ލޯބިވާ ބޭބެއަށް،
ބޭބެ ދެންމެ މަސައްކަތުން ބްރޭކެއް ނަގައިފައި މެންދުރު ކާން ގެއަށް އައިސް ކެއުމުގެ ކުރިން ކުއްލިއަކަށް އަހަރެންގެ ކަރުގައި ބާރަށް ހިފުމުން އަހަރެން ސިހުނު ވާހަކަ އާއި ބޭބެ އެ ވަގުތު ބުނި އެއްޗެއް އަހަރެންނަށް ދެންމެ ފަހުމްވިކަން އަންގައިލުމަށް މި ވައިބާ މެސެޖް ފޮނުވައިލީއެވެ.
މަސައްކަތައިގެން މި ވަގުތު މަސްއޫލުވާނެތީ މި ވަގުތު މި ދިގު މެސެޖް ނުކިޔަސް އޯކޭއެވެ. އެހާ އާޖެންޓެއް ނޫނެވެ.
ބުނެލަން ބޭނުންވަނީ އަހަރެންގެ ކަރުގައި ހިފައި ބޭބެ ރަނގަޅަށް އަހަރެންގެ ލޮލަށް ފުންކޮށް ބަލަމުން، ވަރަށް ސީރިއަސް މޫނެއް ދައްކައިގެން ހުރެ އަހަރެންނާ ވާހަކަ ދެއްކުމުން ބޭބެ ބުނި އެއްޗެއް އަހަރެންނަށް ގެޓު ވެއްޖެއެވެ.
އެއީ، އަހަރެން މަސައްކަތްކުރަނީ ފްރީލާންސްކޮށް ކަމަށް ވިޔަސް އަހަރެންނަށް ކްލަޔަންޓް އަގު އަދާކުރަން ޖެހޭއިރު އަހަރެންނަށް ލިބެންވާ އުޖޫރަ، ދެ ފަރާތުން ކަނޑައަޅާ ވަގުތުގައި، އަހަރެންނަށް އެ ދޭން، ކްލަޔަންޓަށް ބާރުއަޅަން އަހަރެން ޖެހިލުންވާތީ، އެ ކަމާ ބޭބެ ކަންބޮޑުވީއެވެ. ރުޅި އައީކީ ނޫންކަމެވެ.
ވާ ގޮތަކީ އަހަރެން އަދިވެސް މިއީ ވަރަށް ލަދުގަންނަ މީހެކެވެ. މިހެންވެ ބައެއް ކްލަޔަންޓުން ވަރަށް ނޫން ކަމަށް ހަދައިފައި އަހަރެންގެ ނާޖާއިޒު ފައިދާ ނަގައެވެ. ބޭބެ މިއަދު ތިޔަ ދިނީ، އެހެންކަމުން، ކޮންމެހެން ވެސް އަހަރެންނަށް މުހިންމު މެސެޖެއްކަން ވިސްނުނީ ދާދި ދެންމެ އަހަރެންގެ ރަހްމަތްތެރިއަކަށް ކުރިމަތިވި މި ފަދަ ހާލަތެއް ހަނދާންވެފައެވެ. އެއީ ބޭބެގެ ވެސް ރަހްމަތްތެރިއެއްމެއެވެ.
ނަމަވެސް ބޭބެއެވެ. ބޭބެއެއް ކަމަކު އަހަރެން ވެސް އަހަރެންގެ އުސޫލުތަކާއި ސަބަބުތަކުގައި ހިފަމެވެ. އެއީ އަހަރެންގެ އަމިއްލަ ވިސްނުމުން އަހަރެންނަށް ފެންނަ ސުލޫކީ މިންގަނޑުތަކެވެ. އަދި އެންމެ ފަހުން ދިމާވި ހާދިސާގައި ބޭބެ ވެސް އަހަރެންގެ މިންގަނޑަށް އިހްތިރާމް ކުރުމުން، އަހަރެންނަށް އުފާވެރިކަމާއި އާދަޔާ ހިލާފު ހިތްހަމަޖެހުމެއް ލިބުނެވެ.
އެ މައްސަލައިގައި ބޭބެއެއް ކަމަކު އަހަރެން ދުލެއް ނުދެމު ދޯއެވެ؟ މި ބުނީ އެންމެ ފަހުން އަހަރެންނަށް ލަނޑު ދިން، ކްލަޔަންޓްގެ ފަރާތުން އަހަރެންނާ ޑީލްކުރި މީހާގެ ވާހަކައެވެ.
އަހަރެމެންގެ މާމަ އައި.ސީ.ޔޫގައި އޮވެ ނިޔާވުމުގައި އެ މީހާގެ ޒިންމާއެއް ވާކަން މިއީ އަހަރެންނަށް ކަށަވަރު ކަމެކެވެ. ސަބަބަކީ މާމަގެ ފުރާނަ ސަލާމަތް ކުރަން، އެ މީހާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ނުކުރި ތާނގައި، އަހަރެން ވާހަކަ ދައްކަމުން ދަނިކޮށް، އޭނާއަށް ލަސްކޮށްލެވޭނެ ކަމެއް، ލަސް ކުރެވެން ނެތް ކަމަށް ބުނެ، އަހަރެންގެ ވާހަކަ އަޑު ވެސް ނާހައި، ފޯނު ކަނޑައިލައި، ފަހުން ގުޅުމުން ވެސް ފޯނު ނުނަގައި، އަދި ފޯނު ކަނޑައި ވެސް ލައި، އަދި އަހަރެން ފޯން ކުރުމުން ވެސް ޖަވާބު ނުދީ، އޭގެ އިތުރުން އެސް.އެމް.އެސްތަކަށާއި ވަޓްސްއެޕް މެސެޖްތަކަށް ވެސް ޖަވާބު ނުދިނުމެވެ. އަދި ޖަވާބު ނުދިން ތާނގައި އަހަރެންގެ މެސެޖްތައް ނުވެސް ބެލުމެވެ.
ކޮންމެއަކަސް ބޭބެގެ ފިލާވަޅު އަހަރެންނަށް ދަސްވެއްޖެއެވެ. އެއީ، އެ ޕްރޮޖެކްޓް ނުނިމުނަސް އެ ޕްރޮޖެކްޓުން މިހާތަނަށް އަހަރެންނަށް ހައްގު އުޖޫރަ ހޯދަން އަހަރެން ފަހު ފޯން ކޯލެއް އެ މީހާއަށްކޮށް، އަދި ފަހު މެސެޖެއް އެ މީހާއަށް ކުރުމަކީ އަހަރެންގެ ހައްގެއްކަން ބޭބެ އަހަރެންނަށް ވިސްނައިދިނުމެވެ.
އަހަރެން އެ ކަމަށް އެއްބަސްވީމެވެ. އަދި ނުރުހޭ ރާގަކަށް ނަމަވެސް އަހަރެން ބޭބެއާ ދިމާއަށް ބުނީ އެ މީހާއަށް ކޯލު ކުރާނީ އަދި މެސެޖް ކުރާނީ ހަމައެކަނި ބޭބެ ބުނީމާ އެހެންވެ ކަމަށެވެ. ބޭބެ ބާރު ނޭޅި ނަމަ، ދުވަހަކު ވެސް އެ މީހާއާ އަހަރެން ދެން އަނގައިން ވެސް ނުބުނާނެ ކަމަށް އަހަރެން ބޭބެ ގާތުގައި ބުނީމު ދޯއެވެ.
ކޮންމެއަކަސް، އަހަރެންނަކީ ޝައި ނުވަތަ ލަދުރަކި ކަމެއް ހުންނަ މީހަކަށް ވާތީ އަހަރެން އެ މީހާއަށް ދޭން ޖެހޭ ޖަވާބު ދޭން ވީ ގޮތް ކިޔައިދޭންވެގެން ބޭބެ އަހަރެން ލައްވައި އެ މީހާއަށް ގުޅުވީ އަހަރެންގެ ފޯން ސްޕީކަރަށް ލައިގެން ބޭބެ ވެސް އަޑުއަހާނެ ގޮތަށެވެ. ކަން ދިމާކުރި ގޮތުން ވަޓްސްއެޕުންނާއި އަދި ސީދާ ގުޅުމުން ވެސް އެ މީހާގެ ހަބަރެއް އެ ރޭ ނުވީ ދޯއެވެ؟ ދެން، އެންމެ ފަހު ކަމެއްގެ ގޮތުގައި އެ މީހާއަށް ވަޓްސްއެޕް މެސެޖެއް ފަރުމާކޮށްދީ އެ ވެސް ފޮނުވައިދިނީ ބޭބެއެވެ.
އަދި އަހަރެންގެ އެދުމުގެ މަތިން، އަހަރެން އެ މަޝްރޫއުގެ ނިންމި ހިސާބަށް ލިބުން ހައްގު އުޖޫރަ އަހަރެންނަށް ދޭން، އެ މީހާއަށް 24 ގަޑިއިރު ދިނުމާ ބޭބެ ދެކޮޅެއް ނުހަދަމުއެވެ. އެއީ ބޭބެ އެ މީހާއަށް ދޭން ބުނި ތިން ދުވަހުގެ މުހުލަތު ވެސް އަހަރެންގެ ބޮލުގެ ރިހުމަކަށް ވާނެތީ، އަހަރެންނަށް އެ މީހާ އަހަރެންގެ ބޮލަށް ލައިގެން ސިކުނޑިއަށް އުނދަގޫވާ ގޮތަށް އެންމެ ދުވަހެއް ފިޔަވައި އިތުރު ދުވަހެއް އަހަރެންގެ ބޮލުގައި އަޅަން އަހަރެން ބޭނުން ނޫން ކަމަށް ބޭބެގެ ގާތުގައި ބުނުމުންނެވެ.
ކޮންމެއަކަސް، އަހަރެމެންގެ މާމަ ނިޔާވުމުގައި ކޮންމެވެސް ވަރެއްގެ ޒިންމާއެއް ނަގަންޖެހޭ ކަމަށް އަހަރެންނަށް ގަބޫލު ކުރެވުނު އެ މީހާގެ ހަބަރެއް ފަހުން ނުވެއެވެ. އެ މީހާ އެ ރޭ އަހަރެމެން އެދުނު މިންވަރުގެ ކުޑަ ފައިސާކޮޅެއް ދިން ނަމަ މިއަދު މާމަ ދުނިޔޭގައި ހުރުން އެކަށީގެންވެއެވެ. އަދި، ބޭބެ ހުރެގެން އޭނާއަށް ގުޅައި ބޭބެ ފަރުމާކުރި މެސެޖަށް އެ މީހާ ޖަވާބު ދިންތޯ ބޭބެ އެހުމުން، އޭނާގެ ހަބަރެއް ނުވާ ކަމަށް ބުނުމުން، ބޭބެ ދެން އިތުރަށް އެ ވާހަކަ ނުދައްކަމުއެވެ. އަހަރެން ހިފާ ސަބަބުތައް ބޭބެއަށް ކަމުދިޔަކަމަށް ބަލައިފައި އަހަރެން އެ ކަމާ ވަރަށް އުފާކުރީމެވެ. ވަރަށް ހިތްހަމަޖެހުނެވެ.
ލަންޗް ގަޑީގައި އަހަރެންގެ ކަރުގައި ހިފައިފައި ބޭބެ ފުރަތަމައިން ވެސް ބޭނުންކުރީ ހުތުރު ބަހެކެވެ. ހަގީގަތުގައި އަހަރެންނަށް ސިހުމެއް ލިބުނެވެ. ނަމަވެސް އެއީ ހަމައެކަނި އެ ވަގުތުއެވެ. ފަހުން ވިސްނުނު ގޮތުގައި އެތައް ޒަމާނެއް ވަންދެން އަހަރެން ބޭބެ ބުނާ އެއްޗެއްސާމެދު ފުންކޮށް ނުވިސްނައިތީ އެންމެ ފަހުން ލިބުނު ލަނޑު އަނެއް ފަހަރު ތަކުރާރު ނުވާން ބޭބެ އެދޭކަން އަހަރެންނަށް ފަހުމްވީއެވެ.
ތެދެކެވެ. ބައެއް ފަހަރު ރީތި އަދި މާތް ބަހަށްވުރެ ހުތުރު ބަސްތައް ސިކުނޑީގައި މާ ގަދައަށް ހަރުލައެވެ. ވާ ގޮތެއް ނޭނގެއެވެ. އެނގޭނީ ބޭބެ ކަހަލަ ދުނިޔެއަށް ލޯ ހުޅުވިފައި މީހުންނަށެވެ. އަދި އެއީ ސްޓީވަން ޕިންކާ ފަދަ ސިކުނޑީގެ ސައިންޓިސްޓެއް ކަމަށް ނުވިޔަސް ބޭބެގެ ކުރު އުމުރުގައި ވެސް މުހިންމު ތަޖުރިބާތަކެއް ކުރެވިފައިވުމުން ކަމަށް އަހަރެން ގަބޫލު ކުރަމެވެ.
"އަހަރެން މި ދައްކާ ވާހަކަ އެބަ އަޑުއިވޭހޭ، މަގޭ އެންމެ ގާތް ރަހްމަތްތެރިޔާ"އޭ ބޭބެ ބުނީމުއެވެ. ދެން އަހަރެންގެ ކަރުން ދޫކޮށްލީމުއެވެ.
ބޭބެ ދެން ބުނަމުން ދިޔަ ވާހަކަތަކުން އަހަރެންގެ ސިކުނޑިއަށް އައީ އަހަރެންނާއެކު ރާޅާއަޅާ، ބޭބެގެ ވެސް ރަހްމަތްތެރިޔެއްގެ ތަޖުރިބާއެވެ.
އޭނާ އެއް ފަހަރަކު ބިޑަކަށް ޕްރޮޕޯސަލެއް ހުށަހެޅިއެވެ. ނަމަވެސް ދެން އިވުނީ އެ ބިޑް ކެންސަލް ކުރި ވާހަކައެވެ. ހިތްހަމަޖެހޭ ޕްރޮޕޯސަލެއް އެ ކުންފުންޏަށް ނުލިބުނު ކަމަށް ބުނެއެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އޭނާއަށް ފެނުނީ ރަށްރަށުން މާލޭގެ ހާބަރަށް ވަންނަ އިރު އެ އިސްތިހާރު ދިއްލައިލައިފައި، ދުރަށް ފެންނަ ގޮތަށް އެ ކުންފުނީގެ ޒަމާންވީ އުސް އިމާރާތުގައި ޖަހައިފައި ހުއްޓައެވެ.
"އެއްޗެއް ދައްކައިލުމަށް ބޭނުމޭ" ކިޔައިފައި އޭނާގެ ކައްޕަޅި ސައިކަލުގައި އަހަރެން ބޮޑު ތަކުރުފާނު މަގަށް ގެންދިޔައެވެ.
ކައްޕަޅިއޭ މި ބުނީ އޭނާ ކުރެހުންތެރިއަކަށްވެފައި ބައެއް ދިވެހިންނަކީ އާޓްގެ މުހިންމުކަން ނުދަންނަ ބަޔަކަށް ވާތީ އޭނާއަށް މާ ބޮޑު އާމްދަނީއެއް އެއިރު ނުލިބޭތީއެވެ. ހަމައެކަނި ހިތާނީ މޫސުމުގައި ހިތާނު ކުރެވޭ ކުޑަކުދިންގެ ހިތްހަމަޖައްސައިލަން އެ ކުދިންގެ ސިޓިން ރޫމްގެ ފާރުތަކުގައި ކާޓޫނު ކުރެހުން ފިޔަވާ ދެން އޭނާއަށް ލިބެނީ ފްރީލާންސް ޕްރޮޖެކްޓްތަކުން ލިބޭ މަދު އާމްދަނީއެކެވެ.
ހަގީގަތުގައި ބޯދިގުކޮށްފައި ހުއްޓައި ވެސް އޭނާއަށް ލިބުނު ސަރުކާރު ވަޒީފާ ދޫކޮށްލީ މަށާއެކު ވަކި ޕްރޮޖެކްޓްތަކަށް ވަގުތު ހުސްކޮށްލައި ގިނަ އާމްދަނީ ހޯދުމަށެވެ. ޔަގީނުން ކޮންމެ މަހަކު އާމްދަނީ ލިބޭ ސަރުކާރު ވަޒީފާއަކުން ކެނޑި، ކަށަވަރު ނުވާ ޕްރޮޖެކްޓްތައް ހޯދުމަށް އަހަރެންގެ ބަސް އޭނާ އެހީތީ ފަހުން އަހަރެންނަށް "ގިލްޓް" އިހްސާސް ކުރެވުނެވެ. މި ބުނީ އަހަރެންނަށް ކުށެއް ކުރެވުނު ކަމުގެ އިހްސާސްއެވެ.
އަހަރެންނާ ގުޅިގެން އޭނާ އެއް ފަހަރަކު ޕްރޮޖެކްޓެއް ނެގިއެވެ. ފަންނީ ދާއިރާއެއްގެ އިންސްޓްރަކްޝަން މެނުއަލްއެކެވެ. ކުރެހުމުގެ ބައި އޭނާއަށެވެ. ލިޔުމުގެ ބައި އަހަރެންނަށެވެ. އެ ތަނުން އަހަރެންނަށް ނުގުޅައިތީ އޭގެ ފަހުން އަހަރެން އަޅައިނުލަމެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އޭނާ އެއް ދުވަހަކު އަހަރެންނާ ގުޅައިފައި ބުނީ އޭނާގެ ބައި އޭނާއަށް ލިބުނު ކަމަށެވެ. އޭނާގެ އަޑުގައި ހުރީ ވަރަށް ބޮޑު އުފާވެރިކަމެކެވެ. އެ ކަމުން އަހަރެން ވެސް އުފާވިއެވެ.
ތޮށިގަނޑު މަތީގައި ހުރެ އެ އިމާރާތް ދައްކައިލިއިރު، އަސްތާ، އެއީ ހަމައެކަނި ދިވެހި ސަބްސިޑިއަރީ ކުންފުންޏެއް ނޫނެވެ. މުޅި ދުނިޔޭގައި ވަކިހިއްޕައިލައިފައިވާ، އަދުގެ ސަގާފީ ގޮތުން ވެސް، ވަރުގަދަ ކުންފުންޏެކެވެ. އޭނާ ކިއީ ކުޑަ އަގެކެވެ. ނަމަވެސް އެ ވަރު ވެސް ނުދީ، އޭނާގެ ހިޔާލު ކަޓުވައިލައި، އޭނާގެ ސިކުނޑިން ވައްކަން ކުރުމުން އެ ކުންފުންޏާމެދު އަހަރެންގެ ހިތުގައި އުފެދުނީ އަމަށަކު ރުޅިއެއް ނޫނެވެ. އަހަރެންގެ ހިތުގައި ވަރުގަދަ ނަފުރަތެއް އުފެދުނެވެ. އަދި ހުރިހާ ދިވެހިން އެ ކުންފުނިން ވިއްކާ އެތި ބޮއިކޮޓް ކުރުވައި ވަރުގެ ކެމްޕޭނެއް ޚުދު އަހަރެން ވެސް ހިންގަން ބޭނުންވިއެވެ.
"ހިނގާ ކޯޓަށް ދަމާ. އަހަރެންގެ އެހެން ރަހްމަތްތެރިއަކު ތިޔަ ކަހަލަ ކަމެއް ކޯޓުގައި ކާމިޔާބުކުރި،" އަހަރެންގެ ސިކުނޑިއަށް އައި ފުރަތަމަ ހިޔާލު އޭނާއަށް ބުނެލީމެވެ.
"އެއިރުން ވާނެ ގޮތަކީ އަހަރެންނަކީ އަބަދު މައްސަލަ ޖައްސައި މީހެއްގެ ގޮތަށް މަޝްހޫރު ވާނީ. ދެން އަހަރެންނަށް މަޝްރޫއު ދޭނެ އެކަކު ވެސް ނުވާނެ،" ލަނޑު ލިބުނު ރަހްމަތްތެރިޔާ ވަރަށް ހަމަޖެހިލައިފައި ހުރި ރާގަކަށް ބުންޏެވެ.
އޭނާ ހުރީ ހެވިދިލިފައެވެ. އެއީ ކީއްވެ ކަމެއް އަހަރެންނަކަށް އެއިރަކު ނުވިސްނުނެވެ. ނަމަވެސް އޭނާ އެ ބުނީ ހަގީގަތެއްކަން އެނގޭތީ އަހަރެން އެ ވާހަކައިގައި ހިފައި އިތުރަކަށް ނުދަމަމެވެ.
ދާދި ފަހުން އޭނާ އެއް ދުވަހަކު ފޯނުން ގުޅައިފައި އަހަރެންނާ ވާހަކަ ދެއްކިއިރު އޭނާ ހުރީ ރަށެއްގައެވެ. ބުނީ ގެސްޓްހައުސްތަކުގެ ފާރުތަކުގައި ކުރަހަން މިހާރު ލިބޭ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން އޭނާގެ ލޯބިވާ ދަރިންގެ ކަންތައްތައް ހަމަޖައްސަން މިހާރު ފަސޭހަ ކަމަށެވެ.
މިއީ ގުދަރަތުން މި ކައުނުގައި ކަންތައްތައް ހަމަޖައްސައި ގޮތް ބާވައޭ އެ ދުވަހު އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް އެހެން އޭނާއާ ދިމާއަށް ނުބުނަމެވެ. އޭނާއަށް ހަގީގަތުގައި އެ ލިބުނީ ދެ އުފަލުގެ ބަދަލުގައި ތިން އުފާ ވެސް މެއެވެ. އެއީ އޭނާގެ ދަރިން ދެކެ ވާ ލޯތްބާއި ކުރެހުމުގެ ފަންނު ދެކެ ވާ ލޯބީގެ އިތުރުން އޭނާ ދެން ކުރާ ހިތްވާ ކަންތައް ކަމަށްވާ ރާޅާ އެޅުމަށް އޭނާއަށް ކުރިން ނުދެވޭ ރަށްތަކަށް ދެވޭ ގޮތްވީއެވެ. އާނއެކެވެ. ފެނަކީ ދިޔާ އެއްޗަކަށް ވާތީ އެއްވެސް ދެ ރާޅެއް ދުވަހަކު ވެސް އެއް ގޮތެއް ނުވާނެއެވެ. އެހެންކަމުން އޭނާއަށް އެ ލިބެން ފެށީ އާ ރާޅަކާ ޖެހި އާ ރާޅެކެވެ. އެ ވަރުގެ ނަސީބެއް ވެސް އޭނާއަށް ލިބުމުން އެ ކަމުން އޭނާއަށްވުރެ އަހަރެން އުފާވެ، ހިތްހަމަޖެހުނު ބާވައޭ މިއީ މިހާރު ވެސް އަހަރެންގެ ހިތަށް ވަންނަ ސުވާލެކެވެ.
އޭނާ އެ ދުވަހު ބޮޑު ތަކުރުފާނު މަގުގައި ތޮށިގަނޑު މަތީގައި ހުރެގެން، ހުރިހާ ކަމެއް ވެސް މާތް ކަލާނގެ ގުދުރަތުން، އަހަރެމެން ޒާތެއްގެ "ވާނުވާ"އެއްގައި ތިއްބަސް، ވާނީ ރަނގަޅަށް ކަމަށް ގަބޫލުކޮށް، އެ ކަން "ރަސްމީ ގޮތުން" އަހަރެން ހެކިކޮށް، އެ ވާހަކަ ބުނީތީ މިއަދު އޭނާ އެ ހުރީ މާތް ކަލާނގެ ބަރަކާތުން ފުރިފައިވާކަން އަހަރެން ގަބޫލުކުރާހިތްވެއެވެ.
ބޭބެ ވެސް މިއަދު އަހަރެންނަށް ތިޔަ ދަސްކޮށްދިނީ އެ ފިލާވަޅެވެ. އަހަރެން ކުރި މަސައްކަތަކަށް، އަހަރެން ހޭދަކުރި ވަގުތާއި ހަކަތައަށްވާ އަގު ލިބެން ޖެހޭނެ ކަމެވެ. ކްލަޔަންޓް ކިތައްމެ އިހާނެތިކޮށް ކަންތައް ކޮށްފައި އޭގެ ފައިސާ ނުދިން ކަމަށް ވިޔަސްމެއެވެ. ކީރިތި ނަބިއްޔާ ހަދީސް ކުރެއްވި ފަދައިން ކޮންމެކޮންމެ ކްލަޔަންޓަކީ އަހަރެން މަސައްކަތްކޮށް ދާހިތްލައިފައި ހުއްޓައި، އެ ދާތައް ނުހިކެނީސް އެ ކަމުގެ އަގު އަހަރެންނަށް ނުދީފާނެ ކްލަޔަންޓަކަށް ވެދާނެއެވެ. ނަމަވެސް މާތް ކަލާނގެ ހައިބަތު އެއަށްވުރެ ބޮޑެވެ. އެހެންކަމުން އާދައިގެ އާދަމްގެ ދަރިއަކަށް އަހަރެން ބަރޯސާވާކަށް ނުޖެހޭތާއެވެ.
އަހަރެމެން ދެބެއިންގެ އެ ރަހްމަތްތެރިޔާއަށް ދިމާވި ގޮތުގެ މަތިން ކުއްލިއަކަށް ދާދި ދެންމެއަކު ހަނދާންވެފައި، ބޭބެގެ މި މެސެޖް އަދި ޕޮއިންޓް ހަމަ ދެންމެ އަހަރެންނަށް ގެޓްވީއެވެ. އަދި މިހެންވެ އުފަލުން ހަމަ މި ވައިބާ މެސެޖް ނުލިޔެލައި ނުހުރެވުނީއެވެ.
ބޭބެއަށް އަހަރެން ޝަރުތެއް ނެތި ކުރާ އިތުބާރަށް އަނެއްކާވެސް ބޮޅެއް އިތުރުވީއެވެ. ބޭބެ ދެކެ ހަގީގީ ލޯބި ވަނީ މި ފަދަ ކަންތައްތަކާ ހެދިކަން އަހަރެންނަށް އެންމެ ފަހުން މި ފަހުމް ވީ ވެސްމެއެވެ!
ބޭބެގެ މި "ހަރުކަށި ކުލުނު" ނުވަތަ އިނގިރޭސިން ކިޔާ ގޮތުން "ޓަފް ލަފް"އަށް އަނެއްކާވެސް ފަށްފަށުން ޝުކުރިއްޔާއެވެ.
އާއެނކެވެ. "ރަހްމަތްތެރިކަމަކީ، ބައެއް ފަހަރު، ހަރުކަށި ކުލުނު، ގާތްގުޅުމެއްގެ ލޯބިން ބޮސްދީފައި، އިހްތިރާމްގެ ޕެކެޖަކަށް ލައިފައިވާ އެއްޗެކެ"ވެ. މިއީ މަޝްހޫރު މީހަކު ބުނި ވާހަކައެއް ނޫނެވެ. މިއީ ހަމަ ދެންމެއަކު އަހަރެންގެ ސިކުނޑިއަށް އައި ޖުމްލައެކެވެ. އަހަރެންނަކީ ބޭބެގެ "ބެސްޓް ފްރެންޑް" ނުވަތަ "އެންމެ ގާތް ރަހްމަތްތެރިޔާ"ކަން އަހަރެންނަށް ވިސްނުނީ ދެނެވެ. ލޮލް!
ބޭބެ ދެކެ މިންނެތް މިންވަރަށް އަބަދުވެސް ލޯބިވާ،
ކޮއްކޮ



advertisment