Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: "ލަގްޒަރީ"އޭ ބުނެވޭ "މުއްސަނދިކަމު"ގެ އަސްލު މާނަ

އުމުރުން މިހާރު 95 އަހަރުވެފައިވާ ހޮލީވުޑްގެ ބަތަލު، ޑިރެކްޓަރު އަދި ޕްރޮޑިއުސަރު ކްލިންޓް އީސްޓްވުޑްއަކީ "ވީގަން"އެކެވެ. ޔައުނީ، ކެއިންބުއިމަށާއި އެހެން އެއްވެސް ބޭނުމަކަށް ވެސް އެއްވެސް ޖަނަވާރުންގެ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެއެވެ. ހުރިހާ ކަމެއް ފުއްދައިލަނީ ގަސްގަހާގެހިން ލިބޭ ވަސީލަތްތަކުންނެވެ.

ޒުވާން ޖީލަށް އޭނާގެ ހަޔާތުން ދައްކައިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ މިއެވެ:

"ލަގްޒަރީ" ނުވަތަ "މުއްސަނދިކަން" ހޯދުމަށް ތިބާގެ ގަޑި ނުވަތަ އުޅާގަނޑަށް ނުބަލައިށެވެ. ތިބާ ޗުއްޓީ ހޭދަކޮށްލަން ހަދައިފައި ހުންނަ "ވެކޭޝަން ހޯމް" ނުވަތަ "ޗުއްޓީ ގެ"އަށާއި ތިބާގެ ޔޮޓަށް ވެސް ނުބަލައިށެވެ!

ލަގްޒަރީއަކީ ހުނުމެވެ. ރަހްމަތްތެރިންނާއެކު އުޅުމެވެ. ވާރެއިން މޫނު ތެތްމައިލުމެވެ. ބައްދައިލުމެވެ. ދޮން ދިނުމެވެ.

ލަގްޒަރީ ހޯދާނީ ފިހާރަތަކަކުން ނޫނެވެ. ދޭ ހަދިޔާއަކީ ވެސް ލަގްޒަރީއަކަށް ވާކަށް ނުޖެހެއެވެ. ޕާޓީތަކާއި އެހެނިހެން ހަފުލާތަކުން ވެސް ލަގްޒަރީ ފެނޭތޯ މަސައްކަތް ނުކުރައިށެވެ!

ލަގްޒަރީގެ މާނައަކީ ލޯބި އަދި އިހްތިރާމް ލިބުމެވެ. ދުނިޔޭގައި ދިރިދެމި އަދި ސިއްހަތު ރަނގަޅަށް ހުރި މައިންބަފައިން ތިބުމެވެ. އަދި ތިބާގެ ކާފަމާމަދަރިންނާއެކު ކުޅެލައި އުޅުމުގެ ގާބިލިއްޔަތުކަން ހުރުމެވެ.

ލަގްޒަރީއަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫނެވެ.

  • ނޯޓް: ކޯރާ ފޯރަމްގައި ޑޯމަސް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ
  • ފޮޓޯ: މުސްކުޅި އުމުރުގައި ހަގީގީ ލޯބި ލިބޭ ވާހަކައެއް ކިޔައިދޭ ރޯބަޓް ޖޭމްސް ވޯލާގެ ވާހަކަ "ދަ ބްރިޖަސް އޮފް މެޑިސަން ކައުންޓީ"ގެ ފިލްމް ކްލިންޓް ޑިރެކްޓްކޮށް، އަދި އެ ފިލްމްގައި މެރިލް ސްޓްރީޕްއާއެކު. އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާގެ ހަތަރު އެވޯޑު ކްލިންޓަށް ވަނީ ލިބިފައި. އެއީ "އަންފޮގިވަން"އިން އެންމެ މޮޅު ފިލްމާއި ޑިރެކްޓަރުގެ މަގާމާއި އަދި ހަމަ އެ ދެ މަގާމު "މިލިއަން ޑޮލާ ބޭބީ"އިން.