Support Us

ކޮލަމް: މީތިނުކިޔާތި

އީވާން ނަސީމުގެ މަރު- ގައިދީންގެ ގަޔަށް ބަޑި ޖެހުމަށް 22 އަހަރުވުން އަދި "ސިޔާސީ" ވާހަކަ

މިދިޔަ މަހުގެ 19 އާއި 20 އަކީ މި ރާއްޖޭގެ ފަހުގެ ތާރީހެއްގައި ސިޔާސީ މިސްރާބު ބަދަލުކޮށްލި އެންމެ ބޮޑު ހާދިސާއަށް 22 އަހަރު ފުރުނު ވަގުތެވެ.

ހުކުރު ދުވަހެއްގެ ރޭ ކަމަށްވި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގައި، ކ. މާފުށީ ޖަލުގައި ގައިދީ، މ. އޭޝިއާ، ހަސަން އީވާން ނަސީމު، 19، އަށް 12 އޮފިސަރުން ކުރި ރަހުމުކުޑަ އަނިޔާތަކަށް ފަހު އޭނާ މަރުވިއެވެ. ޖެހިގެން އައި ދުވަހު ގައިދީންނަށް އެ ޚަބަރު ލިބުމުން ޖަލުގައި އެ މީހުން ފެށި ހަޅުތާލާއި ހަމަނުޖެހުމުގެ ތެރޭގައި ދިވެހި ސިފައިން ބަޑިޖެހުމުގެ ސަބަބުން 20 މީހެއްގެ ގަޔަށް ވަޒަން އެރިއެވެ. އޭގެ ތެރެއިން 15 މީހުންގެ ގަޔަށް ކަކުލުން މަށްޗަށް އަދި ނުވަ މީހެއްގެ ގަޔަށް ސީދާ ފުރަގަހުން ވަޒަން އެރިއެވެ.

ތާރީހު ދިރާސާކުރާ މީހުން ބައެއް ގައުމުތަކުގައި ހިނގާފައިވާ މި ފަދަ ހާދިސާތައް ސިފަކޮށްފައި ހުންނަނީ އެ ފަދަ ބައެއް މަރުތަކަކީ އެ ގައުމުތަކުގެ ތާރީހު ބަދަލުކޮށްލި މަރުތަކެއްގެ ގޮތުގައެވެ.

ޖޫލިއަސް ސީޒާ މަރާލުމާއެކު އެއިރުގެ ދުނިޔޭގެ ބޮޑު ބާރު ކަމަށްވާ ރޯމަނުންގެ ތާރީހީ މިސްރާބު ބަދަލުކޮށްލިއެވެ.

އިސްލާމީ ތާރީހުގެ ދެވަނަ ފިތުނައިގައި ކީރިތި ރަސޫލާގެ ކާފަދަރިކަލުން ހުސައިންގެފާނު ޝަހީދުކޮށް، ހަންޖަރެއްގެ ކޮޅަށް އެ ކަލޭގެފާނުގެ އިސްތަށިފުޅު ޖަހައިގެން ޔަޒީދުގެ ކުރިމައްޗަށް ގެންދިޔަ ހާދިސާއަކީ އިސްލާމީ ތާރީހު ބަދަލުކޮށްލި އެންމެ މުހިންމު އެއް ހާދިސާއެވެ.

ސަރަޔޭވޯގައި 1914 ވަނަ އަހަރު އޮސްޓްރޯ-ހަންގޭރިއަން އެމްޕަޔަރުގެ ވަލީއަހުދު އާކްޑިޔުކު ފްރާންޒް ފާރޑިނަންޑް މަރައިލި ހާދިސާއަކީ މުޅި ދުނިޔެ ބަދަލުކޮށްލި ފުރަތަމަ ބޮޑު ހަނގުރާމައިގެ ފެށުމެވެ.

މާޓިން ލޫދާ ކިންގް ޖޫނިއާ މަރައިލުން ވެގެން ދިޔައީ އެމެރިކާ އަދި މުޅި ދުނިޔޭގައި ވެސް ނަސްލީ ތަފާތުތައް ނައްތައިލަން ކުރި މަސައްކަތުގެ އެންމެ މުހިއްމު ހާދިސާއަށެވެ.

އީރާނުގެ ހަރުކަށި ސިފައިން އަނިޔާކޮށް 2022 ގައި މަރައިލި މަހްސާ އަމީނީގެ ޒިކުރާ މިހާރު ވެފައިވަނީ އީރާން ބަދަލު ކޮށްލުމަށް ކުރާ މަސައްކަތުގެ މައި ތަނބަކަށެވެ.

މި ފަދަ މަރުތަކުގެ ޒިކުރާ އައުކޮށް، އެ ހާދިސާތައް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރެއެވެ. ލިޔުންތެރިން އެ ކަންކަމާ ބެހޭ ގޮތުން ލިޔުންތައް ލިޔެއެވެ. ޑޮކިޔުމެންޓަރީތަކާއި ފިލްމުތައް ހަދައެވެ.

އެ ފަދަ ހާދިސާތަކުގެ ޒިކުރާ އައު ކުރަނީ އެ ގައުމުތަކުގެ، ދީންތަކުގެ، ނުވަތަ ފިކުރުތަކުގެ ދިރުންކަމުގައި އެ ފަދަ ހާދިސާތައް ހިމެނިފައިވާތީއެވެ.

މި ކަމާ ވިސްނައިލުމުން އަޅުގަނޑުގެ ހިތަށް އެރީ މި ރާއްޖޭގައި މިހާރު ދިރިތިބި ޖީލުގެ މީހުންގެ ފިކުރު ބައްޓަން ކުރެވެމުން މި ދަނީ ކޮން ކަމެއްގެ މައްޗަށް ބާވައެވެ؟

ޤައުމެއްގެ، މުޖްތަމައެއްގެ ނުވަތަ ފިކުރެއްގެ ދިރުން ބިނާވަނީ އެ ބަޔަކު ވިސްނައި، ވާހަކަ ދައްކައި، ހިޔާލުބަދަލުކޮށް ހަދައި ކަމެއްގެ މައްޗަށެވެ.

މި ދިޔަ ފަނަރަ، ވިއްސަކަށް އަހަރު ދިވެހިންގެ ޓީވީތަކާއި، ކޮފީ މޭޒުތަކާއި، ސޯޝަލް މީޑީއާ އާއި "ސިޔާސީ ފެންޑާ"ތަކުގައި ކެނޑިނޭޅި ދެއްކީ 'ސިޔާސީ' ވާހަކައެވެ. ފަނަރަ ވިހި އަހަރު މި ފަދަ 'ސިޔާސީ' ވާހަކަ ދެކެވުނުއިރު އެ ވާހަކަތަކުގައި ކޮންމެވެސް ބުރަދަނެއް ހުރި، މަޝްހޫރު ވިސްނުންތެރިންގެ ނަންތަކާއި ހިޔާލުތައް ހިމެނިފައިވާނެތާއެވެ.

ނޫނެކެވެ. އެހެނެއް ނޫނެވެ.

މި ރާއްޖޭގައި ދެކެވުނު ސިޔާސީ ވާހަކައެއްގައި އަފްލާތޫނު، ސުގްރާތު، ނުވަތަ އަރިސްތޫގެ ވާހަކައެއް އިވުނު ހެއްޔެވެ؟ ނޫހަކުން ވެސް، ނިކޮލޯ މަކިއަވެލި، ކާލް މާކްސް، އަދި ޖޯޖް އޯވެލް ކަހަލަ ލިޔުންތެރިއެއްގެ ހިޔާލަކަށް ރިއާޔަތްކޮށް ލިޔެފައި އޮތް ލިޔުމެއް ދުށިން ހެއްޔެވެ؟

މި ގައުމުގެ އިލްމުވެރިން ދައްކާ ސިޔާސީ ވާހަކައެއްގައި އިބްނި ސީނާ، އިބްނުލް އަރަބީ، އަލްޣަޒާލީ، އިބްނު ރުޝްދު، އަދި އިބްނި ހަލްދޫން ފަދަ މުސްލިމުންގެ ރަންޒަމާނުގެ އިލްމުވެރިންނާއި ފަލްސަފާވެރިންނާއި ސިޔާސީ މުދައްބިރުންގެ ވާހަކަތަކެއް ކިޔައިދޭ ހެއްޔެވެ؟

މި ރާއްޖޭގެ ޓީވީއަކުން ދުވަހަކު ވެސް ލޮކް، ހޮބްސް، ނުވަތަ ރޫސޯގެ ހިޔާލެއް އިވުނު ހެއްޔެވެ؟

މި ބުނި އެއްވެސް ނަމެއް ނަންނުގަނެ، 22 އަހަރު ވަންދެން ޓީވީތަކާއި ކޮފީ މޭޒުތަކުގައި މި ދެއްކީ  ދެން ކޮން 'ސީޔާސީ' ވާހަކަތަކެއް ހެއްޔެވެ؟ މި ބުނި ނަންތަކާ ނުލައި ދެއްކޭނެ ހަގީގީ 'ސިޔާސީ' ވާހަކައެއް އޮވެދާނެ ބާވައެވެ؟

ބާވީސް އަހަރުގެ ސިޔާސީ ވާހަކަތައް މި ބިނާ ކުރެވުނީ ކޮންމެ ދުވަހަކު ހޭލައިގެން ނޫސްތައް ބަލައިލައިއިރު އޮންނަ ސިޔާސީ 'ބޮޑު' ހަބަރަކަށެވެ. އެވެނި ބޭފުޅަކު މިވެނި ބޭފުޅަކަށް ތާއީދު ކުރައްވައިފި ނުވަތަ އެވެނި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ކަހަލަ 'ބޮޑު' ހަބަރަކަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި، ކޭބަލް ކާރު އަޅައި ދާއިރާގެ މެމްބަރު އެއް ނޭވާއިން މިއަދު ގޮއްވެވީ ކިހާ އަވަގުރާނައެއްތޯ ބަލައި، އެ ކަމާ ހީ މަޖާ ކުރާ ސިޔާސީ ވާހަކައެވެ. އެ މަނިކުފާނު މަޖިލިސް ދޮރުމަތީ ބޮއްތާލައްވައިގެން އޮންނެވި ވީޑިއޯ ނުވަތަ އަވަގުރާނަ ގޮވާ ވީޑިއޯ އެކަކު އަނެކަކަށް ވައިބާއިން ފޮނުވުމުގައެވެ.

މެކްބުކަކާއި ކާއްޓެއް ހިއްޕަވައިގެން ޓޫރިޒަމް ޕްރޮމޯޓް ކުރަން ކުރިން އިންނެވި ވަޒީރު ވައިކުޑައިގައި ދެން ތިރިކޮށްލައްވައިނީ ކޮން ސިޔާސީ ޕާޓީއެއްގެ ފުރާޅު މައްޗަށްތޯ ކުރެވޭ އިންތިޒާރުގައެވެ.

ގައިދީ އީވާނަށް އަނިޔާކޮށް މަރައިލި ހާދިސާ އާއި ދިވެހި ސިފައިން ބަޑި ޖެހުމުގެ ސަބަބުން 20 މީހެއްގެ ގަޔަށް ވަޒަން އެރި ހާދިސާއަކީ އަޅުގަނޑުގެ ހިތުން މި ފަހުގެ ތާރީހެއްގައި މި ރާއްޖޭގެ ތާރީހު ބަދަލުކޮށްލި އެންމެ މުހިންމު ހާދިސާއެވެ.

މި ހާދިސާ އަށް 22 އަހަރު ފުރުނު ދުވަހު މި ރާއްޖޭގެ ހުރިހާ ނޫސްތަކުން މި ކަން ހަނދާން ނައްތައިލީ މި ގައުމުގެ އިޖުމާލީ ވިސްނުމުގައި މި ކަމަށްވުރެ މާ މުހިންމު މާ ގިނަ ކަންތައްތަކެއް ހިނގައިތީ ބާވައެވެ؟ ހުރިހާ ޓީވީތަކުން ވެސް މި ކަމަށް ލޯ މަރައިލައިގެން ތިބި ކަހަލައެވެ. ލިޔުންތެރިއެއްގެ ހަވާސާގައި ވެސް މި ވާހަކަ ނެތެވެ.

މި ހާދިސާއިން ފައިދާ ނަގައިގެން އެ ބައެއްގެ ސިޔާސީ ހަޔާތް ކުރިއެރުވި، މިހާރު މި ރާއްޖޭގެ އެންމެ ބޮޑެތި ސިޔާސީ ބޭފުޅުން ވެސް މި ކަމާ ހަމަ ޗުއްޕު ވެސް ވިދާޅެއް ނުވެއެވެ.

ވަރުވަރުން ނަން ހުސްކޮށް ހުރި ކޮމިޝަންތަކުންނާއި ސިޔާސީ ޕާޓީއަކުން ވެސް، އަނިޔާ ލިބުނު އާއިލާތަކުގެ ދިރިތިބި ހިތްތަކަށް ފިނިކަމެއް ލިބޭނެ ފަދަ ބަހެއްހާ ހިސާބު ވެސް ބުނެ ނުލައެވެ.

އާނއެކެވެ! މުޖްތަމައެއްގެ ވިސްނުން ބިނާވާނީ އެ ބަޔަކު ވިސްނައި، ވާހަކަ ދައްކައި، ހިޔާލު ބަދަލުކޮށް ހަދައި ކަމެއްގެ މައްޗަށެވެ. ކޮންމެ ދުވަހަކު ހޭލާއިރު ގައުމުގައި ހިނގާ 'ބޮޑު' ސިޔާސީ ހަބަރެއްގެ ގޮތުގައި ޓީވީތަކާއި، ނޫސްތަކާއި، ކޮފީ މޭޒުތަކުގައި މެމްބަރަކު ގޮވާ އަވަގުރާނައިގެ ވާހަކަ ދެކެވޭ ނަމަ، ސިޔާސީ ވާހަކައިގެ އިތުރުން މުޅި ގައުމުގެ ހުރިހާ ވިސްނުމަކާއި ފިކުރެއްގެ ވުޖޫދު ވެސް އޮންނާނީ އަވަގުރާނަ ގޮވުމާ ހިސާބުގައެވެ.

އަޅުގަނޑުގެ ހިތަށް އައީ މި ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުރި އިނގިރޭސި އެމްބެސެޑަރަކު އިނގިރޭސި ޑިމޮކްރަސީއާ ބެހޭ ގޮތުން ބުނި ޖުމްލައެކެވެ. "މެގްނާ ކާޓާ"އިން ފެށިގެން "ރިފޯމް އެކްޓަ"ށް އިނގިރޭސިން ކުރި ދަތުރަށް 500 އަހަރު ނެގިއެވެ.

މި ރާއްޖެއަށް ޑިމޮކްރަސީ އައީ ގައިދީ އީވާން މަރައިލައި، ޖަލުގައި ބަޑި ޖެހި ހާދިސާއަށް ފަހު ދެ ތިން އަހަރަކަށް ދެމިގެންދިޔަ "ގައުމީ ކޮޅިގަނޑެއް"ގެ ތެރޭގައެވެ. އެ ހުރިހާ ކަމެއްގެ ތެރޭގައި އިސްކޮށް އުޅުނު އެންމެން ކަހަލަ ގޮތަކަށް އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. ނަމަވެސް އެ ހާދިސާއަށް 22 އަހަރު ފުރުނުއިރު "ކަހައި ތަން ހިރުވައި ވެސް ނުލައި" ކަހަލައެވެ.

ނޯޓް: އިބްރާހީމް ނައީމް އިސްމާއީލުގެ ލިޔުއްވުމަކުން