ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އދ. މަންދޫގައި ސެލްފް-ސަރވިސް ބޭންކިން އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޝަރީފް ވިދާޅުވީ އދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ގާއިމުކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
"އދ. އަތޮޅަކީ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި އަޅުގަނޑުމެންގެ ޚިދުމަތްތައް މުޅި އަތޮޅަށް ފުޅާކުރުމުން މި އަތޮޅުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އަދި މާލީ ޚިދުމަތްތަކާއެކު އަތޮޅުގެ އިގްތިސާދު އިތުރަށް ކުރިއަރައިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ވަނީ މަންދޫގެ އިތުރުން ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައިވެސް މި ހަފްތާތެރޭގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ.
"މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 192 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 250 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ." ބީއެމްއެލް އިން ބުނެއެވެ.



advertisment

