Support Us

ހިޔާވެހި ހައުސިން ޕްރޮޖެކްޓްތަކަށް ބީއެމްއެލް އިން ލޯން ދޭން ފަށައިފި

ހިޔާވެހި ހައުސިން ޕްރޮޖެކްޓްތަކަށް ބީއެމްއެލް އިން ލޯން ދޭން ފަށައިފިއެވެ.

ސަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ %5 ގެ ރޭޓުގައި ފައިނޭންސިން ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

މި ސްކީމުގެ ދަށުން:

• ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)

• އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ

• އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.

"ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީވެސް ވަރަށް ބޮޑު ޒިންމާއެއް. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން. ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް،" ޝަރީފު ވިދާޅުވިއެވެ.

ބޭންކުން މިހާރުވެސް ދަނީ 1،400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުންނެވެ. ފައިނޭންސިން އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން https://gedhoruverin.gov.mv/ މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެއެވެ.