކި ގަންނާނެ ގޮތް ގޮތް އެނގޭނެއެވެ. އެނެއްކާ އެމީހުން ގެ ކަނެކްސަން ތަކަށް ބަލާފަ އާއި ކެންޕޭން ގައި ފައިސާ ޚަރަދު ކުރި ވަރަށް ބަލާފަ ވަރަށް ލުއި ގޮތަކަށް އެމީހުންގެ ކަންކަން ނިމިގެން ދާނެ ކަމަށް ބެލެވެއެވެ. މަޖްލިހުގެ ޑިޕުއުޓީ އިސްޕީކަރު ނާޒިމްގެ ވެސް އިންނާނީ އެކަހަލަ ވަރުގަދަ ސިނކުޑިއެއް ކަމަށް މީހުން ބުނެ އުޅެއެވެ. މި ބުނިއްޔޭ ކާކުހޭ ބަލާނީ އޮއްސާ ކާގޯ ގެ ބަރުދަން ނޫނީ ވިއްޔާ ވިއްކާ ދަނގަޑުގެ ދިގުމިން! ހަމަ ވިހި ފޫޓުގެ ދަނގަޑެކޭ ކިޔާފަ 19 ފޫޓު ގެ ދަނގަޑު ވިއްކިޔަސް މީހުންނަކަށް މާކަ ބޮޑަކަށް ފަހުމެއް ވާނެ ކަަމަކަށް އެމީހުން ނުދެކޭނެއެވެ. މަލްބަރޯ ސިނގިރޭޓު ބުއިން ދިވެހިން ހުއްޓާލީވެސް މި ކަހަލަ ބަޔަކު ގެނައި ފީ ސިނގިރޭޓުގެ ސަބަބުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *